Roadha Mihaaru
އައިއޭސީން ތުހުމަތުތައް ދޮގުކޮށް، އޮޑިޓް ރިޕޯޓް ނެރެނީ

އައިއޭސީން ތުހުމަތުތައް ދޮގުކޮށް، އޮޑިޓް ރިޕޯޓް އާންމުކުރަނީ

23 އޮކްޓޯބަރ 2023

އެކި ގައުމުތަކުގައި ދިރިއުޅޭ ހާލުގައި ޖެހިފައިވާ މީހުންނަށް އެހީ ފޯރުކޮށްދޭ ދިވެހި އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ) އިން މަކަރާއި ހީލަތް ހަދާ ކަމަށް ބުނެ ކުރާ ތުހުމަތުތައް ދޮގުކޮށް، އޮޑިޓް ރިޕޯޓް ވެސް އާންމުކުރަން އެ ޖަމިއްޔާ އިން ނިންމައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

އެކި ގައުމުތަކުގައި ދިރިއުޅޭ ހާލުގައި ޖެހިފައިވާ މީހުންނަށް އެހީ ފޯރުކޮށްދޭ ދިވެހި އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ) އިން މަކަރާއި ހީލަތް ހަދާ ކަމަށް ބުނެ ކުރާ ތުހުމަތުތައް ދޮގުކޮށް، އޮޑިޓް ރިޕޯޓް ވެސް އާންމުކުރަން އެ ޖަމިއްޔާ އިން ނިންމައިފި އެވެ.

އެ ޖަމިއްޔާގެ ޑިރެކްޓަ އޮފް މީޑިއާ އެންޑް ޕަބްލިކް ރިލޭޝަންސް އަޒްހަދު އަހުމަދު "މިހާރު" އަށް މިއަދު ވިދާޅުވީ ގޮތް ނޭނގޭ ބަޔަކު ސޯޝަލް މީޑިއާގައި ދައްކާ ވާހަކަތަކަށް ރައްދު ދިނުމަކީ އައިއޭސީގެ ސިޔާސަތެއް ނޫން ކަމަށެވެ.

އައިއޭސީން މަކަރާއި ހީލަތް ހަދާ ކަމަށް ބުނެ އެކްސްގައި ކުރި ޕޯސްޓުތަކެއްގައި އެ ޖަމިއްޔާ އަށް މި ސީރިއަސް ތުހުމަތުތައް ކުރީ ކާކު ކަން ނޭނގޭ އެކައުންޓަކުންނެވެ. އޭގެ ފަހުން، އާންމުންގެ ބައެއް މީހުން ވެސް ކަންބޮޑުވުން ފާޅުކުރި އެވެ.

ޑޮނޭޝަންގެ ގޮތުގައި އެ ޖަމިއްޔާ އަށް އާންމުން ދޭ ފައިސާ އަކީ އޭގެ ހައްގުވެރިންނަށް އަމާނާތްތެރި ކަމާ އެކު ރައްދުކޮށްދޭ އެއްޗެއް ކަމުގެ ޔަގީންކަން ވެސް އަޒްހަދު ދެއްވި އެވެ.

"ރިލެވެންޓް އޮތޯރިޓީތަކަށް [ކަމާ ބެހޭ އިދާރާތަކަށް] ހުށަހަޅަން ޖެހޭ ޑޮކިއުމެންޓްސްތަކާއި އަދި ރައްޔިތުންނަށް އަޅުގަނޑުމެން ހާމަކުރަން ޖެހޭ މައުލޫމާތުތައް އިރާކުރެއްވިއްޔާ އަޅުގަނޑުމެން މި ދަނީ ހާމަކުރަމުން އަދި ކުރިއަށް އޮތް ތަނުގައި ވެސް ދާނީ ވަރަށް ޓްރާންސްޕޭރެންޓްކޮށް ހަމާކުރަމުން،" އޭނާ ވިދާޅުވި އެވެ.

އައިއޭސީގެ މާލީ ބަޔާންތައް ޔޫތު މިނިސްޓްރީ އަށް ހުށަނާޅާ ކަމަށް ވެސް ތުހުމަތުކޮށްފައިވެ އެވެ. ދިވެހި ޖަމިއްޔާތަށް ރަޖިސްޓްރީ ކޮށްދެނީ ޔޫތު މިނިސްޓްރީންނެވެ.

ޖަމިއްޔާތަކުގެ ރަޖިސްޓްރާ އަލީ ޝަކީލް "މިހާރު" އަށް ކަށަވަރުކޮށްދިން ގޮތުގައި، އައިއޭސީ އަކީ މިނިސްޓްރީގެ ދަފުތަރުގައި ރަޖިސްޓްރީ ކޮށްގެން ހިންގާ ޖަމިއްޔާއެކެވެ. އެ ޖަމިއްޔާ އިން މިނިސްޓްރީ އަށް ހުށަހަޅާފައި ސްޓޭޓްމަންޓްތަކާ ގުޅޭ މައުލޫމާތު އީ-މެއިލް މެދުވެރިކޮށް އެދުމުން ފޮނުވައިދެއްވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ޑޮކިއުމެންޓް ނުކޮށް އެއްވެސް ހަރަދެއް ނުކުރާނެ"

އަޒްހަދު ވިދާޅުވި ގޮތުގައި 2016 ވަނަ އަހަރު އުފެއްދި އައިއޭސީން އަބަދުވެސް ގެންގުޅެނީ އެންމެ "ހައި ލެވެލްގެ ޓްރާންސްޕޭރެންސީ" އެވެ. އެ ޖަމިއްޔާގެ އެކައުންޓަށް ވަންނަ ފައިސާ ހަރަދުކުރާ ގޮތް ޑޮކިއުމެންޓް ނުކޮށް އެއްވެސް އިރަކު ނުހުންނާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އޭގެ ތެރެއިން [އެހީގެ ފަންޑުން] އެންމެ ލޯ ލާރިއެއް ވެސް ދިމާލަކަށް ދާ ކަމަށް ވަންޏާ، އަޅުގަނޑުމެންގެ އަތުގައި ޑޮކިއުމެންޓް ކޮށްފައި ހުންނާނެ،" އަޒްހަދު ވިދާޅުވި އެވެ.

އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ) ބައެއް މެންބަރު.

އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ) ބައެއް މެންބަރު.

އައިއޭސީ އަށް ލިބޭ ފައިސާ އިން އެހީ ފޯރުކޮށްދޭ ގޮތް ފެންނަ ފޮޓޯތައް ވެސް އެ ޖަމިއްޔާ އިން ސޯޝަލް މީޑިއާގައި އާންމުކުރެ އެވެ. އެހީގެ ގޮތުގައި ފައިސާ އާއި ކާބޯތަކެއްޗާއި ފެނާއި ޒަރޫރީ އެހެން އެއްޗެހި ފޯރުކޮށްދޭ މަންޒަރުތައް އެ ޖަމިއްޔާގެ ސޯޝަލް މީޑިއާ އެކައުންޓުތަކުގައި އާންމުކުރާ ފޮޓޯތަކާއި ވީޑިއޯތަކުން ވެސް ފެނެ އެވެ.

އެ ޖަމިއްޔާ އިން އެއްވެސް އަހަރެއްގައި އޮޑިޓް ރިޕޯޓް ވެސް ނުހަދާ ކަމަށް ބުނެ ކުރާ ތުހުމަތުތަކާ ގުޅޭ ގޮތުން ސުވާލު ކުރުމުން އަޒްހަދު ވިދާޅުވީ އެ ރިޕޯޓް ވެސް އާންމުކުރާނެ ކަމަށެވެ.

"އޮޑިޓް ރިޕޯޓް އާންމުކުރުމުގެ މަސައްކަތް މި ދަނީ ކުރަމުން، ލަހެއް ނުވެ އަޅުގަނޑުމެން ހާމަކުރާނަން،" އޭނާ ވިދާޅުވި އެވެ.

އެ ޖަމިއްޔާ އިން އާންމުކޮށްފައިވާ މައުލޫމާތުން އެނގޭ ގޮތުގައި، އެހީގެ ފަންޑަށް ވަންނަ ފައިސާގެ 12.5 ޕަސެންޓް ފިޔަވާ ހުރިހާ ފައިސާއެއް ހަރަދުކުރަނީ އެހީ ފޯރުކޮށްދިނުމަށެވެ. އެ 12.5 ޕަސެންޓަކީ އެހީ ފޯރުކޮށްދިނުމަށް ދާ ލޮޖިސްޓިކަލް ހަރަދުތަކަށް ބޭނުންކުރާ ފައިސާ އެވެ.

އިޒުރޭލުން ފަލަސްތީނަށް ދެމުން ގެންދާ ހަމަލަތާކުގައި ހާލުގައި ޖެހިފައިވާ ގާޒާގެ ރައްޔިތުންނަށް އެހީވުމަށް ރާއްޖޭގައި މިހާރު އެންމެ ބޮޑު ކެމްޕެއިނެއް ހިންގަމުން އަންނަނީ އައިއޭސީންނެވެ. އެ ޖަމިއްޔާ އިން ހުޅުވާލި ފަންޑަށް އާންމުންގެ ފަރާތުން މިހާތަނަށް ވަނީ 18 މިލިއަނެއްހާ ރުފިޔާ ލިބިފަ އެވެ.

އައިއޭސީގެ އިތުރުން ރާއްޖޭގެ އެހެން ބައެއް އަމިއްލަ ޖަމިއްޔާތަކުން ވެސް މަކަރާއި ހީލަތް ހަދާ ކަމަށް ބުނެ މިފަހުން ގިނަ ތުހުމަތުތަކެއް ކޮށްފައިވެ އެވެ.