Roadha Mihaaru
ހުވާ ކުރާ ރަސްމިއްޔާތަށް ޔާމީނަށް ދައުވަތު ދޭނެ

މުއިއްޒު ހުވާ ކުރައްވާ ރަސްމިއްޔާތަށް ޔާމީނަށް ދައުވަތު ދޭނެ: މަޖިލިސް

12 ނޮވެމްބަރ 2023

އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ރައީސްކަމުގެ ހުވާ ކުރައްވާ ރަސްމިއްޔާތަށް ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީނަށް ދައުވަތު ދޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުން ބުނެފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ރައީސްކަމުގެ ހުވާ ކުރައްވާ ރަސްމިއްޔާތަށް ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީނަށް ދައުވަތު ދޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުން ބުނެފި އެވެ.

މުއިއްޒު ހުވާ ކުރެއްވުމުގެ ރަސްމިއްޔާތު ބާއްވަނީ އަންނަ ހުކުރު ދުވަހު ހަވީރެވެ.

މަޖިލީހުގެ ޑިރެކްޓާ އޮފް ކޮމިއުނިކޭޝަންސް ހަސަން ޒިޔާއު "މިހާރު" އަށް ވަނީ ޔާމީނަށް ދައުވަތު ފޮނުއްވާނެކަން ޔަގީން ކޮށްދެއްވާފަ އެވެ. އޭނާ ވިދާޅުވީ ޔާމީންގެ އިތުރުން މީގެ ކުރިން ރައީސްކަން ކުރެއްވި ހުރިހާ ބޭފުޅުންނަށް ވެސް އެ ރަސްމިއްޔާތައް ދައުވަތު އަރުވާނެ ކަމަށެވެ.

މަނީލޯންޑަރިންގެ ކުށް ސާބިތުވެ ޖަލު ހުކުމެއް އިއްވާފައި އޮތަސް، ނިމުނު ރިޔާސީ އިންތިހާބަށް ފަހު، މިދިޔަ އޮކްޓޫބަރުގައި ޔާމީން ގެއަށް ބަދަލު ކުރެއްވި އެވެ. އެއަށްފަހު މާލެ ތެރޭގައި އުޅޭވޭގޮތަށް ޝަރުތު ތަކަކާއެކު މިދިޔަ މަހު 28 ގައި އިތުރު ލުއިތަކެއް ދިނެވެ. އެއީ ބޭސްފަރުވާ އާއި ކަސްރަތުކޮށް އުޅުމަށް އިތުރު ލުއިތަކަކަށް ޔާމީން އެދިވަޑައިގެންފައިވާތީ ދެއްވި ލުއިތަކެއް ކަމަށް ކަރެކްޝަނުން ބުންޏެވެ.

އޭގެ އިތުރުން، ކޮންމެހެން ބައްދަލުކުރަން އެދޭ މީހުންނާ ވެސް، އެ އިދާރާއާ އެކަން ހިއްސާކުރުމުން ބައްދަލުކުރުމުގެ ފުރުސަތު ފަހިކޮށްދޭން ވެސް ވަނީ ނިންމާފަ އެވެ.

ދިން ލުއިތަކަށްފަހު ޔާމީނު ޕީޕީއެމްގެ ހަރުގޭގައި ޖަލްސާތައް ބާއްވައި، ބައިވެރިވުމާއެކު އެކަން ތަކުރާރުކޮށްފި ނަމަ ލުއިތައް އުވާލެވޭނެ ކަމުގެ އިންޒާރު ކަރެކްޝަންސްއިން އެމަނިކުފާނަށް ދިނެވެ. އެއަށްފަހު ސިޔާސީ ހަރަކާތްތަކުގައި ޔާމީނު ބައިވެރިވެވަޑައިގެން ނުއުޅުއްވަ އެވެ.

ކުރީގެ ހުރިހާ ރައީސުންނަށް މުއިއްޒު ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ދައުވަތު ދެއްވަން ނިންމަވާފައި ވާއިރު، އެ ރަސްމިއްޔާތުގެ އިންތިޒާމުތައް ހަމަޖެއްސުމަށް 22.9 މިލިއަން ރުފިޔާ އަށް ސިފައިންގެ ވެލްފެއާ ކުންފުނި، ސިވެކްއާ ވަނީ ހަވާލުކޮށްފަ އެވެ. އެ ކުންފުނިން މިހާރު އަންނަނީ ޖުމްހޫރީ މައިދާން ބަންދުކޮށް ރަސްމިއްޔާތަށް އެ ސަރަހައްދު ތައްޔާރު ކުރަމުންނެވެ.

އެ ރަސްމިއްޔާތަށް ހާއްސަ ދައުވަތުގެ ގޮތުގައި 3،500 ބޭފުޅަކަށް ޖާގަ ހަމަޖައްސާފައިވާއިރު އާންމުންގެ 1،000 މީހަކަށް ބައިވެރިވެވޭ ގޮތަށް އިންތިޒާމުތައް ވަނީ ހަމަޖައްސާފަ އެވެ.

އިންތިހާބީ ރައީސް މުއިއްޒާއި އިންތިހާބީ ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފު ހުވާކުރެއްވުމުގެ ރަސްމިއްޔާތުގެ އިންތިޒާމުތައް މަޖިލީހުގެ އިދާރާއިން އަންނަނީ އިންތިހާބީ ރައީސްގެ އޮފީހާ ގުޅިގެން ކުރަމުންނެވެ.