Roadha Mihaaru
މިވަރު ކޮށްލަން ވެސް އަރަބިންނަށް ނުކެރުނު

މިވަރު ކޮށްލަން ވެސް އަރަބިންނަށް ނުކެރުނު

01 ނޮވެމްބަރ 2023

އިޒްރޭލުގެ އަޅުވެތިކަމުގައި ތިބޭތާ 75 އަހަރަށް ވުރެ ގިނަ ދުވަސްވީ ފަލަސްތީނުގެ ރައްޔިތުންނާ އެތައް ގޮތަކުން ސީދާ ގުޅިފައިވާ ބަޔަކީ ވަށައިގެން ކައިރީގައި ހުރި އަރަބި ގައުމުތަކާއި ދުރުގައި ހުރި އަރަބި ގައުމުތަކެވެ. އިންސާނިއްޔަތުގެ ވަރުގަދަ ގުޅުމުގެ އިތުރުން، ދީނީ ގޮތުންނާއި ނަސްލީ ގޮތުންނާއި ބަހާއި އަދަބިއްޔާތާއި ސަގާފަތުގެ ގޮތުން ވެސް، ފަލަސްތީނާ އެންމެ ބޮޑަށް ގުޅިފައިވާ ބަޔަކީ އަރަބިންނެވެ.

އިޒްރޭލުގެ އަޅުވެތިކަމުގައި ތިބޭތާ 75 އަހަރަށް ވުރެ ގިނަ ދުވަސްވީ ފަލަސްތީނުގެ ރައްޔިތުންނާ އެތައް ގޮތަކުން ސީދާ ގުޅިފައިވާ ބަޔަކީ ވަށައިގެން ކައިރީގައި ހުރި އަރަބި ގައުމުތަކާއި ދުރުގައި ހުރި އަރަބި ގައުމުތަކެވެ. އިންސާނިއްޔަތުގެ ވަރުގަދަ ގުޅުމުގެ އިތުރުން، ދީނީ ގޮތުންނާއި ނަސްލީ ގޮތުންނާއި ބަހާއި އަދަބިއްޔާތާއި ސަގާފަތުގެ ގޮތުން ވެސް، ފަލަސްތީނާ އެންމެ ބޮޑަށް ގުޅިފައިވާ ބަޔަކީ އަރަބިންނެވެ.

އެތައް ހާސް މޭލެއްގެ ދުރުގައި އޮތް ލެޓިން އެމެރިކާގެ ގައުމުތަކާއި ފަލަސްތީނުގެ ރައްޔިތުންނާ ދެމެދު އިންސާނިއްޔަތުގެ ގުޅުން ފިޔަވައި އިތުރު ގުޅުމެއް ނެތެވެ. ދީނީ ގޮތުންނާއި ނަސްލީ ގޮތުން އެއްވެސް ގުޅުމެއް ނެތެވެ. ބަހާއި އަދަބިއްޔާތާއި ސަގާފަތުގެ ގޮތުން އަދި ޖިއޮގްރަފީ ގޮތުން ވެސް ގުޅުމެއް ނެތެވެ.

ނަމަވެސް ފަލަސްތީނު ރައްޔިތުންގެ ހައްގުގައި އަރަބިންނަށް ވުރެ ހަރު އަޑުން ބަސް ބުނެ، އަރަބިންނަށް ވުރެ ކުރިއަށް ފިޔަވަޅު އެޅުމުގައި ލެޓިން އެމެރިކާގެ ގައުމުތައް އެދަނީ، އަރަބި އިސްލާމީ ގައުމުތަކަށް ގޮންޖަހަމުންނެވެ. އެ ގޮތުން ބޮލީވިއާ އިން ވަނީ، ޣައްޒާގެ ކުށެއް ނެތް ނިކަމެތި އާންމު ރައްޔިތުންނަށް އިޒްރޭލުން ދެމުންދާ ލާއިންސާނީ ހަމަލާތައް ކުށްވެރިކުރުމުގެ ގޮތުން، އިޒްރޭލާ އެކު އޮތް ޑިޕްލޮމެޓިކް ގުޅުން އިއްޔެ ކަނޑާލައިފަ އެވެ.

ބޮލީވިއާގެ ރައީސް އޮފީހުގެ މިނިސްޓަރު މާރިއާ ނީލާ ޕްރާޑާ ވިދާޅުވި ގޮތުގައި އިޒްރޭލާ އެކުގައި އޮތް ޑިޕްލޮމެޓިކް ގުޅުން ކަނޑައިލީ، ޣައްޒާގައި ހިންގަމުންދާ ލާއިންސާނީ އަމަލުތަކާ ދެކޮޅު ހެދުމުގެ ގޮތުންނެވެ. އަދި އިޒްރޭލުގެ އުދުވާނީ ހަމަލާތަކުގެ ސަބަބުން ހާލުގައި ޖެހިފައި ތިބި ޣައްޒާގެ ރައްޔިތުންނަށް ބޭނުންވާ އިންސާނީ އެހީތެރިކަމުގެ ސާމާނު ވެސް ވަރަށް އަވަހަށް ޣައްޒާ އަށް ފޮނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ޣައްޒާގެ އާންމު ރައްޔިތުންގެ ހައްގުގައި ބޮލީވިއާ ތެދުވި އިރު، ޖެހިގެން އޮތް ކޮލަމްބިއާ އާއި ޗިލީން ވެސް ވަނީ، އިޒްރޭލުގެ އަމަލުތައް ކުށްވެރިކުރުމުގެ ގޮތުން، އިޒްރޭލުގައި ތިއްބަވާ އެ ދެ ގައުމުގެ ސަފީރުން އިޒްރޭލުން އަނބުރާ ގެނައުމަށް ނިންމައިފަ އެވެ.

އެކްސް (ކުރީގެ ޓްވިޓާ)ގައި އާންމު ކުރެއްވި ބަޔާނެއްގައި ޗިލީގެ ރައީސް ގެބްރިއާލް ބޮރިޗް ވިދާޅުވީ އިޒްރޭލުން ޣައްޒާގައި ހިންގާ އަމަލުތައް ވަނީ ބައިނަލްއަގުވާމީ ގާނޫނީ އިމުން ބޭރުވެފަ އެވެ. އޭގެ އިތުރުން އިޒްރޭލުގެ އެ އަމަލުތަކަކީ ޣައްޒާގެ އެންމެނަށް އުގޫބާތް ދިނުމުގެ އަމަލުތަކެއް ކަމަށް ވާތީ، އެ ފަދަ ކަންތައް ހުއްޓައިލުމަށް ބާރުއެޅުމުގެ ގޮތުން، ޗިލީގެ ސަފީރު އަނބުރާ ގައުމަށް ގެންނަން ނިންމެވީ ކަމަށް އޭނާ ވިދާޅުވި އެވެ.

މީގެ ކުރިން، 2009 ވަނަ އަހަރު އިޒްރޭލު ސިފައިން ޣައްޒާގެ އާންމު ރައްޔިތުންނަށް ދިން ހަމަލާތަކާ ގުޅިގެން އެ އަހަރު ވެސް ބޮލީވިއާ އިން އިޒްރޭލާ ގުޅުން ކަނޑައިލި އެވެ. އޭގެ ފަހުން ދެ ގައުމުގެ ދެމެދުގައި ޑިޕްލޮމެޓިކް ގުޅުން ގާއިމުކުރީ 2020 ވަނަ އަހަރު އެވެ.

އިޒްރޭލުގެ އަނިޔާވެރި އަމަލުތަކާ ދެކޮޅަށް ލެޓިން އެމެރިކާގެ ގައުމުތަކުން ފިޔަވަޅުތައް އަޅަމުން ދާއިރު ވެސް، ފަލަސްތީނުގެ އަވައްޓެރި އަރަބި ގައުމުތަކުން އިޒްރޭލާ ދެކޮޅަށް މިހާތަނަށް އެއްވެސް ފިޔަވަޅެއް ނާޅަ އެވެ. އިޒްރޭލާ އެކުގައި ކުރަމުން އަންނަ ވިޔަފާރީގެ މުއާމަލާތްތަކާއި ސިޔާސީ މުއާމަލާތްތައް ކުރިއެކޭ އެއްގޮތަށް މިހާރު ވެސް ކުރިއަށް އެބަދެ އެވެ.

ފަލަސްތީނުގެ ޣައްޒާ އަށް އިޒްރޭލު ސިފައިން ހަމަލާ ދެމުންދަނީ، އިޒްރޭލުގެ އަޅުވެތިކަމާ ދެކޮޅަށް، އަގްސާ ތޫފާންގެ ނަމުގައި، މިދިޔަ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހު ހަމާސް ޖަމާއަތުން ފެށި ހަނގުރާމައަށް ބަދަލު ހިފުމުގެ ގޮތުން، "އެކަތައިގެ ކަނޑިތައް" ނަމުގައި ހަމަ އެ ދުވަހު އިޒްރޭލުން ފަށާފައިވާ ހަނގުރާމައިގަ އެވެ.

އިޒްރޭލުން ޣައްޒާ އަށް މިހާރު ދެމުންދާ އަސްކަރީ ހަމަލާތަކުގައި 26 ވަނަ ދުވަހަށް އިރު އެރި އިރު، ފަލަސްތީނުގެ 8500 އަށް ވުރެ ގިނަ މީހުން ޝަހީދުކޮށްލައި 22000 އަށް ވުރެ ގިނަ މީހުން ޒަޚަމްކޮށްލައިފި އެވެ. ޝަހީދުވި މީހުންގެ ތެރޭގައި 3600 އަށް ވުރެ ގިނަ ކުޑަކުދިންނާއި 2200 އަށް ވުރެ ގިނަ އަންހެނުންނާއި 600 އަށް ވުރެ ގިނަ މުސްކުޅިން ހިމެނެ އެވެ.

ިއިޒްރޭލުން ދިން ހަމަލާއެއްގައި ބިމާ ހަމަވެފައިވާ އިމާރާތަކުން މީހުން ހޯދުމުގެ މަސައްކަތް ކުރަނީ.-- ފޮޓޯ: އޭއެފްޕީ

ިއިޒްރޭލުން ދިން ހަމަލާއެއްގައި ބިމާ ހަމަވެފައިވާ އިމާރާތަކުން މީހުން ހޯދުމުގެ މަސައްކަތް ކުރަނީ.-- ފޮޓޯ: އޭއެފްޕީ

އޭގެ އިތުރުން ޣައްޒާގެ ހަނގުރާމައާ ދެކޮޅަށް ހުޅަނގު އައްސޭރީގެ ޒުވާނުން އަޑުއުފުލަން ފެށުމާ ގުޅިގެން ހުޅަނގު އައްސޭރިއަށް އިޒްރޭލު ސިފައިން ވަދެގަނެ ހިންގަމުން ދާ އުދުވާނީ އަމަލުތަކުގައި ޝަހީދުވި މީހުންގެ އަދަދު 125 އަށް އަރައިފި އެވެ. އަދި އިތުރު 2150 އަށް ވުރެ ގިނަ މީހުން ވަނީ، ހުޅަނގު އައްސޭރިން ޒަޚަމްވެފަ އެވެ.

އަގްސާ ތޫފާންގައި ހަމާސް އިން އިޒްރޭލަށް ދިން ހަމަލާތަކުގައި އިޒްރޭލުން މަރުވި މީހުންގެ އަދަދު 1500 އަށް ވުރެ މައްޗަށް ގޮސްފައިވާ އިރު ޒަޚަމްވި މީހުންގެ އަދަދު ވަނީ 5200 އަށް ވުރެ މަތިވެފަ އެވެ. މަރުވި މީހުންގެ ތެރޭގައި އިޒްރޭލު ސިފައިންގެ 310 މީހަކު ވެސް ހިމެނެ އެވެ. އޭގެ އިތުރުން އިޒްރޭލުގެ ތެރެއިން ހައްޔަރުކޮށްފައިވާ 239 މީހުން އަސީރުންގެ ގޮތުގައި ހަމާސްގެ ބެލުމުގެ ދަށުގައި އެބަތިއްބެވެ.