Roadha Mihaaru
ވިޔަފާރި ފުޅާކުރަން ޗައިނާއިން އިތުރު ފްލައިޓުތައް

ޓޫރިސްޓުންނާއި ވިޔަފާރި ފުޅާކުރަން އިތުރު ފްލައިޓުތައް ބާއްވާނެ ކަމުގެ ޔަގީންކަން ޗައިނާ އިން ދީފި

08 ޑިސެމްބަރ 2023

ވިޔަފާރި އާއި ޓޫރިސްޓުން އިތުރުކުރަން އިތުރު ފްލައިޓުތަކާ އެކު، ތަރައްގީގެ މަޝްރޫއުތައް ރާއްޖޭގައި ހިންގާނެ ކަމުގެ ޔަގީންކަން ޗައިނާ އިން ދީފި ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ވިޔަފާރި އާއި ޓޫރިސްޓުން އިތުރުކުރަން އިތުރު ފްލައިޓުތަކާ އެކު، ތަރައްގީގެ މަޝްރޫއުތައް ރާއްޖޭގައި ހިންގާނެ ކަމުގެ ޔަގީންކަން ޗައިނާ އިން ދީފި ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.

"ޗައިނާ-އިންޑިއަން އޯޝަން ރީޖަން ފޯރަމް އޮން ޑިވެލޮޕްމަންޓް ކޯޕަރޭޝަން"ގައި ބައިވެރިވެވަޑައިގަތުމަށް، ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފާ އެކު ޗައިނާ އަށް ކުރައްވާ ދަތުރުގެ ބައްދަލުވުންތަކަށް ފަހު، މިނިސްޓަރު ސައީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގައި ދެ ގައުމު މެދުގައި އިތުރު ފްލައިޓުތައް ބާއްވައި، އިންވެސްޓްމަންޓާއި ތަރައްގީގެ އިތުރު މަޝްރޫއުތައް ކުރިއަށް ގެންދާނެކަމުގެ ފުރިހަމަ ޔަގީންކަން އެ ގައުމުގެ ސަރުކާރުން ދީފައިވާ ކަމަށެވެ.

އެހެންވެ، އޭގެ ބަދަލުތައް ފެނިގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ނަތީޖާ އަށް ހެޔޮ ބަދަލެއް އަންނާނެ އުއްމީދީ ދުވަސްތަކެއް. އިންޝާﷲ،"" ސައީދު ވިދާޅުވި އެވެ.

ޗައިނާއަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ރާއްޖެއާ ގާތް ގުޅުމެއް އޮތް ގައުމެކެވެ. އޭގެ ނަތީޖާއަކަށް ވެގެން ދިޔައީ، އެ ސަރުކާރުގައި ހިންގި ތަރައްގީގެ އެންމެ ބިޔަ މަޝްރޫއުތަކުގެ ބައިވެރިޔާ އަށް އެ ގައުމު ވެގެން ދިއުމެވެ.

ނަމަވެސް އެންމެ ފަހުން ވެރިކަން ކުރެއްވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ޗައިނާ އަށް ވުރެ ބޮޑަށް ގުޅުން ބަދަހިކުރީ އިންޑިއާއާ އެވެ. އެހެންވެ، ޔާމީންގެ ވެރިކަމުގައި ރާއްޖޭގައި ހިންގި ވަރުގެ ބިޔަ އިންވެސްޓްމަންޓްތަކާއި ތަރައްގީގެ މަޝްރޫއުތަކުން ޗައިނާ އޮތީ އެކަހެރިވެފަ އެވެ.

މާލެ އާއި ހުޅުމާލެ ގުޅުވާލި "ސިނަމާލެ" ބްރިޖު ހެދީ ޗައިނާގެ ސަރުކާރުގެ އެހީ އަދި އެ ގައުމުން ދިން ލޯނެއްގެ ދަށުންނެވެ. އޭގެ އިތުރުން ހުޅުމާލެ 2 ގައި ހަދާފައިވާ ހިޔާ ފްލެޓުތަކަކީ ވެސް ޗައިނާގެ ސަރުކާރުގެ ލޯނަކުން ހެދި ތަނެކެވެ. އެއީ ވެސް ޔާމީންގެ ސަރުކާރުގަ އެވެ.