Roadha Mihaaru
ސަޕްލިމެންޓްރީ ބަޖެޓު ކޮމިޓީން ފާސްކޮށްފި

ސަޕްލިމެންޓްރީ ބަޖެޓަށް 6.5 ބިލިއަން ރުފިޔާ ކޮމިޓީން ފާސްކޮށްފި

16 ނޮވެމްބަރ 2023

މި އަހަރުގެ ދައުލަތުގެ ބަޖެޓަށް އިތުރުކުރަން އިތުރު 6.5 ބިލިއަން ރުފިޔާގެ ސަޕްލިމެންޓަރީ ބަޖެޓެއް ރައްޔިތުންގެ މަޖިލީހުގެ ބަޖެޓު ކޮމިޓީން ފާސްކޮށްފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

މި އަހަރުގެ ދައުލަތުގެ ބަޖެޓަށް އިތުރުކުރަން އިތުރު 6.5 ބިލިއަން ރުފިޔާގެ ސަޕްލިމެންޓަރީ ބަޖެޓެއް ރައްޔިތުންގެ މަޖިލީހުގެ ބަޖެޓު ކޮމިޓީން ފާސްކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީން ބަޖެޓަށް ހުށަހެޅި 6.5 ބިލިއަން ރުފިޔާއާ އެކު މިއަހަރު ދައުލަތުގެ ބަޖެޓް 49.4 ބިލިއަން ރުފިޔާ އަށް އިތުރުވާނެ އެވެ.

މިދިޔަ އޮކްޓޫބަރު މަހުގެ 18 ވަނަ ދުވަހު މަޖިލީހަށް ހުށަހެޅި ސަޕްލިމެންޓްރީ ބަޖެޓު ފާސް ކުރީ، ކޮމިޓީގެ އަގުލަބިއްޔަތުންނެވެ.

ބަޖެޓަށް އިތުރު ކުރަން ހުށަހެޅި އަދަދުތަކުގެ ތަފްސީލު

- ޖުމްލަ ރިކަރަންޓް ހަރަދު: 3.1 ބިލިއަން ރުފިޔާ

- ކެޕިޓަލް ހަރަދު: 3.3 ބިލިއަން ރުފިޔާ

ފިނޭންސް މިނިސްޓްރީން ރިކަރަންޓް ހަރަދަށް އިތުރު ކުރަން ހުށަހެޅި ފައިސާގެ ތެރެއިން ސަބްސިޑީ އަށް 1.8 ބިލިއަން ރުފިޔާ އިތުރަށް ހަރަދު ކުރާނެ އެވެ. އަދި އާސަންދަ އަށް 1.2 ބިލިއަން ރުފިޔާ ވަނީ އިތުރަށް ކަނޑައަޅައިފަ އެވެ. އާސަންދައަށް އިތުރު ކުރި 1.2 ބިލިއަން ރުފިޔާއާ އެކު އާސަންދަ އަށް ކުރާ ހޭދަ 2.3 ބިލިއަން ރުފިޔާ އަށް އިތުރުވާނެ އެވެ.

ކެޕިޓަލް ހަރަދު އިތުރު ކޮށްފައި ވަނީ ޕީއެސްއައިޕީ އަށް ކުރާ ހޭދަ އިތުރުވުމުންނެވެ. އަލަށް ބަޖެޓަށް އިތުރުކުރި ފައިސާގެ ތެރެއިން ޕީއެސްއައިޕީގެ 12 މަޝްރޫއަށް 1.7 ބިލިއަން ރުފިޔާ ވަނީ ކަނޑައަޅައިފަ އެވެ. ޕީއެސްއައިޕީ މަޝްރޫއުތަކުގެ ތެރެއިން، އެންމެ ބޮޑު ހޭދައެއް އޮތީ އައްޑޫ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުއަށެވެ. އެ މަޝްރޫއު އަށް 344 މިލިއަން ރުފިޔާ ވަނީ ކަނޑައަޅައިފަ އެވެ. އަދި ހދ. ހަނިމާދޫ އެއާޕޯޓުގެ ޕްރޮޖެކްޓަށް 335 މިލިއަން ރުފިޔާ ބަޖެޓުން ކަނޑައެޅި އިރު 34 ރަށެއްގެ ނަރުދަމާ ހެދުމަށް 290 މިލިއަން ރުފިޔާ ހަމަޖައްސާފައިވެ އެވެ.

މީގެ އިތުރުން، ޕޮލްކޯ ހައުސިން ޔުނިޓްތަކުގެ މަޝްރޫއު ނިންމަން 150 މިލިއަން ރުފިޔާ އާއި މާލެ-ތިލަފުށި ބްރިޖުގެ މަޝްރޫއުގެ މަސައްކަތަށް 146 މިލިއަން ރުފިޔާ ވެސް ހިމަނާފައި އެބައޮތެވެ.

ބަޖެޓަށް އިތުރުކުރި 6.5 ބިލިއަން ރުފިޔާއާ އެކު ދައުލަތުގެ ރިކަރަންޓް ހަރަދު 31.7 ބިލިއަން ރުފިޔާ އަށް އިތުރުވާނެ އެވެ.

މިދިޔަ އަހަރު ވެސް ދައުލަތުގެ ހަރަދުތައް ހަމަޖައްސަން އިތުރު 5.8 ބިލިއަން ރުފިޔާގެ ސަޕްލިމެންޓްރީ ބަޖެޓެއް ހުށަހެޅި އެވެ. ފިނޭންސް މިނިސްޓްރީން 2019 ވަނަ އަހަރުން ފެށިގެން އަހަރުގެ މެދު ތެރެއިން އަންނަނީ ސަޕްލިމެންޓްރީ ބަޖެޓް ހުށަހަޅަމުންނެވެ.