Roadha Mihaaru
ސަޕްލިމަންޓްރީގެ ބަޖެޓުން 1.2 ބިލިއަން ކުންފުނިތަކަށް

ސަޕްލިމަންޓްރީގެ ބަޖެޓުން 1.2 ބިލިއަން ކުންފުނިތަކަށް

25 އޮކްޓޯބަރ 2023

ސަޕްލިމަންޓްރީގެ ބަޖެޓުގެ ގޮތުގައި ހުށަހެޅި 6.5 ބިލިއަން ރުފިޔާގެ ތެރެއިން 1.2 ބިލިއަން ރުފިޔާ ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ދޭ ސަބްސިޑީ އާއި ލޯނާއި ގްރާންޑަށް ހޭދަކުރަން ކަނޑައަޅައިފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ސަޕްލިމަންޓްރީގެ ބަޖެޓުގެ ގޮތުގައި ހުށަހެޅި 6.5 ބިލިއަން ރުފިޔާގެ ތެރެއިން 1.2 ބިލިއަން ރުފިޔާ ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ދޭ ސަބްސިޑީ އާއި ލޯނާއި ގްރާންޑަށް ހޭދަކުރަން ކަނޑައަޅައިފި އެވެ.

ފިނޭންސް މިނިސްޓްރީން އާންމުކުރި ސަޕްލިމަންޓްރީ ބަޖެޓުގެ ތަފްސީލުގައިވާ ގޮތުން، އެންމެ ބޮޑު އަދަދެއް ދެނީ އިލެކްޓްރިކް ސަބްސިޑީގެ ގޮތުގަ އެވެ. އެއީ 420 މިލިއަން ރުފިޔާ އެވެ. އަދި ޓްރެޝަރީ ލޯނުގެ ގޮތުގައި 230 މިލިއަން ރުފިޔާ ކަނޑައަޅާފައިވެ އެވެ. ފެނަކައިގެ އިތުރުން ސްޓެލްކޯއަށް ދޫކުރާ އިލެކްޓްރިކް ސަބްސިޑީގެ ގޮތުގައި ވަނީ 110 މިލިއަން ރުފިޔާ ކަނޑައަޅައިފަ އެވެ.

އާރްޑީސީއަށް ވެސް ޓްރެޝަރީ ލޯނުގެ ގޮތުގައި 60 މިލިއަން ރުފިޔާ ދޫކުރަން ހިމަނާފައިވެ އެވެ. ފަންޑް މެނޭޖްމެންޓް ކޯޕަރޭޝަނަށް 330 މިލިއަން ރުފިޔާ ދޭން ކަނޑައެޅި އިރު އެޗްޑީސީއަށް ވަނީ 280 މިލިއަން ރުފިޔާ ކަނޑައަޅައިފަ އެވެ.

ސަޕްލިމެންޓްރީ ބަޖެޓުގައި 1.3 ބިލިއަން ރުފިޔާ ވަނީ ފިއުލް ސަބްސިޑީއަށް އިތުރުކޮށްފަ އެވެ. އަދި އާސަންދަ އަށް 1.2 ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ އެވެ.

ސަބްލިމެންޓްރީ ބަޖެޓުގެ ޕީއެސްއައިޕީ މަޝްރޫއުތަކުގެ ތެރެއިން، އެންމެ ބޮޑު ހޭދައެއް އޮތީ އައްޑޫ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުއަށެވެ. އެ މަޝްރޫއުއަށް 344 މިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ އެވެ. އަދި ހދ. ހަނިމާދޫ އެއާޕޯޓުގެ ޕްރޮޖެކްޓަށް 335 މިލިއަން ރުފިޔާ ބަޖެޓުން ކަނޑައެޅި އިރު 34 ރަށެއްގެ ނަރުދަމާ ހެދުމަށް 290 މިލިއަން ރުފިޔާ ހަމަޖައްސާފައިވެ އެވެ.

މީގެ އިތުރުން، ޕޮލްކޯ ހައުސިން ޔުނިޓްތަކުގެ މަޝްރޫއު ނިންމަން 150 މިލިއަން ރުފިޔާ އާއި މާލެ-ތިލަފުށި ބްރިޖުގެ މަޝްރޫއުގެ މަސައްކަތަށް 146 މިލިއަން ރުފިޔާ ވެސް ހިމަނާފައި އެބަ އޮތެވެ.

ޕީއެސްއައިޕީގެ 12 މަޝްރޫއުއެއް ހިންގުމަށް ސަޕްލިމެންޓްރީ ބަޖެޓުން ހޭދަކުރެ އެވެ. ޕީއެސްއައިޕީއަށް ޖުމްލަ 1.7 ބިލިއަން ރުފިޔާ ވަނީ އިތުރަށް ކަނޑައަޅައިފަ އެވެ.

މިދިޔަ އަހަރު ވެސް ދައުލަތުގެ ހަރަދުތައް ހަމަޖައްސަން އިތުރު 5.8 ބިލިއަން ރުފިޔާގެ ސަޕްލިމެންޓްރީ ބަޖެޓެއް ހުށަހެޅި އެވެ. ފިނޭންސް މިނިސްޓްރީން 2019 ވަނަ އަހަރުން ފެށިގެން އަހަރުގެ މެދު ތެރެއިން އަންނަނީ ސަޕްލިމެންޓްރީ ބަޖެޓް ހުށަހަޅަމުންނެވެ.