Roadha Mihaaru
މަންޑޭގެ މައްޗަށް 225 ދައުވާ ކުރާނަން: ޕީޖީ

މަންޑޭގެ މައްޗަށް 225 ދައުވާ ކުރާނަން: ޕީޖީ

30 ނޮވެމްބަރ 2023

ހުޅުމާލޭގައި ހަދަމުންދާ ކޭ ޕާކް އެޕާޓްމެންޓްތައް ވިއްކުމުގެ ނަމުގައި ގިނަ ބައެއްގެ އަތުން ފައިސާ ނެގި މައްސަލާގައި ހަސަން މަމްދޫހު (މަންޑޭ) އާއި އިތުރު ބަޔަކަށް ތުހުމަތު ކުރެވޭ މައްސަލާގައި 225 ދައުވާ ކުރެވޭނެ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވެއްޖެ އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ހުޅުމާލޭގައި ހަދަމުންދާ ކޭ ޕާކް އެޕާޓްމެންޓްތައް ވިއްކުމުގެ ނަމުގައި ގިނަ ބައެއްގެ އަތުން ފައިސާ ނެގި މައްސަލާގައި ހަސަން މަމްދޫހު (މަންޑޭ) އާއި އިތުރު ބަޔަކަށް ތުހުމަތު ކުރެވޭ މައްސަލާގައި 225 ދައުވާ ކުރެވޭނެ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވެއްޖެ އެވެ.

ފްލެޓް ވިއްކުމުގެ ނަމުގައި ގިނަ ބައެއްގެ ފައިސާ ނެގި ކަމުގެ ތުހުމަތުގައި މަންޑޭ ހައްޔަރު ކުރުމަށްފަހު މިހާރު ދޫކޮށްލާފައި ވިޔަސް މަންޑޭގެ އަގުބޮޑު އެޕާޓްމެންޓާއި އަގުހުރި ސާމާނުތައް ފުލުހުން މިހާރު ހިފަހައްޓައިފަ އެވެ.

ޕީޖީ އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޝަމީމް ވިދާޅުވީ އެ މައްސަލާގައި މިހާތަނަށް ލިބިފައި ހުރި ހެކިތަކަށް ބަލާއިރު 225 ދައުވާ މަންޑޭގެ މައްޗަށް ކުރެވޭނެ ކަމަށެވެ. އަދި އެ މައްސަލާގައި ތުހުމަތު ކުރެވޭ އިތުރު ދެ މީހަކު އެބަތިބި ކަމަށާއި އަދި ސައްހަ ނޫން ލިޔުން އުފެއްދުމުގެ ދައުވާ އާއި އޮޅުވާލުމުގެ ދައުވާގެ އިތުރުން ޓެކުމުގެ ދައުވާ އާއި މަނީ ލޯންޑްރިންގެ ދައުވާތައް ވެސް މައްޗަށް ކުރުމަށް ވިސްނަމުންދާ ކަމަށް ޝަމީމް ވިދާޅުވި އެވެ.

"ކޮންމެ މީހަކަށް ވަކިން ޓެކުން، ކޮންމެ މީހަކަށް ވަކިން މަކަރާއި ހީލަތް ވީމަ ވަކިވަކި ދައުވާތަކެއް މި ކުރަނީ. އެހެންވީމަ ކޮންމެ ބައި ވަކިން ދައުވާ ކުރާތީ ދައުވާތައް ގިނަވަނީ. އެހެން ނަމަވެސް އަދަބު ވެސް ލިބެން ޖެހޭނީ ކޮންމެ އެއްޗަކަށް ވަކިން." ޝަމީމް ވިދާޅުވި އެވެ.

ޝަމީމް ވިދާޅުވީ ގިނަ ދައުވާތަކެއް އެ މައްސަލާގައި ކުރަނީ ގިނަ ބަޔަކަށް މަކަރާއި ހީލަތް ހަދާފައިވާތީ ކަމަށެވެ. އެގޮތުން 41 އެޕާޓްމެންޓެއް 107 މީހަކަށް ވިއްކާފައިވާ ކަމަށާއި އެހެންވެ، ކޮންމެ މީހެއްގެ ބައި ވަކިން ދައުވާ ކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެހެން ނޫނިއްޔާ މި ބުނެވެނީ ގިނައިން ވައްކަން ކުރާށޭ. ގިނައިން ކުރާ މީހަކަށް ވަކި ތަފާތެއް ނުގެނެވެންޏާ ފިސާރި ރަނގަޅަށް ވައްކަން ކުރާށޭތާ އެ ބުނެވެނީ. އެއީ ގާނޫނު މާނަ ކުރާނެ ގޮތެއް ނޫން. އެހެންވީމަ ކޮންމެ މައްސަލައަކަށް ކޮންމެ މީހަކަށް ވަކިން މި ދައުވާ ކުރަނީ." ޝަމީމް ވިދާޅުވި އެވެ.

ޕީޖީ އޮފީހުން މިއަދު ވަނީ މަންޑޭ ދިރިއުޅޭ އެޕާޓްމެންޓާއި އެގެއިން ފެނުނު އަގުބޮޑު ސާމާނުތައް ދައްކާލައިފަ އެވެ. އޭގެ ތެރޭގައި އަގުބޮޑު އަތް ދަބަހާއި ގިނަ އަދަދެއްގެ ސެންޓާއި ގަހަނާ ވެސް ހިމެނެ އެވެ. އެ ތަކެތީގެ އަގު ހަތް މިލިއަން ރުފިޔާއަށް އަރާނެ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.

މަންޑޭގެ މައްޗަށް 225 ދައުވާ ކުރާނެ ކަމަށް ޕީޖީ އޮފީހުން ބުނިއިރު، މިއީ އެކަކުގެ މައްޗަށް މިހާ ގިނަ ދައުވާތަކެއް ކުރާނެ ފުރަތަމަ ފަހަރެވެ.