Roadha Mihaaru
މެންބަރުންގެ ދަތްދޮޅި ދުއްވާލާ ވާހަކަ ތަކުރާރުކޮށްފި

އާދަމް ޝަރީފް އަނެއްކާވެސް ދެއްކެވީ މެންބަރުންގެ ދަތްދޮޅި ދުއްވާލާ ވާހަކަ

06 މާޗް 2024

ސަރުކާރަށް ހުރަސްއަޅައި ރައްޔިތުންގެ ހިދުމަތްތައް ހުއްޓުވަން ރައްޔިތުންގެ މަޖިލީހުގެ މެންބަރުން މިވަގުތު އަމަލު ކުރަމުންދާ ގޮތުން އެ މެންބަރުންގެ ދަތްދޮޅި ދުއްވާ ނުލައި ހުރެވިދާނެ ކަމާ މެދު ސުވާލު އުފެދޭ ކަމަށް ވިދާޅުވެ، ލޯކަލް ގަވަމެންޓް މިނިސްޓަރު އާދަމް ޝަރީފް، އެމްޑީޕީއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.

ނާޒިމް ހަސަން މ. ދިއްގަރުން ނާޒިމް ހަސަން

ސަރުކާރަށް ހުރަސްއަޅައި ރައްޔިތުންގެ ހިދުމަތްތައް ހުއްޓުވަން ރައްޔިތުންގެ މަޖިލީހުގެ މެންބަރުން މިވަގުތު އަމަލު ކުރަމުންދާ ގޮތުން އެ މެންބަރުންގެ ދަތްދޮޅި ދުއްވާ ނުލައި ހުރެވިދާނެ ކަމާ މެދު ސުވާލު އުފެދޭ ކަމަށް ވިދާޅުވެ، ލޯކަލް ގަވަމެންޓް މިނިސްޓަރު އާދަމް ޝަރީފް، އެމްޑީޕީއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.

މ. ދިއްގަރުގެ ރައްޔިތުންނާ ރައީސް ޑރ. މުހައްމަދު މުއިއްޒު ބައްދަލު ކުރެއްވުމަށް ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އާދަމް ޝަރީފް ވިދާޅުވީ ރައީސްގެ ތަސައްވަރާއި އެމަނިކުފާނުގެ ސިޔާސަތުތައް ތަންފީޒު ކުރަން ވަރަށް ގިނަ ގޮންޖެހުންތައް އެބަ ހުރި ކަމަށާއި އޭގެ ތެރެއިން އެންމެ ބޮޑު ގޮންޖެހުމަކީ ރައްޔިތުންގެ މަޖިލިސް ކަމަށެވެ.

އެ މަޖިލީހުގައި މިވަގުތު ތިއްބެވީ އޭނާއާ އެކު ވަރަށް ގާތުން މިދިޔަ ހަތަރު އަހަރު މަސައްކަތް ކުރެއްވި މެންބަރުން ކަމަށްވީ ނަމަވެސް، މިހާރު އެ ބޭފުޅުންގެ އަމަލުތައް ހުރި ގޮތުން، އެއިން ބޭފުޅެއްގެ ދަތްދޮޅި ދުއްވާ ނުލައި ހުރެވިދާނެއޭ ހިތަށް އަރާ ކަމަށް އާދަމް ޝަރީފް ވިދާޅުވި އެވެ.

"...ހަމަ ހަގީގަތުގައި ވެސް އަޅުގަނޑު މިއަދު އެތަނުގައި ހުރި ނަމަ، އެއިން މީހެއްގެ ދަތްދޮޅި ދުއްވައި ނުލައި ހުރެވޭނެބާއޭ،" ދިއްގަރު ސްކޫލްގައި އޮތް ޖަލްސާގައި އޭނާ ވިދާޅުވި އެވެ.

މީގެކުރިން ވެސް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ދަތްދޮޅި ދުއްވާލަން ޖެހޭ ކަމަށް ދޭހަވާ ގޮތަށް އޭނާ ވާހަކަ ދައްކަވާފައިވެ އެވެ.

ޑިފެންސް މިނިސްޓަރު ކަމުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އާދަމް ޝަރީފް ވިދާޅުވެފައިވަނީ އޭނާ ސިފައިންގެ އޮފިސަރެއްގެ މަގާމުގައި ހުންނެވި ނަމަ، އިދިކޮޅު މެމްބަރެއްގެ ދަތްދޮޅި ދުއްވާލީސް ކަމަށެވެ.

އޭނާ އެހެން ވިދާޅުވީ ސިފައިންގެ އެތެރޭގެ ބައްދަލުވުމެއްގައި ކަމަށްވީ ނަމަވެސް، އެ އޯޑިއޯ ލީކްވެ ބޮޑު މައްސަލަގަނޑަކަށްވި އެވެ.

ދިއްގަރުގައި ބޭއްވި ޖަލްސާގައި: މެންބަރުންގެ ދަތްދޮޅި ދުއްވާލާ ވާހަކަ އަނެއްކާވެސް އާދަމް ޝަރީފް ވަނީ ދައްކަވާފައި

ދިއްގަރުގައި ބޭއްވި ޖަލްސާގައި: މެންބަރުންގެ ދަތްދޮޅި ދުއްވާލާ ވާހަކަ އަނެއްކާވެސް އާދަމް ޝަރީފް ވަނީ ދައްކަވާފައި

މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން އާދަމް ޝަރީފް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުން އެއްވެސް ހައްގަކާ ނުލައި ރައީސްގެ ގާނޫނީ ޒިންމާ އަދާކުރުމަށް ދަތި ކުރަމުންދާ ކަމަށެވެ. އޭގެ އެއް މިސާލުގެ ގޮތުގައި ފާހަގަ ކުރެއްވީ ތިން މިނިސްޓަރަކަށް ރުހުން ނުދިނުމެވެ. އާދަމް ޝަރީފަކީ މަޖިލީހުން ރުހުން ދީފައިވާ މިނިސްޓަރަކެވެ.

"އެއްވެސް ހައްގުން ކަމަކާ ނުލައި ރައިސުލްޖުމްހޫރިއްޔާގެ ގާނޫނީ ޒިންމާ އަދާކުރުމަށް ހުރަސް އަޅަނީ. މިނިސްޓަރުންނަށް ރުހުން ހޯދަން ފޮނުވީމަ ކަމަކު ނުދިޔަ. އެކަމަކު ކަމަކު ނުދިޔަ މީހުންނަކީ ރާއްޖޭގައި އެންމެ މަގުބޫލް މިނިސްޓަރުން،" އާދަމް ޝަރީފް ވިދާޅުވި އެވެ.

ރަސްމާލެ ހިއްކުމުގެ މަޝްރޫއުގެ ބަޖެޓް ކަނޑާލީ ވެސް ޖެއްސުން ކުރުމުގެ ގޮތުން ކަމަށް އޭނާ ސިފަ ކުރެއްވި އެވެ. އަދި ލާމަރުކަޒީ ނިޒާމް ވެސް ރައީސް އެންމެ ފުރިހަމަ އަށް ތަންފީޒު ކުރައްވަމުންދާތީ އެކަމާ ދެކޮޅަށް ވެސް އެމްޑީޕީން މަސައްކަތް ކުރާ ކަމަށް ވިދާޅުވި އެވެ.

"ލާމަރުކަޒީ ނިޒާމް ތަންފީޒު ކުރައްވާލެއް މާ ފުރިހަމަވެއްޖެ. އަޅުގަނޑު ޗެލެންޖް ކޮށްފައި މި ދަންނަވަނީ މިއަދު މި މިނިސްޓްރީ އުވާލި ކަމަށްވިޔަސް މަޖިލީހުން ކޮންމެ ދުއްތުރާލެއް ކުރި ކަމަށްވިޔަސް ދިވެހިރާއްޖޭގައި މިހާތަނަށް މި ކައުންސިލްތައް ހިންގުމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު މަގު ކޮއްޓެވި ވަރަށް ފުރުސަތުތައް ފަހިކޮށްދެއްވި ވެރިޔަކު ނުހުންނަވާނެ ކަން އަޅުގަނޑަށް ޝައްކެއް ނެތް މިންވަރަަށް ޔަގީންވޭ،" އާދަމް ޝަރީފް ވިދާޅުވި އެވެ.

"ޗެލެންޖް ކޮށްފައި ދަންނަވަން ކެރޭ އެމްޑީޕީން ކިތަންމެ މަސައްކަތެއް ކުރިޔަސް ރައީސްގެ ވިސްނުންފުޅުގައި ހުންނެވި ލާމަރުކަޒީ ނިޒާމްގެ ތަސައްވުރުގައި ކުލަ ނުޖެހޭނެ އެއްވެސް ގޮތެއް ނޯންނާނެ."