08 މެއި 2017
ކްލަބް ވެލެންސިއާ އަތުން މިރޭ 3-0 އިން މޮޅުވެ އެސްޓީއޯ މާލޭ ލީގު އެއް ވަނައިގައި މާޒިޔާ އިން ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި އެވެ.
ކްލަބް ވެލެންސިއާ އަތުން މިރޭ 3-0 އިން މޮޅުވެ އެސްޓީއޯ މާލޭ ލީގު އެއް ވަނައިގައި މާޒިޔާ އިން ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި އެވެ.
މާޒިޔާ އެއް ވަނައިގައި އޮތީ ހަ މެޗުން 18 ޕޮއިންޓާ އެކު އެވެ. ފުރަތަމަ ބުރުގެ ފަހު މެޗުގައި އަންނަ ހުކުރު ދުވަހުގެރޭ ޓީސީ އަތުން މޮޅުވެއްޖެނަމަ މާޒިޔާ އަށް މި ބުރު ނިންމާލާއިރު ހަ ޕޮއިންޓަށް ލީޑުފުޅާކުރުމުގެ ފުރުސަތު އެބައޮތެވެ. ދެ ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ހަތް މެޗުން ލިބިފައިވަނީ 15 ޕޮއިންޓެވެ.
ވެލެންސިއާ މި ބައްޔާ އެކު ފުރަތަމަ ބުރު ނިންމާލީ ހަތް މެޗުން އެއް ޕޮއިންޓާ އެކު ލީގުގެ އެންމެ ފުލުގައި އޮވެ އެވެ.
މި މެޗަށް ނުކުތްއިރު މާޒިޔާގެ ފުރަތަމަ އެގާރައިން ފެނުނު އެންމެ ބޮޑު ބަދަލަކީ އެންމެ ފަހުން އެ ޓީމު ކުޅުނު މެޗުގައި މޮޅު ކުޅުމެއް ދެއްކި މުހައްމަދު އިރުފާން (އިރޭ) ކާޑު ހަމަވުމުގެ ސަބަބުން ސަސްޕެންޑްވުމެވެ.
މެޗު ފަށައިގެން ތިން ވަނަ މިނިޓްގައި މާޒިޔާ އިން ވަނީ ނުރައްކާތެރި ހަމަލާއެއް ފޮނުވާލައިފަ އެވެ. އޭރިއާ ބޭރުން މުހައްމަދު އުމެއިރު ފޮނުވާލި ބާރު ބޯޅަ ވެލެންސިއާ ކީޕަރު މުހައްމަދު ފައިސަލް ވަނީ މަތަކޮށްފަ އެވެ.
ވެލެންސިއާގެ ފުރަތަމަ ހަމަލާ މެޗުގެ ފަސް ވަނަ މިނިޓްގައި ފޮނުވާލީ އެ ޓީމުގެ ނައިޖީރިއާ މިޑްފީލްޑަރު ޕްރިންސް އެވެ. އޭރިއާ ބޭރުން ޕްރިންސް ފޮނުވާލި ބޯޅަ މާޒިޔާ ކީޕަރު ޕަވެލް މަޓިއަޝް ވަނީ މަތަކޮށްފަ އެވެ.
މާޒިޔާ އިން ލީޑުނެގީ މެޗުގެ 16 ވަނަ މިނިޓްގައި ކެޕްޓަން އަސަދުﷲ އަބްދުﷲ ޖެހި ލަނޑުންނެވެ. ހާފްގެ މެދުތެރެއިން އަލެކްސެންޑަ ރަކިޗް ހުސްކޮށްލާފައި ދިން ބޯޅަ ހިފައިގެން އޭރިއާ ތެރެއަށް ވަދެ އަސަދުﷲ ވަނީ ފަސޭހަކަމާ އެކު ގޯލުގެ ތިރީ ކަނަށް ފޮނުވާލައިފަ އެވެ. ރަކިޗް ބޯޅަ ދިންއިރު އަސަދުﷲ ހުރީ އޮފްސައިޑް ކަމަށް ބުނެ ވެލެންސިއާ ބެންޗުން ވަނީ ވަރަށް ބޮޑަށް އެޕީލްކޮށްފަ އެވެ.
މެޗުގެ 20 ވަނަ މިނިޓްގައި ދެ ވަނަ ލަނޑެއް ޖަހަން އަސަދުﷲ އަށް ރަނުގެ ފުރުސަތެއް ލިބި ބޭކާރުވި އެވެ. ވެލެންސިއާ އޭރިއާ ތެރެއިން އެ ޓީމުގެ މުހައްމަދު ފުހެއިދު (ޓޯޑް) މާޒިޔާގެ އަހުމަދު އިމާޒް (އާއްކޮ) އަށް ފައުލުކުރުމުން ރެފްރީ ދިން ޕެނަލްޓީން އަސަދުﷲ ފޮނުވާލިއިރު ކީޕަރު ފައިސަލް ވަނީ މަތަކޮށްފަ އެވެ.
ވެލެންސިއާ އިން މެޗުގެ 28 ވަނަ މިނިޓްގައި ނަތީޖާ ހަމަހަމަކުރުމާ ގާތަށް ޖެހިލި އެެވެ. އޭރިއާ ބޭރުން މެއިން ބޯޅަ ކޮންޓްރޯލް ކޮށްލުމަށް ފަހު އޮމޮދޫ ގޮޑްފްރޭ ވެސްޓް ފޮނުވާލި ހަމަލާ ކީޕަރު ޕަވެލް ވަނީ މަތަކޮށްފަ އެވެ.
މާޒިޔާގެ އަސަދުﷲ (މ) ވެލެންސިއާގެ ކީޕަރު ފައިސަލް (ވ) އަދި ޝިފާން (ކ) ކައިރިން ބޯޅަ ހިފައިގެންދަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
މާޒިޔާ އަށް ފުރަތަމަ ހާފް ނިމުމުގެ ކުރިން ލީޑުފުޅާކޮށްދިނީ އުމެއިރު އެވެ. މެޗުގެ 38 ވަނަ މިނިޓްގައި ރަކިޗް އަރިމަތިން ނަގައިދިން ހުރަހަކުން ބޯޅަ ގޯލުގެ ތެރެއަށް ވަނީ އުމެއިރު ފައިގައި ޖެހިފަ އެވެ.
ދެ ވަނަ ހާފް ފަށައިގެން ވެލެންސިއާ އިން ކުޅުން ރަނގަޅުކުރި އެވެ. އަދި މެޗުގެ 51 ވަނަ މިނިޓްގައި ވެލެންސިއާގެ ކެޕްޓަން ޝާފިއު އަހުމަދު (ޝާފީ) ކޯނަރަކުން ބޮލުން ފޮނުވާލި ބޯޅަ ދިޔައީ ގޯލު ކުރިމަތިން ހުރަސް ވެގެންނެވެ.
ދެ ވަނަ ހާފްގެ ފުރަތަމަ 15 މިނިޓަށް ފަހު މާޒިޔާ އިން ފުރަތަމަ ހާފްގައި ދެއްކި ކުޅުން އަލުން ދައްކަން ފެށި އެވެ. އަދި މެޗުގެ 64 ވަނަ މިނިޓްގައި އަސަދުﷲ ވަނީ ނުރައްކާތެރި ހަމަލާއެއް ފޮނުވާލައިފަ އެވެ. ވެލެންސިއާ ދެ ކުޅުންތެރިން ކައިރިން ދެމިގަތުމަށް ފަހު އޭރިއާ އަރިމަތިން އަސަދުﷲ ފޮނުވާލި ބޯޅަ ދިޔައީ ދަނޑިކައިރިންނެވެ.
މެޗުގެ 82 ވަނަ މިނިޓްގައި ވެލެންސިއާގެ ވެސްޓަށް ގޯލު ކުރިމަތިން ހުސްކޮށް ލިބުނު ބޯޅަ ފޮނުވާލުމުން ދިޔައީ ހުރަސް ދަނޑިމަތިންނެވެ. އޭގެ މިނިޓެއް ފަހުން އަސަދުﷲ ވަނީ މާޒިޔާގެ ތިން ވަނަ ލަނޑު ކާމިޔާބު ކޮށްފަ އެވެ. އޭނާ މި ލަނޑު ޖެހީ ކީޕަރު ފައިސަލް ކައިރިން ނައްޓާލުމަށް ފަހު އެވެ. މިއީ މި ސީޒަނުގައި އަސަދުﷲ ޖެހި ނުވަ ވަނަ ލަނޑެވެ.
މެޗަށް ފަހު އަހުމަދު މުޖުތަބާ (ފެސްކޯ) ބުނީ ފުރަތަމަ ބުރު އެއް ޕޮއިންޓާ އެކު ލީގުގެ އެންމެ ފުލުގައި އޮވެ ނިންމާލަން ޖެހުމުން ގަދަ ހަތަރަކަން ވަނުމަށް ވަރަށް ބޮޑަށް އުނދަގޫވެފައިވާ ކަމަށެވެ.
"ވެލެންސިއާ ކުޅުންތެރިން މޮޅުވާން ކުރި ހިތްވަރު ފާހަގަކޮށް. މާޒިޔާ މޮޅުވުމުން އެ ޓީމަށް މަރުހަބާ ކިޔަން. ހަގީގަތުގައި ފުރަތަމަ ބުުރުން ޕޮއިންޓަކާ އެކު މެޗަކުން މޮޅުނުވެ ނިންމާލަން ޖެހުމުން ގަދަ ހަތަރެއްގެ ފުރުސަތު ވަރަށް ބޮޑަށް ގެއްލިއްޖެ. އެއްކޮށް ގެއްލިއްޖެޔޭ ނުދަންނަވާނަން. އެއީ ކޮންމެ ފުރުސަތެއް އޮތަސް މަސައްކަތް ކޮށްގެން ކުރިއަށްދާން ބޭނުމީ،" ފެސްކޯ ބުންޏެވެ.
މާޒިޔާގެ ކޯޗު މަރްޔާން ސެކުލޮސްކީ ބުނީ މެޗުން މޮޅުވުމުން ކުޅުންތެރިންނަށް ޝުކުރުއަދާކުރުން ހައްގުވާ ކަމަށާއި ކުރިއަށް އޮތް މެޗާ ކުރިމަތިލާން ޖެހޭއިރު ވަރުބަލިކަން ވަރަށް ބޮޑަށް ކުޅުންތެރިންނަށް އިހުސާސްވެފައިވާ ކަމަށެވެ.
"މުހިއްމު މޮޅެއް. އެކަމަކު އަހަންނަށް ނޭނގެ ދެން އޮތް މެޗު ކުޅޭނެ ހިތްވަރެއް މި ކުޅުންތެރިންގެ ކިބައިގައި ހުރި ކަމެއް. ވަރަށް ބޮޑަށް ކުޅުންތެރިން ތިބީ ވަރުބަލިވެފައި. ބަދަލުކޮށްލާނެ ކުޅުންތެރިން ވެސް އެވަރަކަށް ނެތް. ދެން ތިބީ ޒުވާން ކުޅުންތެރިން. އެކަމަކު އެއީ 17 ނޫނީ 18 އަހަރުގެ ކުޅުންތެރިން ޕްރޮފެޝަނަލް ފުޓްބޯޅަ އަށް އެ ކުޅުންތެރިން ތައްޔާރެއް ނޫން،" ސެކުލޮސްކީ ބުންޏެވެ.
އަންނަ ހުކުރު ދުވަހު ޓީސީއާ ދެކޮޅަށް ކުޅުމަށް ފަހު މި މަހު 17 ވަނަ ދުވަހު މާޒިޔާ އޭއެފްސީ ކަޕްގައި ނުކުންނާނީ ޑާކާ އަބަހާނީއާ ދެކޮޅަށް މާލޭގަ އެވެ.
ފުލުގައި އޮތް ވެލެންސިއާ އިން މާޒިޔާ ހިފަހައްޓައިފި
މިހާރު އަމާޒަކީ މާލޭ ލީގު ކާމިޔާބު ކުރުން: ސެކުލޮސްކީ
ވެލެންސިއާ އަށް ޗެެލެންޖެއް، މާޒިޔާ ފަސޭހަ ނުކުރާނެ
ކޯޗުންނަށް ޗެލެންޖް ބޮޑު ސީޒަނެއް
"ދެން އޮތީ މިގޮތުގައި ހިފެހެއްޓުމުގެ މަސައްކަތް"
ނިއުއާ އެއްވަރުކޮށް މާޒިޔާ މާލޭ ލީގު ކާމިޔާބުކޮށްފި
ލީގު ކާމިޔާބުކުރަން މާޒިޔާ-ނިއު ފަހު ހަނގުރާމައަށް
ފަހު މެޗުން ވެލެންސިއާ އަށް ލީގުގެ ފުރަތަމަ މޮޅު
ފޯމަށް އެޅެން އަސަދުﷲ އަށް ބޭނުންވަނީ އެންމެ ލަނޑެއް
ވިކްޓަރީ މޮޅުވެ ގަދަ ހަތަރެއްގެ ވާދަވެރިކަން ބޮޑުވެއްޖެ