Roadha Mihaaru
ގަދަ 10 ހޮވުމަކީ ހުއްޓާލަންޖެހޭ ކަމެއް: މިނިސްޓަރު

އޯލެވެލް/އޭލެވެލް ގަދަ 10 ހޮވުން ހުއްޓާލަންޖެހޭ: މިނިސްޓަރު

22 ނޮވެމްބަރ 2023

އޯ ލެވެލް އަދި އޭ ލެވެލް އިމްތިހާނުގެ ނަތީޖާއަށް ބަލައި ގައުމީ ގަދަ 10 ހޮވުން ހުއްޓާލަންޖެހޭ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު އިއްޔެ ވިދާޅުވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އޯ ލެވެލް އަދި އޭ ލެވެލް އިމްތިހާނުގެ ނަތީޖާއަށް ބަލައި ގައުމީ ގަދަ 10 ހޮވުން ހުއްޓާލަންޖެހޭ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު އިއްޔެ ވިދާޅުވެއްޖެ އެވެ.

އާ ސަރުކާރުގެ އެޑިއުކޭޝަން މިނިސްޓަރު "މިހާރު" އަށް ވިދާޅުވީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ވެރިކަމުގައި ގަދަ 10 ހޮވަން ފެށީ އާއްމުންނަށް ތައުލީމުގެ މުހިއްމުކަން އަންގައިދޭން ކަމަށެވެ. އޭރުގެ ހާލަތަށް ބަލާއިރު، ރަށްރަށުގައި ސްކޫލުތައް ނެތުމާއި އަންހެން ކުދިން ސްކޫލަށް ނުދިއުމުގެ މައްސަލަތައް ހުއްޓަސް، މިހާރު ތައުލީމީ ދާއިރާ ބަދަލުވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ރާއްޖޭގެ ހުރިހާ ރަށެއްގައި ކަހަލަ ގޮތަކަށް މިހާރު ސްކޫލުތައް ހުޅުވާފައިވާއިރު އަދި އާބާދީ ކިތަންމެ ކުޑަ ވިޔަސް އެ ތަނެއްގައި ހަދަމުން އަންނަނީ ކެމްބްރިޖް އިމްތިހާނުކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.

މިއީ ހަމަ އަޅުގަނޑުމެން ވިސްނައި، ފިކުރުކުރަން ޖެހޭ ކަމެއް. ހުއްޓާލެވެން އޮތް ކަމުގައި ވަންޏާ ހުއްޓާލަންޖެހޭ ކަމެއް [ގަދަ 10 ހޮވުމަކީ]: މިނިސްޓަރު

އެހެންވެ، އެ ސަބަބުތަކާ ހެދި، މިހާރު މި ބާއްވާ ގޮތަށް ބޮޑެތި ރަސްމިއްޔާތުތަކުގައި އޯ ލެވެލް އަދި އޭ ލެވެލްގައި އެންމެ މޮޅެތި ދަރިވަރުންނަށް އެވޯޑު ދިނުމަކީ ގަބޫލުކުރެވޭ ކަމެއް ނޫންކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑަށް ގަބޫލެއް ނުކުރެވޭ މިހާރު މިއޮތް ގޮތަކަށް، ވަރަށް ބޮޑެތި ސެރެމޯނިއަލް އިވެންޓްސްތަކެއްގެ ގޮތުގައި، ޓޮޕް އެޗީވާސް، ހައި އެޗީވާސް ސެރެމަނީ ބޭއްވުމަކީ އަޅުގަނޑު ޕާސަނަލީ، އޭޒް އަ ޕޭރެންޓް އަޅުގަނޑު ގަބޫލުކުރާ ކަމެއް ނޫން. އަދި ޓީޗަރެއްގެ ގޮތުގައި އަޅުގަނޑު މަސައްކަތްކުރިއިރު ވެސް އަޅުގަނޑު އެހާ ތާއީދުކުރި ކަމެއް ނޫން،"

"އަޅުގަނޑަށް ގަބޫލުކުރެވެނީ މި ދާއިރާގައި ކޮންމެ ވެސް ވަރަކަށް މަސައްކަތްކޮށްފައި ހުރި މީހެއްގެ ހައިސިއްޔަތުން އަދި ޔުނިވާސިޓީގައި ވެސް ޓީޗާ ޓްރެއިނިންގައި އުޅެފައި ހުރި މީހެއްގެ ހައިސިއްޔަތުން އަޅުގަނޑަށް ގަބޫލުކުރެވެނީ އަޅުގަނޑުމެންގެ ދާއިރާގައި ހަމަ ޖެނެރަލްކޮށް މި ދާއިރާގެ އެކްސްޕާޓުން ލެވެލްގައި ހަމަ އެއްގޮތަކަށް ވެސް ތާއިދުކުރެވޭ ކަމެއް ނޫނޭ އަޅުގަނޑު ދަންނަވާލާނީ. މިއީ ހަމަ އަޅުގަނޑުމެން ވިސްނައި، ފިކުރުކުރަން ޖެހޭ ކަމެއް. ހުއްޓާލެވެން އޮތް ކަމުގައި ވަންޏާ ހުއްޓާލަންޖެހޭ ކަމެއް [ގަދަ 10 ހޮވުމަކީ]." މިނިސްޓަރު ވިދާޅުވި އެވެ.

އާ ސަރުކާރުގެ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު "މިހާރު" އަށް އިއްޔެ އިންޓަވިއުދެއްވަނީ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

އާ ސަރުކާރުގެ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު "މިހާރު" އަށް އިއްޔެ އިންޓަވިއުދެއްވަނީ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

ގަދަ 10 ހޮވާތީ ދަރިވަރުންނަށް ވަރަށް ބޮޑެތި ޕްރެޝަރުތައް ކުރިމަތިވާކަން، ބެލެނިވެރިއެއްގެ ހައިސިއްޔަތުން ވެސް ގަބޫލުކުރައްވާ ކަމަށް ޝަފީއު ވިދާޅުވި އެވެ. އެއާ އެކު، ނަފްސާނީ ދުޅަހެޔޮކަމަށް އަސަރުކޮށް، ސްކޫލުތަކުގެ މެދުގައި ނުރަނގަޅު ވާދަވެރިކަމެއް އުފެދިގެންދާ ކަމަށާއި އެކަމުގެ ސަބަބުން އަޅާލުމާއި އެހީތެރިކަން އެންމެ ބޭނުންވާ ދަރިވަރުން އިމްތިހާނުން ބޭރުކޮށްލާ ކަމަށް ވިދާޅުވި އެވެ.

ޝަފީއު ވިދާޅުވީ ތައުލީމީ ނިޒާމަށް މިހާރު ބަދަލުތައް ގެންނަން ޖެހޭ ކަމަށެވެ. ގަދަ 10 އަކީ މާ މުހިއްމު އެއްޗެއް ނޫންކަން ދަރިވަރުންނާއި ބެލެނިވެރިންނަށް ވިސްނައިދެވިއްޖެ ނަމަ އެކަން ގަބޫލުކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ޕޮލިސީ ލެވެލްގެ ބޭފުޅުންނާ އެކު މަސައްކަތް ކުރާނަން..އަބަދު ވެސް ޗޭންޖަކީ މީހުން ރެސިސްޓްވާނެ ކަމެއް. މި ކަހަލަ ޗޭންޖެއް، ޒަމާންވީ ކަމެއް އާދަކާދައަށް ވެފައި މި އޮތީ އެއީ އެންމެ ރަނގަޅަށް ނޫން ވިޔަސް. އެހެންވީމަ، ޒަމާންވީ ކަމެއް އާދަކާދައެއްގެ ގޮތުގައި ބަދަލުވެ، އެއީ އަދި އެންމެ އެދެވޭ އާދަކާދައަށް ނޫން ކަމުގައި ވިޔަސް އެކަން ކަނޑުވާލަން ކޮންމެ ވެސް ވަރެއްގެ މަސައްކަތްތަކެއް ކުރަންވާނެ ކަމަށް އަޅުގަނޑު ގަބޫލުކުރަނީ." އޭނާ ވިދާޅުވި އެވެ.

ގަދަ 10 ހޮވުން ހުއްޓާލަންޖެހޭ ކަމަށް މިނިސްޓަރު ވިދާޅުވިއިރު، މީގެ ކުރީގެ ސަރުކާރުތަކުން ވެސް އެކަން އުވާލަން މަސައްކަތްކުރި އެވެ. ނަމަވެސް މިކަން ހުއްޓާލަން ބެލެނިވެރިންގެ ފަރާތުން ދެކޮޅުހެދުންތައް ކުރިމަތިވި އެވެ.