Roadha Mihaaru
ހައްގު އުނިނުވާ ގޮތަށް ނިންމުންތައް ނިންމަން އަންގައިފި

މަދަނީ ހައްގަށް އުނިކަން ނާންނަ ގޮތަށް ނިންމުންތައް ނިންމަން އެލްޖީއޭއިން އިލްތިމާސްކޮށްފި

05 ނޮވެމްބަރ 2023

ލޯކަލް ކައުންސިލްތަކުން ހިދުމަތް ދިނުމުގައި އެއްވެސް މީހެއްގެ މަދަނީ ހައްގަކަށް އުނިކަން ނާންނާނެ ގޮތަށް ނިންމުންތައް ނިންމަން އެލްޖީއޭއިން މިއަދު އިލްތިމާސްކޮށްފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ލޯކަލް ކައުންސިލްތަކުން ހިދުމަތް ދިނުމުގައި އެއްވެސް މީހެއްގެ މަދަނީ ހައްގަކަށް އުނިކަން ނާންނާނެ ގޮތަށް ނިންމުންތައް ނިންމަން އެލްޖީއޭއިން މިއަދު އިލްތިމާސްކޮށްފި އެވެ.

ވ. ފެލިދޫ ކައުންސިލަށް ދައްކަންޖެހޭ ފައިސާ ނުދައްކާ މީހުންނާއި އެ މީހުންގެ އަނބިދަރިންނަށް ހިދުމަތް ނުދޭން ނިންމުމުން، ކައުންސިލްތަކުގެ ބެލެނިވެރި ފަރާތުން ނެރުނު ބަޔާނުގައި ބުނީ ކައުންސިލްތަކުން ހިދުމަތް ހޯދުމަށް ފަހު ގަވައިދުން ފައިސާ ނުދައްކާތީ ކަންބޮޑުވާ ކަމަށެވެ.

ކައުންސިލްތަކުން ހިދުމަތްތައް ފޯރުކޮށްދިނުމުގައި އެކަމުގެ ސަބަބުން މާލީގޮތުން ގޮންޖެހުންތައް ކުރިމަތިވިޔަސް، ކައުންސިލްތަކުން ހަދާ ގަވައިދުތަކާއި ކަންތައްތައް ނިންމަންވާނީ ގާނޫނުއަސާސީން ލިބޭ އަސާސީ ހައްގަކަށް އުނިކަން ނާންނާނެ ގޮތަށް ކަމަށް ވެސް ބުންޏެވެ.

"ރަށެއްގެ ރައްޔިތުން އެއަށް އަމަލުކުރުމަށް ކައުންސިލުން ނިންމާ ކޮންމެ ނިންމުމެއް ވާންވާނީ ގާނޫނަކުން ނުވަތަ ގަވާއިދަކުން އެއަށް ބާރު ލިބިގެން ނިންމޭ ނިންމުމަކަށެވެ. ގާނޫނު އަސާސީން ކަށަވަރުކޮށްދީފައިވާ އަސާސީ ހައްގުތަކުގެ ގޮތުގައި ކަނޑައަޅާފައިވާ ބައެއް ކަންކަމަކީ ކައުންސިލްތައް މެދުވެރިކޮށް ފޯރުކޮށްދެމުން ގެންދާ އަސާސީ އަދި އާއްމު ހިދުމަތްތަކެއް ކަމުގައިވާއިރު، ކައުންސިލް އިދާރާއަކުން ފޯރުކޮށްދޭ ހިދުމަތްތަކުން އެއްވެސް ރައްޔިތަކު މަހުރޫމް ކުރެވޭނީ ގާނޫނު އަސާސީއާ ހިލާފުނުވާނެހެން ފާސްކޮށްފައިވާ ގާނޫނަކުން ނުވަތަ ގަވާއިދަކުން އެކަންކުރުމަށް ބާރު ލިބިގެންނެވެ." ބަޔާނުގައި ބުންޏެވެ.

ފެލިދޫ ކައުންސިލުން މިދިޔަ ބުދަ ދުވަހު ކުރި އިއުލާނުގައި ބުނީ ކައުންސިލަށް ފައިސާ ދައްކަންޖެހޭ މީހުންގެ އަތުން އެ ފައިސާ ހޯދުމަށް ކައުންސިލުން ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ. ނަމަވެސް އެކަމަށް އެކަށީގެންވާ ކުރިއެރުމެއް ލިބިފައިނުވާތީ، އެ މީހުންގެ އަނބިންނާއި ފިރިން އަދި ދަރިންނަށް ކައުންސިލް މެދުވެރިކޮށް ހިދުމަތްތައް ނުދޭން ނިންމާފައިވާ ކަމަށެވެ.

އެ ފައިސާއަކީ ކައުންސިލްގެ އިހުތިސާސްގައި ހިމެނޭ ބިންތައް ކުއްޔަށް ނެގުމަށް ފަހު ދައްކަންޖެހޭ ކުއްޔާއި ހިދުމަތްތައް ހޯދުމަށްފަހު ދައްކަންޖެހޭ ފައިސާ އެވެ.

އެލްޖީއޭއިން ބުނީ ކައުންސިލާއި އަމިއްލަ މީހަކާ މެދު ކުރާ މަދަނީ މުއާމަލާތެއްގެ ތެރެއިން އެ ފަރާތުން ކައުންސިލަށް ދައްކަންޖެހޭ ފައިސާ ނުދެއްކުމުން ގާނޫނަކުން ނުވަތަ ގަވައިދަކުން ހުއްދަކުރާ ފިޔަވަޅެއް މެނުވީ އެއްވެސް މީހަކާ މެދު އެޅުމަކީ ފަރުދީ ހައްގެއް ހިފެހެއްޓުން ކަމަށެވެ.

އޭގެ އިތުރުން، ކައުންސިލަކާއެކު ވާ މަދަނީ މުއާމަލާތެއްގެ ސަބަބުން އެ މީހަކު އަދާކުރަންޖެހޭ ކަމެއް ނުވަތަ ދައްކަންޖެހޭ ފައިސާއެއް ނުދެއްކުމަކުން ވަކި ފަރުދަކާމެދު ފިޔަވަޅު އަޅަންވާނީ އެ ފަދަ މުއާމަލާތަކާއި ގުޅިގެން ހަދާ އެއްބަސްވުމުގައި ބަޔާންކުރާ ނުވަތަ ގާނޫނާއި ގަވައިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ކަމަށް ބުނެ، އެފަދަ ކަންކަމުގައި އެ މުއާމަލާތުގައި ނުހިމެނޭ އެކިއެކި ފަރުދުންގެ މަދަނީ ހައްގެއް ހިފެހެއްޓުމަކީ ކައުންސިލްތަކުން ކޮށްގެން ވާނެ ކަމެއް ނޫން ކަމަށް ވެސް ބުންޏެވެ.

"ލޯކަލް ކައުންސިލްތަކުން ނިންމާ ނިންމުންތައް ނިންމުމުގައި އެއްވެސް ރައްޔިތެއްގެ މަދަނީ ހައްގަކަށް އުނިކަން ނާންނާނެހެން، ހުރިހާ ރައްޔިތުންގެ ހައްގުތައް ކަށަވަރުވާނެހެން ނިންމުންތައް ނިންމުންތައް ލޯކަލް ކައުންސިލްތަކަށް އިލްތިމާސްކުރަމެވެ. އަދި އެއްވެސް ރައްޔިތަކު އެ މައްޗަށް އަމަލުކުރުން ލާޒިމްވާ ނިންމުމެއް ކައުންސިލަކުން ނިންމެވުމުގެ ކުރިން އެކަންކަމަށް ބޭނުންވާ މުނިސިލް ގަވައިދުތައް ކައުންސިލްތަކުން ފާސްކޮށް ގެޒެޓުކުރުމަށް ދަންނަވަމަވެ."