Roadha Mihaaru
ޔޫސީއެލްއަށް އާސެނަލް އެނބުރި އައުން ފަސޭހަ މޮޅަކުން

ހަ އަހަރުފަހުން ޗެމްޕިއަންސް ލީގަށް އާސެނަލް އެނބުރި އައުން ފަސޭހަ މޮޅަކުން

21 ސެޕްޓެމްބަރ 2023

ލަންޑަން (ސެޕްޓެމްބަރު 21) - ހަ އަހަރު ފަހުން އާސެނަލް، ޔޫއެފާ ޗެންޕިއަންސް ލީގަށް ކޮލިފައިވެ ކުޅުނު ފުރަތަމަ މެޗުގައި 4-0 އިން ފަސޭހަ ކަމާ އެކު ނެދަލެންޑްސް ގެ ޕީއެސްވީ ބަލިކޮށްފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

ލަންޑަން (ސެޕްޓެމްބަރު 21) - ހަ އަހަރު ފަހުން އާސެނަލް، ޔޫއެފާ ޗެންޕިއަންސް ލީގަށް ކޮލިފައިވެ ކުޅުނު ފުރަތަމަ މެޗުގައި 4-0 އިން ފަސޭހަ ކަމާ އެކު ނެދަލެންޑްސް ގެ ޕީއެސްވީ ބަލިކޮށްފި އެވެ.

މެޗުގެ ފުރަތަމަ ހާފުގައި އާސެނަލް ވަނީ ތިން ގޯލު ޖަހައިފަ އެވެ. ބުކަޔޯ ސަކާ އެޓީމަށް ލީޑު ނަގައިދިން އިރު ލީޑު ފުޅާ ކުރި ގޯލު ޖެހީ ލިއަންޑްރޯ ޓްރޮސާޑް އެވެ. އަދި ހާފް ނިމުމުގެ ކުރިން ތިންވަނަ ގޯލު ޖަހައިދިނީ ގެބްރިއެލް ޖީސުސް އެވެ. ފަހު ހާފުގައި، މެޗުގެ ފުރިހަމަ ވަގުތު ހަމަވާން 20 މިނިޓަށް ވެފައި ވަނިކޮށް ހަތަރުވަނަ ގޯލު ޖަހައިދިނީ ކެޕްޓަން މާޓިން އޮޑެގާޑް އެވެ.

އެންމެ ފަހުން އާސެނަލް ޗެމްޕިއަންސް ލީގު ކުޅެފައި ވަނީ 2016/2017 ސީޒަންގަ އެވެ. އެ ސީޒަންގައި އާސެނަލް ވަނީ ގަދަ 16 އަށް ދަތުރު ކޮށްފަ އެވެ. އެއީ އާސެނަލްގެ ކޯޗު މިކެލް އާޓެޓާ ކުޅުން ހުއްޓާލައި، މެންޗެސްޓާ ސިޓީގައި ޕެޕް ގާޑިއޯލާގެ އެސިސްޓެންޓް ކޯޗެއްގެ ގޮތުގައި މަސައްކަތް ކުރަން ފެށި ސީޒަނެވެ. އާސެނަލްގެ ހެޑް ކޯޗުގެ މަގާމާ އާޓެޓާ ހަވާލުވީ 2019 ވަނަ އަހަރެވެ.

މެޗަށް ފަހު އާސެނަލްގެ ކޯޗު އާޓެޓާ.-- ފޮޓޯ: އޭއެފްޕީ

މެޗަށް ފަހު އާސެނަލްގެ ކޯޗު އާޓެޓާ.-- ފޮޓޯ: އޭއެފްޕީ

ކުޅުންތެރިއެއްގެ ގޮތުގައި އާޓެޓާގެ އެންމެ ފަހު ފަސް ސީޒަންގައި ވެސް އޭނާ ވަނީ އާސެނަލްގެ ޖޯޒީގައި ޗެމްޕިއަންސް ލީގު ކުޅެފަ އެވެ. އެއިން ކޮންމެ ސީޒަނެއް ވެސް އާސެނަލް އަށް ނިންމާލަން ޖެހުނީ ގަދަ 16 އާ ހަމައިންނެވެ.

"އަހަރެން ވަރަށް އުފާވެއްޖެ. ދަނޑުގެ މާހައުލާއި ލީގު އެންތެމް އަޑުއިވުނު ވަގުތު އެއީ ޖަޒުބާތީ ވަގުތުކޮޅެއް،" މެނޭޖަރެއްގެ ގޮތުގައި ނުކުތް ފުރަތަމަ ޗެމްޕިއަންސް ލީގު މެޗާ ގުޅޭގޮތުން އާޓެޓާ ބުންޏެވެ.

"ފާއިތުވި 48 ގަޑިއިރަށް ބަލާއިރު އަހަރެންނަށް އިހުސާސް ކުރެވޭ ކުޅުންތެރިންގެ ވާދަވެރިކަން ހުރި މިންވަރު. ފުރަތަމަ ނުކުންނަން ޖެހުނީ ވެސް ވަރުގަދަ ޓީމަކާ، އެއޢީ މި ސީޒަންގައި މިރޭގެ ކުރިން ބަލި ނުވާ ޓީމެއް. އަހަރެމެން މޮޅުވީ އެޓޭކާއި ޑިފެންސްގައި ވެސް މޮޅަށް ކުޅެގެން."

އާޓެޓާ ބުނީ، ދިގު މުއްދަތެއް ވަންދެން އާސެނަލް، ޗެމްޕިއަންސް ލީގަށް ކޮލިފައި ނުވެ އޮތް އޮތުމަށް ފަހު، ރޭގެ މެޗުން މޮޅުވުމަކީ ޓީމު ހަގީގަތުގައި އޮންނަން ޖެހޭ ލެވެލް ކުޅުންތެރިންނަށް އަންގައިދޭން މުހިއްމު މޮޅެއް ކަމަށެވެ.

"މިއީ ކޮންމެ ހަފްތާއަކު އަހަރެމެން ޕްރިމިއާ ލީގުގައި ވެސް ކުޅޭ ފެންވަރު ހަމަ، އެކަމު ބައިނަލްއަގުވާމީ ލެވެލްގެ ކުޅުންތެރިން ތިބެން ވާނީ މިފަދަ މުބާރާތްތަކަށް ވެސް ހޭނިފަ،" އާޓެޓާ ބުންޏެވެ.

އާސެނަލް އާއި ޕީއެސްވީއާ އެކު ގުރޫޕް ބީގައި ހިމެނޭ ސްޕެއިންގެ ސެވިއްޔާ އާއި ފްރާންސްގެ ލެންސް ބައްދަލުކުރި މެޗު ނިމުނީ 1-1 އިން އެއްވަރު ވެގެންނެވެ.