Roadha Mihaaru
މާފަރުފަޅުން މަހިބަދޫ ރައްޔިތުންނަށް ގޯތިދޭން ނިންމައިފި

މާފަރުފަޅު ހިއްކައިގެން މަހިބަދޫ ރައްޔިތުންނަށް ބޯހިޔާވަހިކަން ދޭން ރައީސް ނިންމަވައިފި

15 ނޮވެމްބަރ 2023

އދ. މަހިބަދޫއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމުގެ ގޮތުން، އެ ރަށް ކައިރީގައި އޮންނަ މާފަރުފަޅު ހިއްކައިގެން އެ ތަން ތަރައްގީކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނިންމަވައިފި އެވެ.

އައިޝަތު ނުޒުހާ އައިޝަތު ނުޒުހާ

އދ. މަހިބަދޫއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމުގެ ގޮތުން، އެ ރަށް ކައިރީގައި އޮންނަ މާފަރުފަޅު ހިއްކައިގެން އެ ތަން ތަރައްގީކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނިންމަވައިފި އެވެ.

ރައީސް ނިންމެވީ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ގެނައުމުގެ ގޮތުން އެ ފަޅު ހިއްކައިގެން އެ ތަން މީހުން ދިރިއުޅޭ ތަނެއްގެ ގޮތުގައި ތަރައްގީކުރާށެވެ.

ދައުރު ނިމެން ދެ ދުވަހަށް ވެފައިވަނިކޮށް ރައީސް މިގޮތަށް ނިންމަވައިފައިވާއިރު، އެ ތަން ތަރައްގީކޮށްގެން ގޯތި ދިނުމަކީ އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެސް ރިޔާސީ ވައުދެކެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕެއިނުގެ ފުރަތަމަ ބުރުގައި މުއިއްޒު އެ ރަށަށް ވަޑައިގެން ވިދާޅުވީ، ބިން ނެތިގެން ހައްލު ނުވެ އޮތް އެ ރަށުގެ ބޯހިޔާވަހިކަމުގެ ދަތިކަމުގެ މައްސަލަ ހައްލުކުރުމަށް އޮތީ ދެ ގޮތް ކަމަށާއި އެއް ގޮތަކީ އެ ފަޅު ހިއްކުން ކަމަށެވެ.

"މުޅި އަތޮޅަށް ބޭސްކޮށް، އެ ތަނުގައި ގެދޮރު ބިނާކުރުމާއި އުމްރާނީ ތަރައްގީ، އިގްތިސާދީ ތަރައްގީގެ މަޝްރޫތަކާއި އިޖުތިމާއީ ބޭނުންތަކަށް ބޭނުންވާ ޖާގައާއި ސިނާއީ ބޭނުންތަކަށް މި ގޮތަށް ރަނގަޅަށް ޕްލޭންކޮށް ޖާގަ ލިބޭ ގޮތަށް އެ ތަން ތަރައްގީ ކުރެވޭނެ،" މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު އޭރު ވިދާޅުވި ގޮތުގައި ފުރަތަމަ ކުރަން ޖެހޭނެ ކަމަކީ އެ ފަޅު، މަހިބަދޫގެ އިހްތިސާސްގެ ތެރެއަށް ގެނައުމެވެ. ދުރުރާސްތާ ޕްލޭނެއްގެ ގޮތުގައި އެ ތަން ތަރައްގީ ކުރެވޭނެ ކަމަށް ކެމްޕެއިންގައި މުއިއްޒު ވިދާޅުވި އެވެ.