Roadha Mihaaru
ދަތްދޮޅީގެ ވާހަކަ އަށް މާފަށް އެދިއްޖެ

"ދަތްދޮޅި ދުއްވާލުން" ބޭނުންކުރީ ހަމަނުޖެހުމަށް ހިތްވަރު ދިނުމުގެ ނިޔަތަކު ނޫން: އާދަމް ޝަރީފް

07 މާޗް 2024

މަޖިލިސް މެމްބަރުންނާ ގުޅުވައި "ދަތްދޮޅި ދުއްވާލުން" އެ ބަސް އިއްޔެ ބޭނުންކުރެއްވީ ހަމަނުޖެހުމަށް ހިތްވަރު ދިނުމުގެ ނިޔަތުގައި ނޫން ކަމަށް ވިދާޅުވެ ލޯކަލް ގަވަމެންޓް މިނިސްޓަރު އާދަމް ޝަރީފް މާފަށް އެދިވަޑައިގެންފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

މަޖިލިސް މެމްބަރުންނާ ގުޅުވައި "ދަތްދޮޅި ދުއްވާލުން" އެ ބަސް އިއްޔެ ބޭނުންކުރެއްވީ ހަމަނުޖެހުމަށް ހިތްވަރު ދިނުމުގެ ނިޔަތުގައި ނޫން ކަމަށް ވިދާޅުވެ ލޯކަލް ގަވަމެންޓް މިނިސްޓަރު އާދަމް ޝަރީފް މާފަށް އެދިވަޑައިގެންފި އެވެ.

އިއްޔެ މ. ދިއްގަރުގެ ރައްޔިތުންނާ ރައީސް ޑރ. މުހައްމަދު މުއިއްޒު ބައްދަލު ކުރެއްވުމަށް ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އާދަމް ޝަރީފް ވިދާޅުވެފައި ވަނީ ސަރުކާރަށް ހުރަސްއަޅައި ރައްޔިތުންގެ ހިދުމަތްތައް ހުއްޓުވަން ރައްޔިތުންގެ މަޖިލީހުގެ މެންބަރުން މިވަގުތު އަމަލު ކުރަމުންދާ ގޮތުން އެ މެމްބަރުންގެ ދަތްދޮޅި ދުއްވާ ނުލައި ހުރެވިދާނެ ކަމާ މެދު ސުވާލު އުފެދޭ ކަމަށެވެ.

އެކަމާ އިދިކޮޅުގެ ގިނަ ބަޔަކު ފާޑުކިޔަމުންދާތީ އެހެން ވިދާޅުވި ސަބަބު ސާފު ކޮށްދެއްވުމަށް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު ވިދާޅުވީ "ދަތްދޮޅި" އެ ބަސް ވިދާޅުވީ އެއީ އެބޭފުޅާއާ ގުޅުވައިގެން ކިޔާ އެއްޗަކަށްވާތީ "ހިއުމާ" އެއްގެ ގޮތުން ކަމަށެވެ.

އެހެން ގޮތަކަށް އެ ބަސް ބޭނުން ކުރި ކަމަށް މީހުންނަށް ވިސްނޭ ނަމަ އެކަމަށް ވަނީ މައާފަށް އެދިވަޑައިގެންފަ އެވެ.

ޑިފެންސް މިނިސްޓަރު ކަމުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ވެސް އާދަމް ޝަރީފް ވަނީ އޭނާ ސިފައިންގެ އޮފިސަރެއްގެ މަގާމުގައި ހުންނެވި ނަމަ، އިދިކޮޅު މެމްބަރެއްގެ ދަތްދޮޅި ދުއްވާލީސް ކަމަށް ވިދާޅުވެފަ އެވެ.

އޭނާ އެހެން ވިދާޅުވީ ސިފައިންގެ އެތެރޭގެ ބައްދަލުވުމެއްގައި ކަމަށްވީ ނަމަވެސް، އެ އޯޑިއޯ ލީކްވެ ބޮޑު މައްސަލަގަނޑަކަށްވި އެވެ.

އަނެއްކާ އެ ވާހަކަ ތަކުރާރު ކުރައްވައި ވިދާޅުވުމުން ކަންބޮޑުވުން ފާޅުކުރައްވާ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވެސް ވަނީ ބައެއް މީޑިއާތަކަށް ވާހަކަ ދައްކަވާފަ އެވެ.

އޭނާ ވިދާޅުވެފައި ވަނީ ދައުލަތުގެ އިސް މަގާމެއްގައި ހުންނެވި ބޭފުޅަކު މަޖިލީސް މެމްބަރުންގެ ދަތްދޮޅި ދުއްވާލާނެކަމަށް ވިދާޅުވުމުން އެ ގޮވާލެވެނީ މާރާމާރީ ހިންގުމަށް ކަމަށާއި މެމްބަރުންނަށް އަނިޔާވެރިވުމަށް ކަމަށެވެ.

އެ ވާހަކަތަކުން ދޭހަވަނީ ސަރުކާރުގެ އިސްވެރިންގެ ވިސްނުމުގައި ހުރީ އަނިޔާވެރިކަން އިސްކުރުން ކަމަށް ވެސް އަސްލަމް، އެ މީޑިއާތަކަށް ވިދާޅުވެފައިވެ އެވެ.