Roadha Mihaaru
2.24 ބިލިއަން ރުފިޔާގެ ސަޕްލިމަންޓްރީ ބަޖެޓެއް ހުށަހަޅައިފި

2.24 ބިލިއަން ރުފިޔާގެ ސަޕްލިމަންޓްރީ ބަޖެޓެއް ހުށަހަޅައިފި

09 ނޮވެމްބަރ 2021

މި އަހަރުގެ ބަޖެޓަށް އިތުރުވާ 2.24 ބިލިއަން ރުފިޔާ ސަލްޕިމެންޓްރީ ބަޖެޓެއްގެ ގޮތުގައި ސަރުކާރުން މަޖިލީހަށް ހުށަހަޅައިފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

މި އަހަރުގެ ބަޖެޓަށް އިތުރުވާ 2.24 ބިލިއަން ރުފިޔާ ސަލްޕިމެންޓްރީ ބަޖެޓެއްގެ ގޮތުގައި ސަރުކާރުން މަޖިލީހަށް ހުށަހަޅައިފި އެވެ.

ފިނޭންސް މިނިސްޓްރީ އަށް މިގޮތަށް މަޖިލީހަށް ހުށަހެޅީ މިދިޔަ އާދިއްތަ ދުވަހު އަންނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓާ އެކު އެވެ.

ބަޖެޓް ފޮތުގައިވާ ގޮތުން މި އަހަރަށް ކަނޑައެޅި 34.9 ބިލިއަން ރުފިޔާގެ ބަޖެޓަށް ވުރެ ސަރުކާރުގެ ހަރަދުތައް އިތުރުވާނެ އެވެ. މި އަހަރު ނިމޭ އިރު ސަރުކާރުގެ ބަޖެޓު ހުންނާނެ ކަމަށް ބެލެވެނީ 37.1 ބިލިއަން ރުފިޔާގަ އެވެ. ބަޖެޓު އިތުވަނީ ފާސްކުރި ބަޖެޓުގައި ހިމެނިފައި ނެތް ސަނީސައިޑް ބޮންޑުގެ ތެރެއިން އަނބުރާ ދައްކާފައިވާ މިންވަރަށް ބަލައި ބަޖެޓު ރިވައިޒްކޮށްފައިވުމުންނެވެ.

އަލަށް ބަޖެޓަށް އިތުރުވި އަދަދާ އެކު މި އަހަރުގެ ބަޖެޓުގައި ދައުލަތުގެ ރިކަރަންޓް ހަރަދު ވަނީ 24.5 ބިލިއަން ރުފިޔާ އަށް އަރައިފަ އެވެ. މިއީ މިދިޔަ އަހަރު ފާސްކުރި ބަޖެޓަށް ވުރެ ތިން ޕަސެންޓް އިތުރު އަދަދެކެވެ. މީގެ އިތުރުން ކެޕިޓަލް ހަރަދު ވަނީ 12.2 ބިލިއަން ރުފިޔާއަށް އިތުރުވެފައިވެ އެވެ. މިއީ ކުރިން ފާސްކުރި ބަޖެޓަށް ވުރެ އެއް ޕަސެންޓް އިތުރު އަދަދެކެވެ.

މި އަހަރުގެ ކުރީ ކޮޅު ސަރުކާރުން ވިއްކި ސުކޫކުން ލިބުނު 191 މިލިއަން ޑޮލަރު (2.9 ބިލިއަން ރުފިޔާ) ދައްކަން ޖެހުނީ 2017 ވަނަ އަހަރު އިޝޫކުރި ސޮވެރިން ބޮންޑުގެ ދަރަނި އަދާކުރަން ކަމަށް ސަރުކާރުން ބުނެ އެވެ.

"ސަނީ ސައިޑް" ގެ ނަމުގައި 2017 ވަނަ އަހަރު ޔާމީންގެ ސަރުކާރުން 200 މިލިއަން ޑޮލަރުގެ ސޮވެރިން ބޮންޑެއް ވިއްކި އެވެ. އެއީ ބޭރުގެ މާކެޓަށް ރާއްޖެއިން ވިއްކި ފުރަތަމަ ބޮންޑެވެ. އޭރު މި ބޮންޑު ވިއްކީ ފަސް އަހަރުގެ ތެރޭގައި އަނބުރާ ދައްކާ ގޮތަށެވެ.

މި ބޮންޑަށް ބާކީ ނުދެއްކި އޮތް 58 މިލއަން ޑޮލަރު (894 މިލިއަން ރުފިޔާ) އަންނަ އަހަރު ދެއްކުމަށް ރާވައިފައިވަނީ ސޮވަރިން ޑިވެލޮޕްމަންޓް ފަންޑު މެދުވެރިކޮށެވެ. އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގައި 5.7 ބިލިއަން ރުފިޔާ ދަރަަނި ދެއްކުމަށް ހޭދަކުރާނެ އެވެ.

ދައުލަތުގެ ދަރަނި އެއް އަހަރުން އަނެއް އަހަރަށް އަންނަނީ އިތުރުވަމުންނެވެ. މި އަހަރު ގެރެންޓީއާ އެކު ދަރަނި ހުރީ 93 ބިލިއަން ރުފިޔާގަ އެވެ.