Roadha Mihaaru
200 ހަމަކުރަން ސަލާހަށް ބޭނުންވަނީ އެކެއް

200 ހަމަކުރަން ސަލާހަށް ބޭނުންވަނީ އެކެއް

01 ޑިސެމްބަރ 2023

ލިވަޕޫލް (ޑިސެމްބަރު 1) - ޔޫރޮޕާ ލީގުގައި އޮސްޓްރިއާގެ ލަސަކްއާ ދެކޮޅަށް ލަނޑު ޖަހައި، ލިވަޕޫލްގައި 200 ލަނޑު ހަމަކުރުމަށް އެންމެ ލަނޑަކާ ކައިރިއަށް މުހައްމަދު ސަލާހް ޖެހިލައިފި އެވެ.

ލިވަޕޫލް (ޑިސެމްބަރު 1) - ޔޫރޮޕާ ލީގުގައި އޮސްޓްރިއާގެ ލަސަކްއާ ދެކޮޅަށް ލަނޑު ޖަހައި، ލިވަޕޫލްގައި 200 ލަނޑު ހަމަކުރުމަށް އެންމެ ލަނޑަކާ ކައިރިއަށް މުހައްމަދު ސަލާހް ޖެހިލައިފި އެވެ.

އެންފީލްޑްގައި ކުޅުނު މެޗުގެ ދެވަނަ ހާފުގައި ލިބުނު ޕެނަލްޓީއެއް ވައްދާލައި، ސަލާހް ވަނީ ލިވަޕޫލަށް އޭނާގެ 199 ވަނަ ލަނޑު ޖަހައި ދީފަ އެވެ.

ލަސްކްއާ ދެކޮޅަށް ކުޅުނު މެޗު ލިވަޕޫލުން ކާމިޔާބު ކުރީ 4-0 ންނެވެ. މެޗުން މޮޅުވެ އެ ޓީމު ވަނީ އަނެއް ބުރަށް ދަތުރުކޮށްފަ އެވެ. އަދި އެ ގުރޫޕްގައި ހިމޭނެ އަނެއް ދެ ޓީމު ކަމަށްވާ ފްރާންސްގެ ޓޮލޫސް އާއި ބެލްޖިއަމްގެ ޔޫނިއަން ސެއިންޓް-ގިލޮއިސް ކުޅުނު މެޗު ލަނޑެއް ނުޖެހި އެއްވަރުވުމުން، ބާކީ އެއް މެޗު އޮއްވައި ލިވަޕޫލަށް ވަނީ ގުރޫޕް އީ ގެ އެއްވަނަ މަގާމު ވެސް ކަށަވަރު ވެފަ އެވެ. ލިވަޕޫލަށް 12 ޕޮއިންޓެވެ. ދެވަނައިގައި އޮތް ޓޮލޫސް ދެން ކުޅޭ މެޗުން މޮޅުވިޔަސް ލިބޭނީ 11 ޕޮއިންޓެވެ. ކޮންމެ ޓީމަކަށް ވެސް ބާކީ އޮތީ އެންމެ މެޗެކެވެ.

ރެއަކީ ހުރިހާ ގޮތަކުން ވެސް ލިވަޕޫލަށް ހިތްހަމަޖެހުން ބޮޑުވި ރެއެކެވެ. ގުރޫޕްގެ އެއްވަނަ އާއި ދެވަނަ ބުރުގެ ޖާގަ ކަށަވަރު ވުމުގެ އިތުރަށް، އަނީޔާގެ މައްސަލައެއް ކުރިމަތިނުވެ ކޯޑީ ގަކްޕޯ ދެ ލަނޑު ޖެހުމާއި، ބަދަލު ކީޕަރު ކޯމިން ކެލްހާ ކޮޅަށް ބައިކޮޅަށް ގޯލެއް ނުވަދެ މެޗު ނިންމާލެވުމަކީ ލިވަޕޫލްގެ ކޯޗު ޔާގަން ކްލޮޕަށް ލިބޭނެ ބޮޑު ހިތްހަމަޖެހުމެކެވެ.

ލަނޑު ޖެހުމުގައި ރަނގަޅު ފޯމެއްގައި ހުރި ލުއިސް ޑިއާޒް، ވަނީ ރޭ ގެ މެޗުގައި ވެސް ލަނޑު ޖަހައިފަ އެވެ. ލިވަޕޫލްގެ ފުރަތަމަ ލަނޑު، 12 ވަނަ މިނެޓްގައި އޭނަ ޖެހީ ޖޯ ގޯމޭޒް ތަނަވަސްކޮށް ދިން ފުރުސަތަކުންނެވެ.

ގަކްޕޯގެ ފުރަތަމަ ލަނޑު އޭނާ ޖެހީ އޭގެ ތިން މިނެޓް ފަހުންނެވެ. ދެން ދެވަނަ ހާފު ފަށައިގެން ކުރީކޮޅު، ޕެނަލްޓީން ސަލާހް ލިވަޕޫލަށް ނަތީޖާ ފުޅާކޮށްދިނެވެ. ހަތަރުވަނަ ލަނޑު ގަކްޕޯ ޖެހީ މެޗުގެ އިތުރު ވަގުތުގެ ދެވަނަ މިނެޓްގައި ޓްރެންޓް އެލެގްޒެންޑާ އާނޯލްޑް ހޯދައިދިން ފުރުސަތުގަ އެވެ.