Roadha Mihaaru
އެމްޑީޕީ މެންބަރުން ތަޅުމުން ނުނިކުމެ އިހުތިޖާޖުގައި

ޖަލްސާ ނުބޭއްވުމުން، އެމްޑީޕީ މެންބަރުން ތަޅުމުން ނުނިކުމެ އިހުތިޖާޖުގައި!

29 އޮކްޓޯބަރ 2023

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމަށް ހުށަހަޅާފައިވާ މައްސަލަ މިއަދު ކުރިއަށް ނުގެންދެވޭނެ ކަން އެންގުމުން އެކަމާ މެދު ހިތްހަމަނުޖެހި، އެމްޑީޕީގެ މެންބަރުން ތަޅުމުން ނުނިކުމެ އިހުތިޖާޖު ފަށައިފި އެވެ.

އައިޝަތު ނުޒުހާ އައިޝަތު ނުޒުހާ

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމަށް ހުށަހަޅާފައިވާ މައްސަލަ މިއަދު ކުރިއަށް ނުގެންދެވޭނެ ކަން އެންގުމުން އެކަމާ މެދު ހިތްހަމަނުޖެހި، އެމްޑީޕީގެ މެންބަރުން ތަޅުމުން ނުނިކުމެ އިހުތިޖާޖު ފަށައިފި އެވެ.

ނަޝީދު މަގާމުން ދުރު ކުރުމަށް 49 މެންބަރުންގެ ސޮޔާއެކު އެމްޑީޕީން ހުށަހެޅި އިތުބާރު ނެތް މައްސަލަ މިއަދަށް އޮތީ އެޖެންޑާ ކޮށްފަ އެވެ. ނަމަވެސް ނައިބު ރައީސް އީވާ އަބްދުﷲ އާލާސްކަންފުޅާ އުޅުއްވާތީ މިއަދުގެ ޖަލްސާ ކުރިޔަށް ނުގެންދެވޭނެ ކަމަށް މަޖިލީހުން ވަނީ ނިންމައިފަ އެވެ.

އެކަން މަޖިލީހުގެ އަމީންއާއްމު ފާތިމަތު ނިއުޝާ އިއުލާނުކުރެއްވުމާ އެކު، އެމްޑީޕީ މެންބަރުން ވަނީ ނުރުހުން ފާޅުކުރެއްވުމަށް ޗެމްބަރު ކުރިމައްޗަށް އެއްވެ އަޑުގަދަ ކުރައްވައިފަ އެވެ. އައްޑޫ މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް ވަނީ ނުރުހުން ފާޅުކުރުމުގެ ތެރެއިން މަޖިލީހުގެ ރައީސްގެ ގޮނޑިކޮޅުގައި ވެސް އިށީންނަވައިފަ އެވެ.

އެމްޑީޕީގެ މެންބަރަކު ވިދާޅުވީ ހިތްހަމަނުޖެހުން ފާޅުކުރުމަށް މެންބަރުން އަދިވެސް ތަޅުމުން ނުނިކުމެ މަޑުކޮށްގެން ތިބި ކަމަށެވެ.

މަޖިލީހުގައި އެމްޑީޕީ މެމްބަރުން އިހުތިޖާޖު ކުރަނީ.-- ފޮޓޯ: މެމްބަރުން

މަޖިލީހުގައި އެމްޑީޕީ މެމްބަރުން އިހުތިޖާޖު ކުރަނީ.-- ފޮޓޯ: މެމްބަރުން

އިތުބާރު ނެތްކަމަށް ހުށަހަޅާފައިވާ މައްސަލަ ކުރިޔަށް ގެންދެވޭނެ ގޮތެއް ހޯދަން އެމްޑީޕީން ސުޕްރީމް ކޯޓަށް މައްސަލައެއް ހުށަހެޅުމަށް ވެސް ވަނީ ނިންމައިފަ އެވެ.

އެމްޑީޕީން ގަބޫލުކުރާ ގޮތުގައި ނައިބު ރައީސަށް ރިޔާސަތު ނުބެލެހެއްޓެވޭ ހާލަތެއްގައި ޖަލްސާގެ ރިޔާސަތު ބަލަހައްޓާނެ ފަރާތްތައް މަޖިލީހުގެ ގަވައިދުގެ 44 ވަނަ މާއްދާގައި ވަނީ ބަޔާން ކޮށްފަ އެވެ. އެއީ މަޖިލީހުގައި އެންމެ ގިނަ ދުވަހު ހިދުމަތް ކުރެއްވި ފަސް މެންބަރުންނެވެ.

މަޖިލީހުގައި އެމްޑީޕީ މެމްބަރުން އިހުތިޖާޖު ކުރަނީ.-- ފޮޓޯ: މެމްބަރުން

މަޖިލީހުގައި އެމްޑީޕީ މެމްބަރުން އިހުތިޖާޖު ކުރަނީ.-- ފޮޓޯ: މެމްބަރުން

މަޖިލީހުގެ ގަވައިދުގެ 250 ވަނަ މައްދާގައި ބުނާ ގޮތުން މަޖިލީހުގެ ނިންމުންތަކާއި އުސޫލުތަކުން ހައްލެއް ނުލިބިއްޖެ ނަމަ ރިޔާސީ ނިޒާމް ގާއިމް ކުރެވިފައިވާ ގައުމުތަކުގެ ގާނޫނު ހަދާ މަޖިލިސްތަކުގައި އަމަލު ކުރާ އާންމު އުސޫލަށް އަމަލު ކުރަން ޖެހޭނެ ކަމަށެވެ.

ނަޝީދު ވަކި ކުރުމުގެ ގަރާރު ކުރިއަށް ނުގެންގޮސް، މަޖިލީހުގެ އެއްވެސް މަސައްކަތަކަށް އެއްބާރުލުން ނުދޭނެ ކަމަށް މަޖިލީހުގެ އަޣުލަބިއްޔަތު އޮންނަ އެމްޑީޕީން ވަނީ ބުނެފަ އެވެ.

އެމްޑީޕީ މެންބަރުން މަޖިލިސް ތަޅުމުގައި --

އެމްޑީޕީ މެންބަރުން މަޖިލިސް ތަޅުމުގައި --

ނަޝީދު ރިޔާސަތުގައި އިންނަވައިގެން، އަންނަ މަހު 17 ގައި އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރައްވާ ހުވާ ސައްހަ ނުވާނެ ކަމަށާއި، އެ މަނިކުފާނުގެ ކެބިނެޓަށް ވެސް ރުހުން ނުދޭނެ ކަމުގެ އިންޒާރު ވެސް އެމްޑީޕީން ވަނީ ދީފަ އެވެ.