25 އޮކްޓޯބަރ 2023
ރިޔާދު (އޮކްޓޫބަރު 25) - ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯގެ ދެ ގޯލާ އެކު 4-3 އިން ގަތަރުގެ އައް ދުހެއިލް ބަލިކޮށް އޭއެފްސީ ޗެމްޕިއަންސް ލީގު ގުރޫޕް ސްޓޭޖުގައި ސައުދީ އަރަބިއްޔާގެ އައް ނަސްރުން އެޓީމު މޮޅުވުމުގެ ރެކޯޑް ދަމަހައްޓައިފި އެވެ.
ރިޔާދު (އޮކްޓޫބަރު 25) - ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯގެ ދެ ގޯލާ އެކު 4-3 އިން ގަތަރުގެ އައް ދުހެއިލް ބަލިކޮށް އޭއެފްސީ ޗެމްޕިއަންސް ލީގު ގުރޫޕް ސްޓޭޖުގައި ސައުދީ އަރަބިއްޔާގެ އައް ނަސްރުން އެޓީމު މޮޅުވުމުގެ ރެކޯޑް ދަމަހައްޓައިފި އެވެ.
މިދިޔަ ސީޒަންގައި ފްރާންސްގެ ޕީއެސްޖީ އަށް ކޯޗު ކޮށްދިން ކްރިސްޓޯފް ގަލްޓިއޭގެ އިރުޝާދުގެ ދަށުން ކުޅޭ ދުހެއިލް ކޮޅަށް ފުރަތަމަ ހާފުގެ 25 ވަނަ މިނިޓުގައި ރޮނާލްޑޯ ދިން ބޯލައެއް ހޯދައިގެން ޓަލިސްކާ ޖަހައިދިން ގޯލާ އެކު ފުރަތަމަ ހާފު ނިންމާލިއިރު، ދެވަނަ ހާފު ފެށިގެން މެޗުގެ 56 ވަނަ މިނިޓުގައި އެޓީމަށް ލީޑު ފުޅާ ކޮށްދިނީ ސަޑިއޯ މާނޭ އެވެ. މިއީ އޭއެފްސީ ޗެމްޕިއަންސް ލީގުގައި މާނޭ ކާމިޔާބު ކުރި ފުރަތަމަ ގޯލެވެ.
މެޗުގައި ރޮނާލްޑޯ އޭނާގެ ފުރަތަމަ ގޯލު ޖަހައިދިނީ 61 ވަނަ މިނިޓުގައި އޭރިއާ ބޭރުގައި ހުރެ އޭނާގެ ވާތު ފައިން ޖަހައި ފޮނުވާލި ބޯޅަ ގޯލުގެ މަތީ ކަނަށް ވައްދާލައިގެންނެވެ.
ރޮނާލްޑޯ ގޯލު ޖެހިތާ ދެ މިނިޓް ފަހުން އިސްމާއީލް މުހައްމަދު ގޯލެއް ޖަހައި އުންމީދު ހޯދައިދީފައި ވަނިކޮށް އޭގެ ހަތަރު މިނިޓް ފަހުން ފަރަގު ކުޑަ ކޮށްދިނީ އަލްމުއީޒް އަލީ އެވެ.
ރޮނާލްޑޯ މެޗުގައި އޭނާގެ ދެވަނަ ގޯލު ޖަހައިދިނީ 81 ވަނަ މިނިޓުގަ އެވެ. އޭގެ ހަތަރު މިނިޓް ފަހުން ދުހެއިލްގެ ތިންވަނަ ގޯލު ޖަހައިދިނީ ކެންޔާ ފޯވާޑް މައިކަލް އޮލުންގާ އެވެ.
ރޮނާލްޑޯގެ އެހީގައި ޓަލިސްކާ ޖެހި ގޯލަށް ފަހު، ދެ ކުޅުންތެރިންނާ އެކު މާނޭ އުފާފާޅު ކުރުމުގައި.-- ފޮޓޯ: އޭއެފްޕީ
މި ނަތީޖާއާ އެކު ނަސްރު އޮތީ މިހާތަނަށް ކުޅުނު ތިން މެޗުން ވެސް މޮޅުވެ، ގުރޫޕް އީގެ އެއްވަނައިގަ އެވެ. ބްރެޒިލް ފޯވާޑް ފިލިޕޭ ކުޓީނިއޯ ވެސް ކުޅެމުން އަންނަ ދުހެއިލް އަދި އޮތީ އެންމެ ޕޮއިންޓަކާ އެކު ތިންވަނައިގަ އެވެ. ދެވަނައިގައި އޮތީ ރޭ 2-0 އިން ތަޖިކިސްތާނުގެ އިސްތިކޯލް ބަލިކޮށްގެން ހަ ޕޮއިންޓް ހޯދާފައިވާ އިރާނުގެ ޕާސެޕޮލިސް އެވެ.
ޔޫރަޕްގައި، ޔޫއެފާ ޗެމްޕިއަންސް ލީގުގައި ރަސްކަން ކުރުމަށް ފަހު ރޮނާލްޑޯ، 38، އޭއެފްސީ ޗެމްޕިއަންސް ލީގުގައި ކުޅޭ މިއީ ފުރަތަމަ އަހަރެވެ. ގުރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި ޕާސިޕޯލިސްއާ ދެކޮޅަށް ކުޅުނު މެޗުގައި ރޮނާލްޑޯއަށް ގޯލެއް ނުޖެހުނު ނަމަވެސް ދެވަނަ މެޗުގައި އިސްތިކޯލާ ދެކޮޅަށް އޭނާ ވަނީ ގޯލު ޖަހައިފަ އެވެ.
އޭއެފްސީ ޗެމްޕިއަންސް ލީގުގައި އަލް ހިލާލް ވެސް ވަނީ މި ހަފްތާ އަލެކްޒެންޑަ މިޓްރޮވިޗްގެ ހެޓްރިކަކާ އެކު ބޮޑު މޮޅެއް ހޯދައިފަ އެވެ. އިންޑިއާގެ މުމްބާއީ ސިޓީއާ ދެކޮޅަށް އަމިއްލަ ދަނޑުގައި ކުޅުނު މެޗު ހިލާލުން ކާމިޔާބު ކުރީ 6-0 އިންނެވެ.
މި މަހު ކުރީކޮޅު އިރާނުގެ ސެފަހާން އެފްސީއާ ދެކޮޅަށް ކުޅެން އޮތް މެޗު ބޮއިކޮޓް ކުރި އަލް އިއްތިހާދު ވަނީ، މި ހަފްތާ އިރާގުގެ އެއާ ފޯސް ސްޕޯޓްސް ކްލަބާ ދެކޮޅަށް އަމިއްލަ ދަނޑުގައި ކުޅެ، މެޗުގެ އިތުރު ވަގުތުގެ ވެސް އެންމެ ފަހު ވަގުތު ގޯލު ޖަހައިގެން 1-0 އިން މޮޅުވެފަ އެވެ.
ހިލާލާއި އިއްތިހާދު ވެސް އޮތީ ދެ ޓީމު ހިމެނޭ ގުރޫޕްގެ އެއްވަނައިގަ އެވެ. ނަމަވެސް ޗެމްޕިއަންސް ލީގު ކުޅޭ ސައުދީގެ އަލް ފައިހާ އަށް މިހާތަނަށް ކުޅުނު ތިން މެޗުން ލިބިފައި ވަނީ ތިން ޕޮއިންޓެވެ. ޔޫއޭއީގައި އަލް އައިންއާ ދެކޮޅަށް ރޭ ކުޅުނު މެޗުން އެޓީމު ބަލިވީ 4-1 އިންނެވެ.
ރޮނާލްޑޯ ނަސްރު ޗެމްޕިއަންސް ލީގުން ކަޓައިފި
އަވޭ މެޗުގައި ނަސްރު އުންމީދު ހޯދީ ރޮނާލްޑޯގެ ގޯލުން
ރޮނާލްޑޯ ނެތި ނަސްރު މޮޅުކޮށްދިނީ ޓަލިސްކާގެ ހެޓްރިކުން
ރޮނާލްޑޯގެ ހިއްސާއާ އެކު އައްނަސްރު ޗެމްޕިއަންސް ލީގަށް
ރޮނާލްޑޯ ޓީމުގެ ކޯޗަކަށް އިޓަލީގެ ޕިއޯލީ ހަމަޖައްސައިފި
ރޮނާލްޑޯގެ ގޯލާއެކު ނަސްރު ސައުދީ ސުޕަ ކަޕް ފައިނަލަށް
ސަޕޯޓަރުންނަށް ވައްތަރުޖެއްސުމުން ރޮނާލްޑޯއަށް ފާޑުކިޔަނީ
ރޮނާލްޑޯ ގޯލް ޓްރެކްގައި މެސީއަށް ކޮށްދެވުނީ އެސިސްޓެއް
އަންޑަޓޭކާގެ ކުރިމަތީގައި ރޮނާލްޑޯއަށް ތައްޓެއް ނުލިބުނު
ރޮނާލްޑޯގެ ސިއްހީ ހާލަތާހެދި ޗައިނާ މެޗުތައް ފަސްކޮށްފި