Roadha Mihaaru
ފުރަތަމަ ލިޔުން ދޭނީ 4،000 ފްލެޓު ލިބޭ މީހުންނަށް

ފްލެޓަށް ޝަރުތު ހަމަވި މީހުންގެ ތެރެއިން 4،000 މީހުންނަށް އާދީއްތަ ދުވަހުގެ ކުރިން ލިޔުން ދެނީ

30 އޮކްޓޯބަރ 2023

މި ސަރުކާރުން ދޫކުރަން ނިންމި ފްލެޓްތަކަށް ޝަރުތު ހަމަވާ އެންމެންނަށް ފްލެޓު ދޭން ނިންމާފައިވިޔަސް އެންމެ ފުރަތަމަ ލިޔުން ދޭނީ ހުޅުމާލެ 2 ގައި މިހާރު އިމާރާތްކުރަމުން އަންނަ 4،000 ފްލެޓު ލިބޭ މީހުންނަށް ކަމަށް ހައުސިން މިނިސްޓްރީން މިއަދު ބުނެފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

މި ސަރުކާރުން ދޫކުރަން ނިންމި ފްލެޓްތަކަށް ޝަރުތު ހަމަވާ އެންމެންނަށް ފްލެޓު ދޭން ނިންމާފައިވިޔަސް އެންމެ ފުރަތަމަ ލިޔުން ދޭނީ ހުޅުމާލެ 2 ގައި މިހާރު އިމާރާތްކުރަމުން އަންނަ 4،000 ފްލެޓު ލިބޭ މީހުންނަށް ކަމަށް ހައުސިން މިނިސްޓްރީން މިއަދު ބުނެފި އެވެ.

މި ސަރުކާރުގެ ގެދޮރުވެރިވެރިޔާގެ ސްކީމުގެ ދަށުން ހަދާ ފްލެޓުތަކަށް ހުޅުވައިލުމުން 20،000 އަށް ވުރެ ގިނަ މީހުން ކުރިމަތިލި އެވެ. ސަރުކާރުން ވަނީ، އެ ސްކީމަށް ޝަރުތު ހަމަވާ އެންމެންނަށް ފްލެޓު ދޭނެކަން އިއުލާންކޮށްފަ އެވެ. އެއީ 13،000 ފްލެޓެވެ.

ޕްލޭނިން މިނިސްޓްރީން އޭރު ބުނީ ބާކީ ތިބި އެންމެންނަށް ފްލެޓު ދިނުމަށް އިތުރަށް ފްލެޓު އަޅާނެ ކަމަށެވެ.

އެ މަސައްކަތުގެ ތެރެއިން، މިދިޔަ އޮގަސްޓް މަހު ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ވަނީ އިންޑިއާގެ ކަލްޕަޓަރު ޕްރޮޖެކްޓްސް އިންޓަނޭޝަނަލް ލިމިޓެޑް (ކޭޕީއައިއެލް) އާ އެކު އިތުރު 4،000 ފްލެޓް އިމާރާތް ކުރަން ނިންމައިފަ އެވެ. ނަމަވެސް، އޭގެ އަމަލީ އެއްވެސް މަސައްކަތެއް ނުފަށަ އެވެ.

އެފްޑީސީން ވަނީ ހައުސިން މަޝްރޫއަށް ފައިނޭންސް ހަމަޖައްސަން ކޭޕީއައިއެލް އަށް ހަ މަސް ދުވަހުގެ މުއްދަތެއް ދީފަ އެވެ.

އެންމެ ފަހުން ސޮއިކުރި ފްލެޓުތަކާ އެކު، މި ސަރުކާރުން މިހާތަނަށް ހަވާލުކުރި ފްލެޓުތަކުގެ އަދަދު 8،000 އަށް އަރަ އެވެ.

އެކަމަކު، އޭގެ ތެރެއިން މަސައްކަތް ފެށީ ހަމައެކަނި 4،000 ފްލެޓުގެ އެވެ. އެ ތަންތަން ހަދަނީ 32 ޓަވަރުގަ އެވެ. ޖުމުލަ 18 ބުރިއަށް ހަދާ ކޮންމެ ޓަވަރެއްގެ ފްލޯއެއްގައި އަށް އެޕާޓްމަންޓް ހުންނާނެ އެވެ.

ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން މިއަދު ވިދާޅުވީ ޝަރުތު ހަމަވާ އެންމެންނަށް ފްލެޓު ދޭން ނިންމިއަސް، އެންމެ ފުރަތަމަ ލިޔުން ދޭނީ މިހާރު ހަދަމުން އަންނަ 4،000 ފްލެޓު ލިބޭ މީހުންނަށް ކަމަށެވެ.

އެ މީހުންނަށް އަންނަ އާދިއްތަ ދުވަހުގެ ކުރިން ލިޔުން ދިނުމަށް މަސައްކަތް ކުރާ ކަމަށް ވެސް އަކްރަމް ވިދާޅުވި އެވެ.

އެކަމަކު، ފުރަތަމަ 4،000 ކަނޑައެޅުމުގައި އިސްކަންދޭ ގޮތެއް އަދި ފްލެޓުތަކުގެ ތަޅުދަނޑި ދޫކުރަން ފަށާނެ އިރެއް އަދި ނުބުނެ އެވެ.

އެފްޑީސީން ވަނީ މިހާރު ހަދަމުން އަންނަ ފްލެޓުތަކުގައި މި އަހަރު ނިމުމުގެ ކުރިން ލިފްޓް ހަރުކޮށް، ފެނާއި ކަރަންޓު ފޯރުކޮށްދެވޭނެ ކަމަށް ބުނެފަ އެވެ.