Roadha Mihaaru
ހުވާކުރައްވާ ރަސްމިއްޔާތަށް ޔާމީނަކަށް ވަޑައިނުގެންނެެވޭނެ

ހުވާކުރައްވާ ރަސްމިއްޔާތަށް ޔާމީން ވަޑައިގަތުމުގެ ލުޔެއް ނެތް

13 ނޮވެމްބަރ 2023

އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށް ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ދައުވަތު ދެއްވަން ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ނިންމާފައިވީ ނަމަވެސް، އެފަދަ ހަފުލާތަކަށް ވަޑައިގަތުމުގެ ހުއްދަ ޔާމީނަށް ނެތްކަން ކަރެކްޝަންސުން ދީފައިވާ ލުއިތަކުގެ ތަފްސީލުން އެނގިއްޖެ އެވެ.

ނާޒިމް ހަސަން ނާޒިމް ހަސަން

އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށް ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ދައުވަތު ދެއްވަން ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ނިންމާފައިވީ ނަމަވެސް، އެފަދަ ހަފުލާތަކަށް ވަޑައިގަތުމުގެ ހުއްދަ ޔާމީނަށް ނެތްކަން ކަރެކްޝަންސުން ދީފައިވާ ލުއިތަކުގެ ތަފްސީލުން އެނގިއްޖެ އެވެ.

މަނީލޯންޑަރިންގެ ކުށް ސާބިތުވެ ޖަލު ހުކުމެއްގައި ހުންނެވި ޔާމީނަށް ހުވާ ކުރެއްވުމުގެ ރަސްމިއްޔާތުގެ ދައުވަތު ދެއްވާނެ ކަަމަށް ރައްޔިތުންގެ މަޖިލީހުން ވަނީ ބުނެފަ އެވެ. އެ ދައުވަތު ޔާމީނަށް ދިނުމަށް ކަރެކްޝަނަލް ސާވިސްގެ ލަފާ ވެސް ހޯދި އެވެ.

މަޖިލީހުގެ ޑިރެކްޓާ އޮފް ކޮމިއުނިކޭޝަންސް ހަސަން ޒިޔާއު ވިދާޅުވީ ޔާމީނަށް މިއަދުގެ ވަގުތެއްގައި ދައުވަތު ފޮނުވާނެ ކަމަށެވެ.

ކޮމިޝަނާ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދުފުޅު "މިހާރު" އަށް ވިދާޅުވި ގޮތުގައި ރައްޔިތުންގެ މަޖިލީހުން އެ އިދާރާގެ ލަފާއަކަށް އެދުމުން ޔާމީނަށް ދީފައިވާ ލުއިތަކަކީ ކޮބައިކަން ވާނީ ސާފުކޮށްދީފަ އެވެ. އެ ލުއިތަކުގެ ތެރޭގައި ހިމެނެނީ ކަރެކްޝަންގެ ހާއްސަ ހުއްދައެއް ހޯދުމަކާ ނުލާ ޑޮކްޓަރަށް ދެއްކުމާއި ކަސްރަތު ކުރަން ދިޔުމާއި ހާއްސަ މީހުންނާ ބައްދަލުކުރުން ކަމަށް އޭނާ ވިދާޅުވި އެވެ.

މީގެ ތެރޭގައި ހަފުލާތަކަށް ވަޑައިގަތުމާއި އެއްވުންތަކުގައި ބައިވެރިވުން ފަދަ ކަންކަން ނުހިމެނެ އެވެ.

އަހުމަދު މުހައްމަދުފުޅު ވިދާޅުވީ، ހުވާ ކުރުމުގެ ރަސްމިއްޔާތަށް ޔާމީނަށް މިހާތަނަށް ދައުވަތު ދެއްވިކަން އެ އިދާރާ އަށް މަޖިލީހުން އަންގާފައިނުވާ ކަމަށާއި އެގޮތަށް އެންގުމުން ޔާމީނަށް އެ ފުރުސަތު ދެވޭނެތޯ ނުވަތަ ނޫންކަމާ މެދު ގޮތެއް ނިންމައި، މަޖިލީހަށް އަންގާނެ ކަމަށެވެ.

"މިހާތަނަށް ނެތް މަޖިލީހުން ދައުވަތު ދެއްވިކަން އަންގާފައެއް. ދައުވަތު ދެއްވާ ނަމަ، މި އިދާރާ އަށް އަންގަން ޖެހޭނެ،" ކޮމިޝަނާ އޮފް ޕްރިޒަންސް ވިދާޅުވި އެވެ.

ފަސް އަހަރުގެ ޖަލު ހުކުމެއްގައި ހުރި ޔާމީން ގޭބަންދަށް ބަދަލުކޮށް ލުއިދީފައިވަނީ، ރިޔާސީ އިންތިހާބުގައި އިދިކޮޅު ކެންޑިޑޭޓް މުއިއްޒު ކާމިޔާބު ހޯދެއްވުމާ އެކު އެވެ. އެއަށްފަހު ކަރެކްޝަނުން ޔާމީނާއާ އެކު ހާއްސަ އިގުރާރެއް ހަދައި، އިތުރު ލުއިތަކެއް ދިނެވެ.

އެ ލުއިތަކާ އެކު ޔާމީން ވަނީ ޕީޕީއެމް އޮފީހުގައި އޮތް ދެ ޖަލްސާއެއްގައި ބައިވެރިވެވަޑައިގެން ވާހަކަފުޅު ވެސް ދައްކަވައިފަ އެވެ. އެއާއެކު ކަރެކްޝަނުން ވަނީ ޝަރުތުތަކާ ހިލާފުވާ ނަމަ، އިގުރާރު ބާތިލްކުރާނެ ކަމުގެ އިންޒާރު ދީފަ އެވެ. އެ އިންޒާރާ އެކު ސިޔާސީ އެއްވުންތަކުގައި ބައިވެރިވެވަޑައިގެންނެވުމުން ޔާމީން ވަނީ މަޑުޖައްސަވާލައްވައިފަ އެވެ. ހިޔާ ސަރަހައްދުގައި ބާއްވަން ރޭވި ބައްދަލުކުރެއްވުން ވެސް ކެންސަލް ކުރީ އެވެ.

އިންތިހާބީ ރައީސް ހުވާ ކުރައްވާ ރަސްމިއްޔާތަށް ޔާމީންގެ އިތުރުން އެހެން ހުރިހާ ރައީސުންނަށް ވެސް ދައުވަތު ދެއްވާނެ ކަމަށް މަޖިލީހުން ވަނީ ބުނެފަ އެވެ. އަދި ބޭރުގެ ގައުމުތަކުގެ އިސްވެރިންނަށް ވެސް ވަނީ ދައުވަތު ފޮނުވައިފަ އެވެ. މި ރަސްމިއްޔާތަށް ދައުލަތުގެ ހުރިހާ މުއައްސަސާތަކުގެ ވެރިންނާއި މެންބަރުންނަށް ވެސް ވަނީ ދައުވަތު ފޮނުވައިފަ އެވެ.

ޖުމްހޫރީ މައިދާނުގައި ހުވާ ކުރުމުގެ ރަސްމިއްޔާތު ބާއްވަން ތައްޔާރީތައް ވަމުން އަންނައިރު މިކަމަށް 22 މިލިއަން ރުފިޔާ ހަރަދުވެ އެވެ.