Roadha Mihaaru

ޔުވެންޓަސްގެ ހާއްސަ ހަރަކާތެއް މަހިބަދޫގައި، ޑާވިޑްސް ބައިވެރިވާނެ

އިޓަލީގެ އެންމެ ކާމިޔާބު ފުޓްބޯޅަ ޓީމު ކަމަށްވާ ޔުވެންޓަސްގެ 127 ވަނަ އަހަރީ ދުވަސް ފާހަގަކުރަން ކަނޑައެޅި ރަށްރަށުގެ ތެރޭގައި ރާއްޖޭގެ އދ. މަހިބަދޫގައި ހިމެނި، ހާއްސަ ހަރަކާތެއް މި މަހު ބާއްވަން ތައްޔާރުވާން ފަށައިފި އެވެ.

ޑާވިޑްސް ބައިވެރިވާ ޔުވެންޓަސްގެ ހަރަކާތެއް މަހިބަދޫގައި

އިޓަލީގެ އެންމެ ކާމިޔާބު ފުޓްބޯޅަ ޓީމު ކަމަށްވާ ޔުވެންޓަސްގެ 127 ވަނަ އަހަރީ ދުވަސް ފާހަގަކުރަން ކަނޑައެޅި ރަށްރަށުގެ ތެރޭގައި ރާއްޖޭގެ އދ. މަހިބަދޫގައި ހިމެނި، ހާއްސަ ހަރަކާތެއް މި މަހު ބާއްވަން ތައްޔާރުވާން ފަށައިފި އެވެ.

މި މަހު އޮންނަ އެ ހަރަކާތުގައި ޔުވެންޓަސްގެ ކުރީގެ މިޑްފީލްޑަރު ނެދަލެންޑްސްގެ އެޑްގާ ޑާވިޑްސް ބައިވެރިވާނެ އެވެ.

'އެކްސްޓްރީމް ފީލްޑްސް' ގެ ނަމުގައި ޔުވެންޓަސް މި ހަރަކާތް ހިންގަނީ ދުނިޔޭގެ އެކި ހިސާބުތަކުން ފާހަގަކުރެވޭ އާދަޔާހިލާފު ތިން ފުޓްބޯޅަ ވެނިއުއެއްގަ އެވެ. މަހިބަދޫގެ އިތުރުން ހިމެނެނީ އެމެރިކާގެ ނިއު ޔޯކާއި، ފެރޯ އައިލެންޑްސް އެވެ.

މަހިބަދޫ އަށް ޔުވެންޓަސް އިން މި ފުރުސަތު ދިނީ އެ ރަށުގެ އަތިރިމައްޗަށް ވާގޮތަށް އަޅާފައިވާ ޓާފް ދަނޑު، އެ ކްލަބަށް ހާއްސަ ވުމުންނެވެ. އެ ކްލަބުގެ ލޮލުގައި އެ ދަނޑު އަޅައިގަތީ އެ ރަށު ޒުވާނެއް ކަމަށްވާ މުހައްމަދު ނައުޝާދު (ނަޓީ) އޭގެ ފޮޓޯ އާއި ވީޑިއޯ ސޯޝަލް މީޑިއާގައި ހިއްސާކުރުމުންނެވެ.

"އެ ފޮޓޯތައް ފެނިފައި ޔުވެންޓަސް އަޅުގަނޑާ ކޮންޓެކްޓްކޮށް މި ފުރުސަތު ހުށަހެޅީ،"

މަހިބަދޫ ފުޓްބޯޅަ ދަނޑު.

މަހިބަދޫ ފުޓްބޯޅަ ދަނޑު.

މި ހަރަކާތުގައި ހިމެނޭ އެންމެ ހާއްސަ ބަޔަކީ 12 ވަނަ ދުވަހު އޮންނަ މެޗެވެ. މި މެޗުގައި ޑާވިޑްސް ކުޅޭނެ އެވެ. ދެން ކުޅޭނީ މި ހަރަކާތަށް އަންނަ ޔުވެންޓަސްގެ ބައެއް ސަޕޯޓަރުންނެވެ.

މަހިބަދޫ އަކީ ރާއްޖޭގެ ހުނަރުވެރި އެތައް ކުޅުންތެރިންނެއް އުފެއްދި ރަށެކެވެ. އޭގެ ތެރޭގައި ގޯލްކީޕަރު އިމްރާން މުހައްމަދާއި، ފޯވާޑް އަހުމަދު ތޯރިގް (ޓޮމް) ހިމެނެ އެވެ.

އެ ރަށުގައި މި ތާރީހީ ހަރަކާތްތ ބާއްވާ ޔުވެންޓަސް އަކީ އިޓަލީގެ ޗެމްޕިއަންކަން ރެކޯޑް 36 ފަހަރު ހޯދާފައިވާ ޓީމެވެ. ޔޫރަޕުގެ ޗެމްޕިއަންކަން ވެސް އެ ޓީމުން ދެ ފަހަރު ހޯދި އެވެ. އެ ޓީމަށް ވަނީ ދުނިޔޭގައި އުފެދުނު އެންމެ މޮޅު ކުޅުންތެރިންގެ ތެރޭ ހިމެނޭ ކްރިސްޓިއާނޯ ރޮނާލްޑޯ ޖިއަންލުއިޖީ ބުފޮން، މިޝޭލް ޕްލެޓިނީ، ޒައިނުއްދީން ޒިދާން، ފަބިއޯ ކަނަވާރޯ، އަދި ރޮބާޓޯ ބާޖިއޯ ފަދަ ތަރިން ކުޅެފަ އެވެ.