Roadha Mihaaru
ހުވާކުރުމުގެ ކުރިން ޖަލްސާއެއް ނުބޭއްވޭނެ: އަސްލަމް

އާ ރައީސް ހުވާކުރުމުގެ ކުރިން އިތުރު ޖަލްސާއެއް ބޭއްވޭކަށް ނެތް: އަސްލަމް

15 ނޮވެމްބަރ 2023

އަންނަ ހުކުރު ދުވަހު އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު މަގާމުގެ ހުވާކުރެއްވުމުގެ ޖަލްސާ، މޫސުން ތަން ނުދޭ ނަމަ، މަޖިލީހުގައި ބާއްވަންޖެހޭނެތީ އެކަމުގެ ތައްޔީރީތަކާ ހެދި މަޖިލީހުގެ އިތުރު ޖަލްސާއެއް ބޭއްވެން ނެތް ކަމަށް މަޖިލީހުގެ އާ ރައީސް މުހައްމަދު އަސްލަމް މިއަދު ވިދާޅުވެއްޖެ އެވެ.

މުހައްމަދު ވިޝާމް މުހައްމަދު ވިޝާމް

އަންނަ ހުކުރު ދުވަހު އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު މަގާމުގެ ހުވާކުރެއްވުމުގެ ޖަލްސާ، މޫސުން ތަން ނުދޭ ނަމަ، މަޖިލީހުގައި ބާއްވަންޖެހޭނެތީ އެކަމުގެ ތައްޔީރީތަކާ ހެދި މަޖިލީހުގެ އިތުރު ޖަލްސާއެއް ބޭއްވެން ނެތް ކަމަށް މަޖިލީހުގެ އާ ރައީސް މުހައްމަދު އަސްލަމް މިއަދު ވިދާޅުވެއްޖެ އެވެ.

ފަލަސްތީނުގެ ރައްޔިތުންނަށް އިޒްރޭލުން ދެމުންދާ ލާއިންސާނީ ހަމަލާތަކާ ދެކޮޅަށް ހުށަހަޅާފައިވާ ގަރާރު މިއަދުގެ އިތުރު ޖަލްސާއަކަށް އެޖެންޑާކޮށް ދިނުމަށް ބައެއް މެމްބަރުން ވަނީ ގޮވާލައްވައިފަ އެވެ. އަދި މިއަދު އިތުރު ޖަލްސާއެއް ބޭއްވުމުގެ އިހުތިޔާރު މަޖިލީހުގެ ރައީސަށް އޮތް ކަމަށާއި އެ އިހުތިޔާރު ބޭނުންނުކުރައްވަނީ ގަސްދުގައި ކަމަށް މަޖިލީހުގެ މައިނޯރިޓީ ޕާޓީ ޑިމޮކްރެޓްސްގެ މެމްބަރުން ވަނީ ތުހުމަތު ކުރައްވައިފަ އެވެ.

އެ ތުހުމަތުތަކަށް ރައްދު ދެއްވައި، މިއަދުގެ ޖަލްސާ ނިންމަވާލައްވަމުން އަސްލަމް ވިދާޅުވި ގޮތުގައި، މުއިއްޒު ހުވާކުރެއްވުމުގެ ޖަލްސާ ބާއްވަން ހަމަޖެހިފައިވަނީ ޖުމްހޫރީ މައިދާނުގައި ކަމަށް ވިޔަސް، މޫސުން ގޯސްވެއްޖެ ނަމަ އެ ޖަލްސާ ބާއްވާ ތަނެއްގެ ގޮތުގައި މަޖިލީހުގެ ޖަލްސާކުރާ މާލަން ވެސް ތައްޔާރުކުރަން ޖެހެ އެވެ.

އެކަމުގެ ތައްޔާރީތަކަށް މިއަދު މެންދުރު 2:30 ގައި މާލަން ހަވާލުކުރަންޖެހޭކަން ހާމަކުރައްވައި، އަސްލަމް ވިދާޅުވީ ހުވާކުރުމުގެ ޖަލްސާގެ ކުރިން އިތުރު ޖަލްސާއެއް ބޭއްވެން ނެތް ކަމަށެވެ.

"...ވިއްސާރަވުމުގެ ސަބަބުން ވެސް [ހުވާކުރުން] އަޅުގަނޑުމެންނަށް މަޖިލީހުގައި ބާއްވަން ޖެހޭ ހާލަތުގައި އޮލްޓަނޭޓިވް ތަނެއްގެ ގޮތުގައި މަޖިލީހުގެ ޗެމްބަރު ތައްޔާރުކޮށްފައި އޮންނަން ޖެހޭތީ އެ ކަމަށް ވެސް އަޅުގަނޑު ހުރީ އެއްބަސްވެގެން. އެހެންވީމާ، އަޅުގަނޑު އެ މަސައްކަތް ދޫކޮށްލާފައި އިތުރު ޖަލްސާއެއް ބާއްވާނެ ވަގުތެއް މިއަދު ނެތް ކަމުގައި ދަންނަވަން،" އަސްލަމް ވިދާޅުވި އެވެ.

އިޒްރޭލާ ދެކޮޅު ގަރާރު ވެސް މިއަދުގެ ޖަލްސާއަށް އެޖެންޑާ ނުކުރެވުނީ، އަސްލަމް ވިދާޅުވި ގޮތުގައި މި އަހަރުގެ ދައުލަތުގެ ބަޖެޓަށް އިތުރުކުރާ 6.5 ބިލިއަން ރުފިޔާގެ ސަޕްލިމަންޓްރީ ބަޖެޓުގެ ބަހުސް މިއަދު ކުރިއަށް ގެންގޮސް، ނިންމަން މަޖިލީހުން އިއްޔެ ފާސްކޮށްފައިވާތީ އެވެ.

އެކަން އިއްޔެގެ ޖަލްސާއަށް ހުށަހެޅި، ފާސްކުރުމުގެ ކުރިން އަދި މިއަދުގެ އެޖެންޑާ އެކުލަވައިލުމުގެ ކުރިން އެއްވެސް މެމްބަރަކު އިޒްރޭލާ ދެކޮޅު ގަރާރު ކުރިއަށް ގެންދަން ބޭނުންވާ ކަމުގެ ވާހަކައެއް ދައްކަވާފައިނުވާ ކަން ވެސް އަސްލަމް ފާހަގަކުރެއްވި އެވެ.

އިންތިހާބީ ރައީސް ހުވާކުރެއްވުމުގެ ޖަލްސާ ބާއްވަން ހަމަޖައްސާފައިވަނީ އަންނަ ހުކުރު ދުވަހުގެ ހަވީރު 4:00 ގަ އެވެ.