Roadha Mihaaru
ފެނަކައިގެ ދަރަނި 1.9 ބިލިއަނަށް އަރައިފި

ފެނަކައިގެ ދަރަނި 1.9 ބިލިއަން، އޭގެ ތެރެއިން 1.4 ބިލިއަން އަމިއްލަ ކުންފުނިތަކަށް

08 ނޮވެމްބަރ 2023

ފެނަކަ ކޯޕަރޭޝަނުގެ ޖުމްލަ ދަރަނި 1.9 ބިލިއަން ރުފިޔާއަށް އަރާ އިރު އޭގެ ތެރެއިން 80 ޕަސެންޓް ހޭދަކުރަން ޖެހެނީ އަމިއްލަ ކުންފުނިތަކަށް ކަމަށް މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު މުހައްމަދު ވިދާޅުވެއްޖެ އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ފެނަކަ ކޯޕަރޭޝަނުގެ ޖުމްލަ ދަރަނި 1.9 ބިލިއަން ރުފިޔާއަށް އަރާ އިރު އޭގެ ތެރެއިން 80 ޕަސެންޓް ހޭދަކުރަން ޖެހެނީ އަމިއްލަ ކުންފުނިތަކަށް ކަމަށް މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު މުހައްމަދު ވިދާޅުވެއްޖެ އެވެ.

މިއަދު ފެނަކަ ކޯޕަރޭޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސައީދު ވިދާޅުވީ، އަމިއްލަ ކުންފުނިތަކަށް 1.4 ބިލިއަން ރުފިޔާ ދައްކަން އެބަހުރި ކަމަށް އޭނާ ވިދާޅުވި އެވެ. ސައީދު ވިދާޅުވީ، ކޮންމެ މަހަކު ވެސް ފެނަކައިން އަމިއްލަ ކުންފުނިތަކަށް ދައްކަން ޖެހޭ ބިލްތަކުގެ ބައެއް ދައްކާ ކަމަށެވެ.

"މައްސަލައެއް ދިމާނުވާ ބިލެއް އޮތިއްޔާ އެއް އަހަރާއި ދޮޅު އަހަރުވެފައިވާ ބިލްތައް އުޅެނީ،" އޭނާ ވިދާޅުވި އެވެ.

ކުންފުނިތަކުގެ ބިލްތަކަށް ފައިސާ ނުލިބިގެން، ވަރަށް ގިނަ އަދަދެއްގެ ކުންފުނިތަކުން މިދިޔަ އޮގަސްޓް މަހު ހިތްހަމަ ނުޖެހުން ފާޅުކޮށް ޕްރެސް ކޮންފަރެންސްއެއް ބާއްވައިފަ އެވެ. އެ ޕްރެސްގައި ބައިވެރިވި 19 ކޮންޓްރެކްޓަރުން ވަނީ 300 މިލިއަން ރުފިޔާ ނުލިބި އޮތް ކަމަށެވެ.

ސައީދު ވިދާޅުވީ، 2018 ވަނަ އަހަރު ކުންފުންޏާ ހަވާލުވި އިރު އެ ކުންފުނީގެ ދަރަނި ހުރީ 1.2 ބިލިއަން ރުފިޔާގައި ކަމަށެވެ. އަދި މިވަގުތު އެ ދަރަނި 1.9 ބިލިއަން ރުފިޔާއަށް އެރި ނަމަވެސް، ވޭތުވެދިޔަ ފަސް އަހަރުގެ ދަރަންޏަކީ 600 މިލިއަން ރުފިޔާ ކަމަށެވެ.

ފެނަކަ މެނޭޖިން ޑިރެކްޓަރު ސައީދު މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިން ކުރި ސުވާލުތަކަށް ޖަވާބު ދެއްވަނީ -- ފޮޓޯ: ނިޝާން އަލީ / މިހާރު

ފެނަކަ މެނޭޖިން ޑިރެކްޓަރު ސައީދު މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިން ކުރި ސުވާލުތަކަށް ޖަވާބު ދެއްވަނީ -- ފޮޓޯ: ނިޝާން އަލީ / މިހާރު

"ފެނަކައިގެ 2018 ގެ ފަހުކޮޅުން މި އަހަރަށް ދަރަނި އިތުރުވި އަދަދަކީ 1.9 ބިލިއަން ރުފިޔާ. އެހެންވީމަ ކުރީގެ ކުންފުނީގެ ދަރަންޏާ މިއާ އަޅާ ކިޔާލީމަ ހަގީގީ އިތުރުވި ދަރަންޏަކީ 632 މިލިއަން ރުފިޔާ،" އޭނާ ވިދާޅުވި އެވެ.

ފެނަކައިގައި 7،300 މުވައްޒަފުން މަސައްކަތް ކުރެ އެވެ. އޭގެ ތެރެއިން 2000 އެއްހާ މުވައްޒަފުންނަކީ ވަގުތީ މުވައްޒަފުން ކަމަށް ސައީދު ވިދާޅުވި އެވެ. އެކުންފުނީގެ މުވައްޒަފުންނާ ގުޅޭ ގޮތުން ސައީދު ވިދާޅުވީ، ސިޔާއީ ގޮތުން އެއްވެސް މަގާމަކަށް އެއްވެސް ބޭފުޅަކު ނަގާފައި ނުވާނެ ކަމަށެވެ.

"ސިޔާސީ ގޮތުން އެއްވެސް މަގާމަކަށް ވަޒީފާ ދީފައެއް ނުހުންނާނެ. އިންޓަވިއުގައި އެބޭފުޅަކު ވިސްނާ ވަޑައިގަތީމަ އެގިލައްވާނެ ފެނަކައިގެ ދޭ ހިދުމަތް ހަރުދަނާ ނިޒާމެއްގެ ތެރެއިން ކުރުމަށް އަޅުގަނޑުމެން ނުކުރަނީ ކޮން ކަމެއްތޯ،" އޭނާ ވިދާޅުވި އެވެ.

ސައީދު ވިދާޅުވީ، ކުންފުނި އެތައް ގުނައަށް ކުރިއަރުވާ ފުޅާކޮށްފައިވާ ކަމަށެވެ. އެގޮތުން 63 މެގަވޮޓް އިން 240 މެގަވޮޓަށް އެކުންފުނީގެ ކަރަންޓު ފޯރުކޮށްދޭ ކެޕޭސިޓީ ފުޅާކުރި ކަމަށެވެ.

"ހޯމް ސޯލާގެ 17 މެގަވޮޓް އިންސްޓޯލް ކުރެވިފައިވޭ. ފެނާއި ނަރުދަމާ 2018 އިން 2023 އަށް 73 ރަށެއްގައި ގާއިމްކުރެވިފައިވޭ،" އޭނާ ވިދާޅުވި އެވެ.

ފެނަކައިގެ ހަރަދުގެ ތަފްސީލު

- ހަރު މުދަލަށް ކުރި ހަރަދު: ހަތަރު ބިލިއަން ރުފިޔާ

- ހަރު މުދަލުގެ އަގު: 9.1 ބިލއިަން ރުފިޔާ

- ދަރަނި: 1.9 ބިލިއަން ރުފިޔާ

- 2018 -2023 ގެ ދަރަނި: 632 މިލިއަން ރުފިޔާ