Roadha Mihaaru

އީވާ މަގާމުން ވަކި ކުރަން ނޯޓިސް ދީފި، ޖަވާބުދާރީވާން 30 މިނިޓް

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްގެ މަގާމުން އީވާ އަބްދުﷲ ވަކި ކުރުމަށް އެމްޑީޕީގެ މެމްބަރުން ހުށަހެޅުއްވި މައްސަލަ މަޖިލިހަށް ބަލައިގަނެ 14 ދުވަހުގެ ނޯޓިސްއެއް މިއަދު ފޮނުވައިފި އެވެ.

އީވާ މަގާމުން ވަކި ކުރަން ނޯޓިސް ދީފި
މޫސާ ރަޝީދު
މޫސާ ރަޝީދު

20 ނޮވެމްބަރ 2023

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްގެ މަގާމުން އީވާ އަބްދުﷲ ވަކި ކުރުމަށް އެމްޑީޕީގެ މެމްބަރުން ހުށަހެޅުއްވި މައްސަލަ މަޖިލިހަށް ބަލައިގަނެ 14 ދުވަހުގެ ނޯޓިސްއެއް މިއަދު ފޮނުވައިފި އެވެ.

މަޖިލީހުގެ 50 މެންބަރުންގެ ސޮޔާ އެކު އީވާ ވަކި ކުރަން ހުށަހެޅީ މިދިޔަ ހަފުތާގެ ހޯމަ ދުވަހު އެވެ.

އެމްޑީޕީގެ 49 މެންބަރުންނާއި މިނިވަން މެންބަރެއް ކަމަށްވާ ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ ސޮއިކުރައްވައި ހުށަހެޅި އެ ގަރާރުގައި ބުނެފައި ވަނީ އޭރު މަޖިލީހުގެ ރައީސްގެ މަގާމުގައި ހުންނެވި މުހައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ކުރިއަށް ގެންދިއުމަށް އީވާ ހުރަސް އަޅުއްވަމުން ގެންދަވާ ކަމަށާއި އެކި ގޮތްގޮތުން ނުފޫޒު ފޯރުވައި އަމިއްލަ މަސްލަހަތު އިސްކުރައްވަމުން ގެންދަވާ ކަމަށެވެ.

ގަވައިދާ ހިލާފަށް ގަސްދުގައި އެތައް ފަހަރެއްގެ މަތިން އަމަލުކޮށްފައިވާ ކަމަށް އެ ގަރާރުގައި ވަނީ ތުހުމަތު ކޮށްފަ އެވެ.

އީވާ އާއި ނަޝީދަކީ ދެބެންދެދަރި ބޭފުޅުން ކަމަށް ވީއިރު، ނަޝީދުގެ މައްސަލައިން ތަނާޒުލުވާން ދެކޮޅު ހައްދަވާފައިވަނީ ގާނޫނުއަސާސީގެ 75 ވަނަ މާއްދާއާ ކަނޑައެޅިގެން ހިލާފަށް ކަމަށް ވެސް ގަރާރުގައި ވެ އެވެ.

އެ މައްސަލަ ބަލައިގަނެފައިވާ ކަމަށް އަމީންއާންމު ވަނީ އީވާ އަށް ނޯޓިސް ފޮނުވާފައިވާ ކަން މެންބަރުންނަށް އަންގައިފަ އެވެ.

މަޖިލީހުގެ އާންމު ކޮމިޓީން މިއަދު ވަނީ އީވާ ޖަވާބުދާރީވާން ފުރުސަތު ދޭނެ ވަގުތު ވެސް ކަނޑައަޅައިފަ އެވެ. އެ ކޮމިޓީން ފާސްުކުރީ އީވާ އަށް މެދުކެނޑުމެއް ނެތި 30 މިނިޓުގެ ވަގުތެއް ދިނުމަށެވެ.