Roadha Mihaaru
700 ދަރިވަރުންނާއެކު އޯލެވެލްގެ ގަދަ 10 ރެކޯޑަކަށް

700 ދަރިވަރުންނާ އެކު އޯ ލެވެލްގެ ގަދަ 10 ގައި ރެކޯޑު އަދަދެއް

15 އޯގަސްޓް 2022

މިދިޔަ އަހަރު އޯ ލެވެލް އިމްތިހާނު ނިންމި ދަރިވަރުންގެ ތެރެއިން ރިކޯޑު އަދަދެއްގެ ދަރިވަރުން ގަދަ 10ގައި ހިމެނިއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

މިދިޔަ އަހަރު އޯ ލެވެލް އިމްތިހާނު ނިންމި ދަރިވަރުންގެ ތެރެއިން ރިކޯޑު އަދަދެއްގެ ދަރިވަރުން ގަދަ 10ގައި ހިމެނިއްޖެ އެވެ.

"މިހާރު" އަށް އެނގިފައިވާ ގޮތުގައި، ޖޫން/ޖުލައިގައި އިމްތިހާނު ހެދި 5،955 ދަރިވަރުންގެ ތެރެއިން ގަދަ 10 ގައި ވަނީ 700 އަށްވުރެ ގިނަ ދަރިވަރުން ހިމެނިފަ އެވެ.

މިއީ، މީގެ ތިރީހަކަށް އަހަރު ކުރިން ދޭން ފެށި އޯ ލެވެލް ގަދަ 10 ގައި އެންމެ ގިނަ ކުދިން ހިމެނުނު ފަހަރު ކަމަށް ވެ އެވެ.

މީގެ ކުރިން އޯ ލެވެލް ގަދަ 10 ގައި އާއްމުކޮށް ހިމެނިފައި ތިބީ ވެސް ގާތްގަނޑަކަށް 400-600 ދަރިވަރުންނެވެ.

މި ބެޗަކީ އޭ ސްޓާ ލިބުނު ދަރިވަރުން ވެސް ގިނަ ފަހަރެއް ކަމަށް ބައެއް ޕްރިންސިޕަލުން ވިދާޅުވެ އެވެ.

ސްކޫލެއްގެ ޕްރިންސިޕަލަކު، ނަން ނުޖެހުމަށް އެދިވަޑައިގެން ވިދާޅުވީ ދަރިވަރުންނަށް ބައެއް މާއްދާތަކުން މާކްސް ދޭ ކްރިޓީރިއާ ކޮވިޑު-19 ގެ ސަބަބުން މި ފަހަރު ވެސް ދަށްކޮށްފައިވާ ކަމަށެވެ. ދަރިވަރުން ކުރި މަސައްކަތާ އެކު، މޮޅު ނަތީޖާއެއް ހޯދަން އެއީ ލިބުނު ރަނގަޅު ފުރުސަތެއް ކަމަށް އޭނާ ގަބޫލުކުރައްވަ އެވެ.

އެ ދަރިވަރުން އޯ ލެވެލް ހަދަން ފުރަތަމަ ހަމަޖެއްސީ ނޮވެމްބަރު، 2020 ގަ އެވެ. އެކަމަކު، ބަލި މަޑުކަމާ ގުޅިގެން އެ މުއްދަތު ދިގުލައިގެން ދިޔައީ އެވެ.

އެ ކުދިންނަށް އިނާމު ދިނުމުގެ ޖަލްސާ މި މަހުގެ 24 އަދި 25 ގައި އޮންނާނެ އެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ގަދަ 10 ގައި ހިމެނުނު ދަރިވަރުންނަށް އިނާމު ދިނުމަށް ބާއްވާ ޖަލްސާ ދެ ރެއަކަށް ބަހާލައިގެން ބާއްވަން ނިންމީ ވެސް ކުދިން ގިނަވުމުން ކަމަށެވެ. އެ ދެ ރޭ ބާއްވާ ޖަލްސާގައި އޯ ލެވެލް އަދި އޭ ލެވެލް ކުދިންނަށް އިނާމު ދޭނެ އެވެ.

އޭ ލެވެލްގެ ގަދަ 10 ގައި ވެސް ގިނަ އަދަދެއްގެ ކުދިން ވަނީ ހިމެނިފަ އެވެ.