Roadha Mihaaru
ފުރިހަމަ ރެކޯޑަކާ އެކު ހޮލެންޑް ލީގު ކުރީގައި ޕީއެސްވީ

ފުރިހަމަ ރެކޯޑަކާ އެކު ނެދަލެންޑްސް ލީގު ކުރީގައި ޕީއެސްވީ

07 ނޮވެމްބަރ 2023

އެއިދޯވެން (ނޮވެމްބަރު 7) - ލީގުގައި ކުޅުނު 11 ވަނަ މެޗު ވެސް ކާމިޔާބުކޮށް މޮޅުވުމުގެ ފުރިހަމަ ރެކޯޑަކާ އެކު ނެދަލެންޑްސް ލީގުގެ އެއްވަނައިގައި ޕީއެސްވީ ހަތް ޕޮއިންޓްގެ ލީޑެއް ނަގައިފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

އެއިދޯވެން (ނޮވެމްބަރު 7) - ލީގުގައި ކުޅުނު 11 ވަނަ މެޗު ވެސް ކާމިޔާބުކޮށް މޮޅުވުމުގެ ފުރިހަމަ ރެކޯޑަކާ އެކު ނެދަލެންޑްސް ލީގުގެ އެއްވަނައިގައި ޕީއެސްވީ ހަތް ޕޮއިންޓްގެ ލީޑެއް ނަގައިފި އެވެ.

ޕީއެސްވީން ލީގުގައި އެންމެ ފަހުން ލީގުގައި ހެރާކްލްސްއާ ދެކޮޅަށް ރަށުން ބޭރުގައި ކުޅެ ވަނީ 1-0 އިން މޮޅުވެފަ އެވެ. މެޗުގެ 22 ވަނަ މިނިޓުގައި ހެރާކްލްސްގެ ޖަސްޓިން ހޫމާ އަށް ރަތް ކާޑު ދައްކައި ދިން މި ޕެނަލްޓީ ކާމިޔާބު ކުރީ ލޫކް ޑި ޔޮންގް އެވެ. މިއީ ލީގުގައި އޭނާގެ ނުވަވަނަ ލަނޑެވެ.

އެކަކު މަދުކޮށް ކުޅުނު ޓީމު ކޮޅަށް ފީއެސްވީ އަށް ދެވަނަ ލަނޑު ޖަހައިދިނީ 44 ވަނަ މިނިޓުގައި ޖާޑީ ޝޫޓަން އެވެ. ފަހު ހާފުގައި ލަނޑުތައް ޖަހައިދިނީ މާލިކް ޓިލްމަން އާއި އަންޑްރޭ ރަމާލޯ އަދި ގޫސް ޓިލް އާއި ރިކާޑޯ ޕެޕީ އެވެ.

ފަހަތަށް ސޮއްސާލާފައިވާ އަޔެކްސް ވެސް ވަނީ މި ހަފްތާ ފުރަތަމަ 4-1 އިން ހީރެންވީން ބަލިކޮށް ފުރަތަމަ ފަހަރަށް ޖެހިޖެހިގެން ދެ މެޗު ކާމިޔާބު ކުރުމުގެ ހިތްހަމަޖެހުން ހޯދައިފަ އެވެ. ނަމަވެސް ލީގުގައި އެޓީމު އޮތީ 10 މެޗުން 11 ޕޮއިންޓް ހޯދައިގެން ޓޭބަލްގެ 11 ވަނައިގަ އެވެ.

ޕީއެސްވީ އެއްވަނައިގައި އޮތީ 11 މެޗުން 33 ޕޮއިންޓް ހޯދައިގެންނެވެ. ދެވަނައިގައި އޮތީ އެއް މެޗު މަދުން ކުޅެގެން 26 ޕޮއިންޓް ހޯދާފައިވާ އޭޒެޑެވެ. މިދިޔަ ސީޒަންގެ ޗެމްޕިއަން ފެއިނޫޑް އޮތީ ތިންވަނައިގަ އެވެ. ފެއިނޫޑާއި ހަތަރުވަނައިގައި އޮތް ޓްވެންޓޭ އަށް ވެސް ވަނީ 26 ޕޮއިންޓް ލިބިފަ އެވެ.

ޔޫރަޕްގައި އަދި ނަތީޖާ އެންމެ ރަނގަޅީ ފެއިނޫޑް

ޕީއެސްވީ އަށް ކުރިއަށް އޮތީ ބުދަ ދުވަހުގެ ރޭ ކުޅޭ ޗެމްޕިއަންސް ލީގު ގުރޫޕް ސްޓޭޖު މެޗެވެ. ލީގުގެ ކުރީގައި އޮތް ތިން ޓީމާއެކު އަޔެކްސް ވެސް މި ސީޒަންގައި ސަރަހައްދީ މުބާރާތްތަކުގައި ކުޅެ އެވެ.

ޕީއެސްވީ އަށް ޗެމްޕިއަންސް ލީގުގައި މިހާތަނަށް ކުޅުނު ތިން މެޗުން ވެސް މޮޅެއް ނުހޯދެ އެވެ. ފުރަތަމަ މެޗުގައި އާސެނަލް އަތުން ބަލިވިއިރު ސެވިއްޔާ އާއި ލެންސް އާ ކުޅެ ވަނީ އެއްވަރުވެފަ އެވެ. ޕީއެސްވީ އޮތީ އާސެނަލް ލީޑު ކުރާ ގުރޫޕް ބީގެ ހަތަރުވަނައިގަ އެވެ.

ޗެމްޕިއަންސް ލީގުގައި ކުޅޭ ފެއިނޫޑް އޮތީ ގުރޫޕްގެ އެއްވަނައިގަ އެވެ. ސެލްޓިކާއި ލާޒިއޯ އަތުން މޮޅެއް ހޯދިއިރު، އެތުލެޓިކޯ މެޑްރިޑް އަތުން ބަލިވީ ހަނި ގޮތަކަށެވެ.

ސަރަހައްދީ ދެވަނަ ފަންތީގެ މުބާރާތް ކަމަށްވާ ޔޫރޮޕާ ލީގުގައި ވާދަކުރާ އަޔެކްސް އަށް ވެސް އަދި ޕޮއިންޓެއް ނުލިބެ އެވެ. ފުރަތަމަ ދެ މެޗުގައި މާސޭ އާއި އޭއީކޭ އެތެންސް އަތުން ޕޮއިންޓެއް ހޯދުނަސް ފަހުން ކުޅުނު މެޗުގައި ވަނީ ބްރައިޓަން އަތުން ބަލިވެފަ އެވެ.

އޭޒެޑް ވާދަކުރަނީ ތިންވަނަ ފަންތީގެ މުބާރާތް ކަމަށްވާ ޔޫއެފާ ޔޫރޮޕާ ކޮންފަރެންސް ލީގުގަ އެވެ. އެންމެ މޮޅަކާ އެކު އެޓީމު ވެސް އޮތީ ގުރޫޕްގެ ފުލުގަ އެވެ. މޮޅުވީ ޕޮލެންޑްގެ ލީޖިއާ ވާސޯ އަތުންނެވެ. ބޮސްނިއާގެ ޒްރިންޖްސްކީ މޮސްޓާ އާއި އެސްޓަން ވިލާ އަތުން އެޓީމު ވަނީ ބަލިވެފަ އެވެ.