Roadha Mihaaru
ސިކުނޑިއަށް ލޭ ފައިބައި ވެންޑަސާ އައިސީޔޫ ގައި

ސިކުނޑި އަށް ލޭ ފައިބައި ވެން ޑަ ސާ އައިސީޔޫ ގައި

08 ޖުލައި 2023

އަމްސްޓެޑަމް، ނެދަލެންޑްސް (ޖުލައި 8) - ސިކުނޑި އަށް ލޭ ފޭބުމުގެ ސަބަބުން ކުރީގެ އެއް ވަނަ ގޯލްކީޕަރު ނެދަލެންޑްސްގެ އެޑްވިން ވެން ޑަ ސާ އަށް އިންޓެންސިވް ކެއާގައި ފަރުވާދޭން ފަށައިފި އެވެ.

އަލީ ޝަހީމް އަލީ ޝަހީމް

އަމްސްޓެޑަމް، ނެދަލެންޑްސް (ޖުލައި 8) - ސިކުނޑި އަށް ލޭ ފޭބުމުގެ ސަބަބުން ކުރީގެ އެއް ވަނަ ގޯލްކީޕަރު ނެދަލެންޑްސްގެ އެޑްވިން ވެން ޑަ ސާ އަށް އިންޓެންސިވް ކެއާގައި ފަރުވާދޭން ފަށައިފި އެވެ.

އުމުރުން 52 އަހަރުގެ ވެން ޑަ ސާ އަށް ސިއްހީ މައްސަލަ ދިމާވެ ކުއްލިފަރުވާ ދޭންފެށީ އޭނާ ޗުއްޓީ ހޭދަކުރުމަށް ކްރޮއޭޝިއާގައި ހުއްޓަ އެވެ. އަޔެކްސްގެ ސީއީއޯގެ މަގާމު މިދިޔަ މަހުގެ ނިޔަލަށް ހުރި ވެން ޑަ ސާ އަށް މިހާރު ފަރުވާކުރަމުން އަންނަނީ ކްރޮއޭޝިއާ ހޮސްޕިޓަލެއްގަ އެވެ.

އަޔަކްސް އިން ބުނީ ވެން ޑަ ސާ އޮތީ "ސްޓޭބަލް" ހާލަތެއްގައި ކަމަށެވެ. ކުއްލި ހާލަތު ދިމާވުމުން ހޮސްޕިޓަލަށް ވެން ޑަ ސާ ގެންދިޔައީ ހެލިކޮޕްޓަރެއްގަ އެވެ.

ވެން ޑަ ސާ ވަނީ މިދިޔަ މެއި މަހު އަޔަކްސްގެ މަގާމުން އިސްތިއުފާދީފަ އެވެ. އަޔަކްސްގެ ބޯޑާ ވެން ޑަ ސާ ގުޅުނީ 2012 ވަނަ އަހަރު އެވެ. ޗީފް އެގްޒެކެޓިވްގެ މަގާމާ ހަވާލުވީ 2016 ގަ އެވެ.

ދިހަ އަހަރު ވެން ޑަ ސާ އަޔަކްސްގެ މެނޭޖްމަންޓުގައި މަސައްކަތް ކުރިއިރު މިދިޔަ ސީޒަނަކީ އެޓީމުގެ ނަތީޖާ ދަށްވި ފަހަރެކެވެ. ލީގުގެ ތިން ވަނަ ލިބުނުއިރު 2009 ވަނަ އަހަރަށް ފަހު ފުރަތަމަ ފަހަރަށް އެޓީމަށް ޗެމްޕިއަންސް ލީގުން ވަނީ ފުރުސަތު ގެއްލިފަ އެވެ.

އަޔަކްސް އާއި ފުލަމް އަދި ޔުވެންޓަސް އާއި މެންޗެސްޓާ ޔުނައިޓެޑަށް ކުޅުނު ވެން ޑަ ސާ ފުޓްބޯޅައިން ރިޓަޔާ ކުރީ 2011 ވަނަ އަހަރު އެވެ.

ޔުނައިޓެޑްގައި މޮޅު ކުޅުމެއް ދައްކައި އެޓީމަށް ވެން ޑަ ސާ 266 މެޗު ކުޅެ 2008 ވަނަ އަހަރު ޗެމްޕިއަންސް ލީގު ކާމިޔާބު ކުރި އެވެ. ނެދަލެންޑްސްގެ ގައުމީ ޓީމަށް ވެން ޑަ ސާ ވަނީ 130 މެޗު ކުޅެފަ އެވެ.

ވެން ޑަ ސާ އަށް ކުރިމަތިވި ސިއްހީ ހާލަތާ ގުޅިގެން އޭނާ ކުޅުނު ޓީމުތަކާއި ފުޓްބޯޅަ އާއިލާއިން އަންނަނީ ހިތާމަ ފާޅުކުރަމުންނެވެ.

ވެން ޑަ ސާގެ އަނބިމީހާ، އަނެމޭރީ ވެން ކެސްޓެރެން އަށް ވެސް 2009 އަހަރު ކުރިން ސިކުނޑި އަށް ލޭ ފައިބައި ފަރުވާ ދީފައިވެ އެވެ. އޭރު ވެން ޑަ ސާ ކުޅުނީ ޔުނައިޓެޑަށެވެ. އޭގެ 9 އަހަރު ފަހުން 2018 ވަނަ އަހަރު ވެސް ވެން ޑަ ސާގެ އަނބިމީހާ އަށް ފަރުވާދީފައިވެ އެވެ.