Roadha Mihaaru
ފަސް އަހަރުގެ ތައުލީމު ޑރ. ހަސަން ހަމީދާ އެކު!

ފަސް އަހަރުގެ ތައުލީމީ ބަދަލުތައް ޑރ. ހަސަން ހަމީދާ އެކު!

24 އޮކްޓޯބަރ 2023

ވޭތުވެދިޔަ ފަސް އަހަރަކީ ތައުލީމީ ދާއިރާ އަށް އެކި ގޮތްގޮތުން ވަރަށް ބޮޑެތި ބަދަލުތައް އައި ފަސް އަހަރެވެ. މި ފަސް އަހަރުގެ ދައުރަކީ ކޮވިޑުގެ ދަތިކަމާ އެކު ވެސް، ތައުލީމީ ދާއިރާއަށް ހެޔޮ ބަދަލެއް އައި އަހަރުތަކެއް ކަމަށް ބައެއް މީހުން ދެކެ އެވެ. އަނެއް ބަޔަކު ދެކެނީ ތައުލީމަށް ބަދަލުތަކެއް ނައި އަހަރުތަކެއްގެ ގޮތުގަ އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

ވޭތުވެދިޔަ ފަސް އަހަރަކީ ތައުލީމީ ދާއިރާ އަށް އެކި ގޮތްގޮތުން ވަރަށް ބޮޑެތި ބަދަލުތައް އައި ފަސް އަހަރެވެ. މި ފަސް އަހަރުގެ ދައުރަކީ ކޮވިޑުގެ ދަތިކަމާ އެކު ވެސް، ތައުލީމީ ދާއިރާއަށް ހެޔޮ ބަދަލެއް އައި އަހަރުތަކެއް ކަމަށް ބައެއް މީހުން ދެކެ އެވެ. އަނެއް ބަޔަކު ދެކެނީ ތައުލީމަށް ބަދަލުތަކެއް ނައި އަހަރުތަކެއްގެ ގޮތުގަ އެވެ.

ވެރިކަމުގެ އާ ދައުރެއް ފެށެން މަހަކަށް ވުރެ މަދު ދުވަސްކޮޅަކަށް ވެފައިވާއިރު ބެލެނިވެރިންނާއި ތައުލީމީ ދާއިރާގެ އެކި މީހުން ވެސް ވާހަކަ ދައްކަމުން އަންނަނީ މިދިޔަ ފަސް އަހަރުން ފިލާވަޅު ލިބިގަނެ ކުރިއަށް އޮތް ފަސް އަހަރު ބައްޓަން ކުރާނެ ގޮތަކާ މެދު އެވެ. ރަނގަޅު ކުރަންވީ ކަންކަން ރަނގަޅު ކުރާނެ ގޮތާއި ގެންނަންވީ ކޮން ބަދަލުތަކެއް ކަމެވެ.

ގައުމީ ޔުނިވާސިޓީގެ ޗާންސެލަރު ޑރ. ހަސަން ހަމީދު އޭނާގެ ބްލޮގްގައި މިދިޔަ ހޮނިހިރު ދުވަހު ވަނީ މި މައްސަލައިގެ ތެރެއަށް ވަންނަވައިފަ އެވެ. މިފަދަ މައުލޫތަކަށް ދިރާސާ ރިޕޯޓްތައް ލިޔުއްވަމުން ގެންދަވާ ހަސަން މި މައްސަލައިގައި ދެކެވަޑައިގަންނަވާ ގޮތް ވެސް ވަރަށް ތަފާތެވެ. އެކަމަކު، ތައުލީމީ ދާއިރާގައި 40 އަހަރު ހޭދަކުރައްވާފައިވާ ހަސަން ވަނީ އާ ދައުރުގެ ތެރޭގައި ތައުލީމީ ދާއިރާ އަށް ގެނެވިދާނެ ބަދަލުތައް ލިޔުއްވައިފަ އެވެ.

ދަރިވަރުންތަކެއް ކަސްތަރު ކުރަނީ: އެ ސްކޫލުގައި މިވަގުތު ހޯލެއް ނެތުމުން ކުޅިވަރު ކުރުމަށް ބޭނުން ކުރަމުން ދަނީ އެ ސްކޫލުގެ ގްރައުންޑު.-- ފޮޓޯ: ނިޝާން އަލީ / މިހާރު

ދަރިވަރުންތަކެއް ކަސްތަރު ކުރަނީ: އެ ސްކޫލުގައި މިވަގުތު ހޯލެއް ނެތުމުން ކުޅިވަރު ކުރުމަށް ބޭނުން ކުރަމުން ދަނީ އެ ސްކޫލުގެ ގްރައުންޑު.-- ފޮޓޯ: ނިޝާން އަލީ / މިހާރު

އޭނާ އެންމެ ފުރަތަމަ ބައްލަވާލެއްވީ ރާއްޖޭގެ ސްކޫލުތަކުގައި ދެ ޖިންސް އެއްކޮށްލައިގެން ކިޔަވައިދިނުމުގެ މައްޗަށެވެ.

ހަސަންގެ ނަޒަރުގައި، އާބާދީ ބޮޑެތި ރަށްރަށުގައި އެއް ޖިންސުގެ ސްކޫލުތައް އެޅުމަކީ ދަރިވަރުންނަށް އެންމެ ރަނގަޅު ގޮތެވެ. ޖިންސު ވަކިކޮށް ކިޔަވައިދިނުމުން ދަރިވަރުންގެ ނަތީޖާއިން ވެސް ބަދަލުތައް ފެންނަ ކަން ދިރާސާތަކުގެ އަލީގައި އޭނާ ވިދާޅުވި އެވެ.

"ބައިބޯ ރަށްރަށުގައި، ވެވެން އޮތް މިންވަރަކުން އެއް ޖިންސްގެ މަދަރުސާތައް ގާއިމްކުރުމަކީ، ދަރިވަރުންނަށާއި ގައުމަށް، ހާއްސަކޮށް އަންހެންކުދީންނަށް ވަރަށް ބޮޑު މަންފާއެއް ކުރާނޭ ކަމެއްކަން ޔަގީނެވެ. މިކަން އެންމެ ފުރަތަމަ ފަށަންވީ މަޖީދިއްޔާ އާއި އަމީނިއްޔާ އެއް ޖިންސްގެ މަދުރަސާ އަށް އަލުން ބަދަލުކޮށްގެންނެވެ. މި ރިޔާސީ ދައުރުގައި މިކަން ނުކުރެވުނަސް، މުސްތަގުބަލްގައި މިގޮތަށް މިކަން ހަމަޖެހިގެން ދާނެ ކަމާ މެދު އަޅުގަނޑުގެ އެއްވެސް ޝައްކެތް ނެތެވެ،" އޭނާ ލިޔުއްވާފައި ވެ އެވެ.

އެކަން ފާހަގަ ވަނީ ދުނިޔޭގެ އެކި ގައުމުތަކުގައި ކޮށްފައިވާ ދިރާސާތަކުން ކަމަށް އޭނާ ވިދާޅުވެފައި ވެ އެވެ. އެގޮތުން ގިނަ ދިރާސާތަކަކުން ދައްކާ ގޮތުގައި ދުނިޔޭގައި ކުރިއަރަމުން އަންނަ ގައުމުތަކުގައި ވެސް ޖިންސް ވަކިން ކިޔަވައިދޭ ސަރުކާރުގެ ސްކޫލްތައް އިތުރުވަމުން އަންނަ ކަމަށާއި އެ ފަދަ ސްކޫލުތަކުގައި ކިޔަވާ ދަރިވަރުންގެ ނަތީޖާ ވަރަށް ބޮޑަށް ރަނގަޅު ކަމަށް ވިދާޅުވި އެވެ.

ރާއްޖޭގެ ތައުލީމީ ދާއިރާ އަށް ގެންނައުމަށް ދެން ފާހަގަ ކުރައްވާފައިވާ ބަދަލަކީ ކޮވިޑާ ގުޅިގެން ދިރާސީ އަހަރުގެ ކިޔެވުން އަހަރުގެ މެދުން ފެށޭ ގޮތަށް ބަދަލުކުރި ކުރުމެވެ. ޑރ. ހަސަންގެ ނަޒަރުގައި މަދު ބަޔަކު އެދޭ ގޮތަށް، މަންފާކުޑަ ގޮތަކަށް މުޅި ނިޒާމު ބަދަލު ކުރުމަކީ އެންމެ ރަނގަޅު ގޮތެއް ނޫނެވެ.

އޭގެ ބަދަލުގައި ރާއްޖޭގެ ހުރިހާ ދަރިވަރުންގެ ބެލެނިވެރީންގެ މެދުގައި ވޯޓެއް ނެގުން ރަނގަޅު ކަމުގައި އޭނާ ދެކެ އެވެ. އޭގެ ސަބަބުން އެންމެ ގިނަ މީހުން ބޭނުންވަނީ ކޮން ގޮތެއްކަން އެނގިގެންދާނެ ކަމަށް ހަސަން ދެކެވަޑައިގަންނަވަ އެވެ.

މީގެ އިތުރުން މިހާރު ދެ ޓާމަށް ބަހާލައިގެން ކިޔަވައިދިނުން ތިން ޓާމަށް ބެހުމަކީ ދަރިވަރުންނަށް ފައިދާ ކުރާނޭ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"ދުވަސް ދުވަސްކޮޅުން ގަހަކަށް ކާދުއެޅުމުން އެއަށް ކުރާ މަންފާ ބޮޑެވެ. އަހަރަކަށް ބޭނުންވާ ކާދު، ގަހަކަށް އެއް ފަހަރާ އަޅާލައިފި ނަމަ، ގަސް މަރުވުން ގާތެވެ. ކުދީންނަށް ކިޔަވައިދނުމަކީ މިފަދަ ކަމެކެވެ. ތަކެތި ހަނދާން ހުންނަނީ އެހެން ކަމެއްގައި އުޅެފައި، އެ އެއްޗެއް މުތޯލިއާ ކުރަމުން ދާނަމަ އެވެ. ވަރަށް ފަހަކާ ޖެހެންދެން ރާއްޖޭގައި އޮންނަނީ ތިން ޓާމެވެ. ހަތަރު ޓާމު އޮތް ދުވަސްވަރެއް ވެސް ދިޔަ އެވެ،"

ދުނިޔޭގެ ގިނަ ގައުމުތަކުގައި ވެސް ޓާމު ބަހައިގެން ކިޔަވަމުން އަންނަނީ އެގޮތަށް ކަމަށާއި ރާއްޖޭގައި ތަފާތު ގޮތަކަށް ދިރާސީ އަހަރު ބައްޓަން ކުރުމުގެ ބޭނުމަކީ ކޮބައިތޯ އޭނާ ސުވާލު ވެސް ކުރެއްވި އެވެ.

ބެލެނިވެރިޔާއާ އެކު ކުދިންތަކެއް ސްކޫލަށް ދަނީ. -- ފޮޓޯ: ނިޝާން އަލީ / މިހާރު

ބެލެނިވެރިޔާއާ އެކު ކުދިންތަކެއް ސްކޫލަށް ދަނީ. -- ފޮޓޯ: ނިޝާން އަލީ / މިހާރު

ދެން އެންމެ ބޮޑަށް އަލިއަޅުއްވާލައްވާފައި ވަނީ ކިޔަވައިދިނުމުގެ ވަގުތު އިތުރު ކުރުމާ ގުޅޭ ގޮތުންނެވެ. ހަސަން ވިދާޅުވީ ރާއްޖޭގައި ކިޔަވައިދޭ ވަގުތު އެހެން ގައުމުތަކާ އަޅާ ބަލާއިރު މާ ބޮޑަށް މަދު ކަމަށެވެ. އަދި ޗުއްޓީގެ ގޮތުގައި ލިބޭ ދުވަސްތައް އިތުރުވުމުން ވެސް އެކަމުގެ ކަންބޮޑުވުން ވެސް އޭނާ ފާޅުކުރެއްވި އެވެ.

"ރާއްޖޭގެ ދަށު ސާނަވީގައި، ދަރިވަރުން މަދަރުސާގައި އުޅެނީ ގާތްގަނޑަކަށް ހަ ގަޑިއިރާއި 15 މިނެޓު އިރެވެ. މިއީ ދުނިޔޭގެ ނިސްބަތުން މަދު މިންވަރެކެވެ. މިކަން ބޮޑަށް ފާހަގަކުރެވޭނީ ޖުމުލަކޮށް ދަރިވަރުން މަދަރުސާގައި ސީދާ ކިޔެވުމަށް ހޭދަކުރާ ވަގުތު ހިސާބުކުރުމުންނެވެ،" ހަސަންގެ ލިޔުމުގައިވެ އެވެ.

"އަޅުގަނޑު މަޖީދިއްޔާގައި އުޅުނު ދުވަސްވަރު، އެއް ޒަމާނެއްގައި ހެނދުނާއި މެންދުރުފަހު ކިޔަވައިދިނުން އޮވެ އެވެ. ހެނދުނުގެ ދަންފަޅި ފެށެނީ 7:30 ގަ އެވެ. ހަވީރުގެ ދަންފަޅި ނިމެނީ 3:30 އެހާކަން ހާއިރު އެވެ. މެންދުރު ކެއުމަށް ދޮޅުގަޑިއިރު ދެ އެވެ. މިކަން ހުއްޓުނީ އާބާދީ ބޮޑުވަމުން ދިޔަ ނިސްބަތުން މަދަރުސާތައް ޢިމާރާތް ނުކުރެވުމުންނެވެ."

ހަސަން ދެކެވަޑައިގަންނަވާ ގޮތުގައި ކިޔަވައިދޭ މުއްދަތު ދިގުކުރުމަށް އޮތް އެންމެ ބޮޑު ހުރަހަކީ ސިވިލް ސާވިސްގެ މަސައްކަތު ގަޑި އެވެ.

މުދައްރިސުން މިހާރު މަސައްކަތް ކުރަން އޮންނަނީ އަށް ގަޑިއިރު ކަމަށް ވުމުން އެއަށްވުރެ އިތުރަށް މަސައްކަތް ކުރަން ޖެހޭ ނަމަ ވަޒީފާއާ ބެހޭ ގާނޫނަށް ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށް ހަސަން ގަބޫލު ކުރައްވަ އެވެ.

އަމީނިއްޔާ ސްކޫލުގައި ބޭއްވި އެސެމްބްލީއެއްގައި ދަރިވަރުން ބައިވެރިވަނީ.-- ފޮޓޯ: ނިޝާން އަލީ / މިހާރު

އަމީނިއްޔާ ސްކޫލުގައި ބޭއްވި އެސެމްބްލީއެއްގައި ދަރިވަރުން ބައިވެރިވަނީ.-- ފޮޓޯ: ނިޝާން އަލީ / މިހާރު

އޭނާ ގަބޫލުކުރައްވާ ގޮތުގައި އެ ގާނޫނަކީ ރާއްޖޭގެ ޕްރޮޑަކްޓިވިޓީ ނުވަތަ މަސައްކަތްތެރީންގެ އުފެއްދުންތެރިކަން ދަށްކުރި ގާނޫނެކެވެ. ރާއްޖޭގައި ދަރިވަރުން ރަނގަޅަށް ތަރުބިއްޔަތުކުރުމަށާއި މޮޅުވުމަށް ބޭނުން ނަމަ، ކުދީންނަށް ކިޔަވައިދޭން ޖެހޭ ގަޑި އިތުރުކުރަން ޖެހޭ ކަމަށާއި އެގޮތަށް ނުކުރާނަމަ، އެއް ދަންފަޅި އަށް ހިންގާ މަދަރުސާތައް ބިނާކުރުމުގެ ބޭނުމެއް ނޯންނާނެ ކަމަށް ވެސް ހަސަން ވިދާޅުވި އެވެ.

ދެން އަންނަ ދައުރެއްގައި ތައުލީމީ ދާއިރާ އަށް ގެންނަން ފެންނަ އިތުރު ބަދަލެއްގެ ގޮތުގައި ފާހަގަ ކުރައްވާފައި ވަނީ މަންހަޖަށް ގެންނަން ޖެހޭ ބަދަލުތަކެވެ.

އޭގެ ތެރޭގައި ސްކޫލުތަކުގެ ތައުލީމުގެ މަގްސަދު ކަނޑައެޅުމާއި ދިވެހި ބަހަށާއި ގައުމިއްޔަތަށް ދެވޭ އިސްކަން އިތުރުކުރުމާއި މަދަރުސާގެ ފޮތްތަކަށް ގެންނަން ޖެހޭ ބަދަލުތަކާއި ދަށު ސާނަވީ ފެންވަރުގައި ކިޔަވައިދޭ މާއްދާތައް ގިނަކުރުމާއި ބަދަލުކުރުން ހިމެނެ އެވެ.

މީގެ އިތުރުން އޭނާ ވަނީ 15 އަހަރަށް ފަހު ޓީޗަރުންގެ މުސާރަ އަށް ހެޔޮ ބަދަލެއް ގެނައިކަން ފާހަގަ ކުރައްވައިފަ އެވެ. ނަމަވެސް އާ ސަރުކާރަށް އޮންނާނެ އެންމެ ބޮޑު ގޮންޖެހުމަކީ، ތައުލީމީ ދާއިރާގެ މުސާރައަށް ގެނެސްފައިވާ ކުރިއެރުން އެގޮތުގައި، ތަމްރީނަށް ދާ މުއްދަތާއި މަސައްކަތުގެ މާހައުލުގެ ދަތިކަމަށް ބަލައި އެހެން ދާއިރާތަކުގެ މުސާރަތަކުގެ ނިސްބަތުން، ހިފެހެއްޓުން ކަމަށް ވެސް ވިދާޅުވި އެވެ

އެހެންކަމުން ތައުލީމީ ދާއިރާގައި ހުރި މައްސަލަތަކަށް ހައްލެއް ގެނައުމަކީ އެކަން ކުރަން އުޅޭ ފަރާތްތަކަށް ވަރަށް ބޮޑު ގޮންޖެހުންތަކަކާއި ހުރަސްތަކެއް ކުރިމަތިވާނެ ކަމެއް ކަމަށާއި ރާއްޖޭގެ ތައުލީމު ހޭރިޔާ ކުރެވޭނީ އެ ދާއިރާގައި މަސައްކަތްކުރާ ފަންނީ މީހުންގެ ވިސްނުމާއި ސިޔާސީ ހުރިހާ ވެރީންގެ ހިޔާލުތައް އެއްގޮތްވެގެން ކަމަށް އޭނާ ގަބޫލު ކުރައްވަ އެވެ.