Roadha Mihaaru
ބަޔާން ނެރުނީ އިންކުއަރީ ލަސްވެ މުއާލާތް ކެނޑޭނެތީ

ބަޔާން ބާތިލް ކުރަން އެންގީ އިންކުއަރީ ލަސްވެ، މުއާލާތް ކެނޑޭނެތީ: ޒުލްފާ

10 މާޗް 2024

ރައީސް ޑރ. މުހައްމަދު މުއިއްޒު އެންމެ ފަހުން ރަށްރަށަށް ކުރެއްވި ދަތުރުފުޅުތަކުގައި ދައުލަތުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކުރި ކަމަށް ބުނެ، ނ. ކެނދިކުޅުދޫ ކައުންސިލުން ނެރުނު ބަޔާން ބާތިލްކުރަން އެންގީ އެކަމުގެ އިންކުއަރީ އަށް ގިނަ ވަގުތުތަކެއް ނަގައި، ކަމުގެ މުއާލާތް ކެނޑޭނެތީ ކަމަށް ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ސީއީއޯ ޑރ. މަރިޔަމް ޒުލްފާ މިއަދު ވިދާޅުވެއްޖެ އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ރައީސް ޑރ. މުހައްމަދު މުއިއްޒު އެންމެ ފަހުން ރަށްރަށަށް ކުރެއްވި ދަތުރުފުޅުތަކުގައި ދައުލަތުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކުރި ކަމަށް ބުނެ، ނ. ކެނދިކުޅުދޫ ކައުންސިލުން ނެރުނު ބަޔާން ބާތިލްކުރަން އެންގީ އެކަމުގެ އިންކުއަރީ އަށް ގިނަ ވަގުތުތަކެއް ނަގައި، ކަމުގެ މުއާލާތް ކެނޑޭނެތީ ކަމަށް ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ސީއީއޯ ޑރ. މަރިޔަމް ޒުލްފާ މިއަދު ވިދާޅުވެއްޖެ އެވެ.

މި ފަހުން ރަށްރަށަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ސަރުކާރުގެ ކެންޑިޑޭޓުންނަށް ވޯޓު ދިނުމަށް ރައީސް އެދިވަޑައިގަންނަވާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށް، ކެނދިކުޅުދޫ ކައުންސިލުން ނެރުނު ބަޔާން ބާތިލުކުރުމަށް އެންގީ ޒުލްފާ ސޮއިކުރައްވައި އެ ކައުންސިލްގެ ރައީސް މުހައްމަދު ރައޫފަށް ފޮނުވި ސިޓީގަ އެވެ.

އެކަމަކު އެ ސިޓީ ބާތިލްކުރަން، އެމްޑީޕީގެ އެ ކައުންސިލުން ވަނީ ދެކޮޅުހަދައިފަ އެވެ.

އެ މައްސަލައިގައި ބަންޑާރަ ނައިބު އަހުމަދު އުޝާމް ވިދާޅުވެފައި ވަނީ އެލްޖީއޭ އިން ބަޔާން ބާތިލުކުރުމަށް އަންގާފައި ވަނީ ގާނޫނާ ހިލާފަށް ކަމަށެވެ.

އެލްޖީއޭ އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކަމާ ގުޅިގެން "މިހާރު" އިން ސުވާލު ކުރުމުން ޒުލްފާ ވަނީ ބަޔާނުގެ މައްސަލައިގައި އެލްޖީއޭ އިން އަމަލުކުރި ގޮތް ދިފާއުކުރައްވައި ވާހަކަ ދައްކަވައިފަ އެވެ.

ޒުލްފާ ވިދާޅުވީ މީޑިއާގައި ބައެއް ވާހަކަތައް "އެނބުރެމުންދާ" ކަމަށާއި އެކަަމަކު "މީހުން ނަން ނުޖަހާ ލިޔާ" އެއްޗިއްސަށް ނުބައްލަވާ ކަމަށެވެ.

"އޮފީސް ހިންގުމުގެ ބައި އޮންނަނީ ސީއީއޯ އަށް. އެހެންވެ ނެރުވުނު ބަޔާނަކީ އަޅުގަނޑުގެ ޒަމީރު ގަބޫލުކުރާ ގޮތުގައި ރާއްޖޭގެ އިއްޒަތްތެރި ރައީސްގެ އަބުރުފުޅަށް ނޭދެވޭ އަސަރުތަކެއް ކުރާނެ ކަމެއް ކަމަށް އަޅުގަނޑަށް ގަބޫލު ކުރެވޭތީ އެގޮތަށް އެ އިދާރާގެ ހުރުމަތް ކުޑަނުވާނެ ގޮތަށް އެކަން ގެންދިއުމަށް އަޅުގަނޑުމެން އަންގާފައި އޮންނާނީ،" ޒުލްފާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރައީސަކީ ރައްޔިތުން ފަސް އަހަރުގެ ދައުރަކަށް ހޮވާފައިވާ ބޭފުޅެއް ކަމަށާއި އެހެންވެ، ރައީސް އޮފީހާއި ރައީސަށް ވެސް އިހުތިރާމުކުރަން ޖެހޭ ކަމަށެވެ.

ކެނދިކުޅުދޫ ކައުންސިލުގެ މެމްބަރުންނާއެކު ރައީސް ޑރ. މުހައްމަދު މުއިއްޒު.

ކެނދިކުޅުދޫ ކައުންސިލުގެ މެމްބަރުންނާއެކު ރައީސް ޑރ. މުހައްމަދު މުއިއްޒު.

ޒުލްފާ ވިދާޅުވި ގޮތުގައި، ކެނދިކުޅުދޫ ކައުންސިލްގެ ބަޔާނާ ގުޅިގެން އަޅާފައި ވަނީ އަވަސް ފިޔަވަޅެކެވެ. އެއީ ލާމަރުކަޒީ ނިޒާމަށް ހަނިކަމެއް ގެނައުމަށް ކުރެއްވި ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

ޒުލްފާ ވިދާޅުވީ ބަންޑާރަ ނައިބުގެ އޮފީހަކީ ދައުލަތުގެ މުއައްސަސާތަކުން ލަފަޔަށް އެދުމުން ލަފާ ދެއްވާ ތަނެއް ކަމަށާއި އެލްޖީއޭގެ ބޯޑަށް ވެސް އެ އޮފީހުން ލަފާ އެރުވުން އޮންނަ ކަމަށެވެ. އެ ބޯޑުގެ ބައްދަލުވުމެއް އެންމެ ފަހުން އޮތީ މިދިޔަ މަހުގެ 29 ގަ އެވެ. ކެނދިކުޅުދޫ ކައުންސިލުން ބަޔާން ނެރުނީ މި މަހުގެ ދެވަނަ ދުވަހު އެވެެ.

ޒުލްފާ ވިދާޅުވި ގޮތުގައި ދެން އެންމެ އަވަހަށް އެ ބޯޑުގެ ބައްދަލުވުމެއް އޮންނާނީ މި މަހުގެ 29 ގަ އެވެ. އެ މައްސަލައަކީ ވަރަށް ހައްސާސް މައްސަލައަކަށް ވާތީ އެހާ ތަނަށް މަޑުކުރުމަކީ ރަނގަޅު ގޮތް ކަމަށް ނުފެންނާތީ ބަޔާން ނެރުނީ ކަމަށް ޒުލްފާ ވިދާޅުވި އެވެ.

"ބޯޑަށް ގެންދިއުމުގެ މަރުހަލާ ދެން އަންނާނީ މާޗު މަހުގެ 29 ގައި ކަމަށް ވާތީ އެ ދޭތެރޭގައި އެހާ ދުވަސް ވާނެތީ އެ މައްސަލައިގެ ހައްސާސް ކަމުން، ބޯޑާ ހިސާބަށް ގެންދެވޭއިރު އޮންނާނީ އެކަމުގެ މުއާމަލާތް ކެނޑިފައި ދެއްތޯ. އެހެންވެ އިދާރާ ހިންގަން ހުރި މީހެއްގެ ހައިސިއްޔަތުން އަޅުގަނޑު އެ އެންގުން އެންގީ،" ޒުލްފާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، އެކަމާ ގުޅިގެން ބަންޑާރަ ނައިބުގެ ސިޓީއެއް ލިބުނީ މިދިޔަ ބުރާސްފަތި ދުވަހު ކަމަށާއި އަދި ފޯނުން ގުޅުއްވައި ވެސް އެކަމާ ގުޅޭ ގޮތުން ބަންޑާރަ ނައިބު ސުވާލު ކުރެއްވި ކަަމަށެވެ. އެކަމާ ގުޅޭ ގޮތުން، ގާނޫނުގައި އޮންނަނީ އިންކުއަރީ ހަދަން ކަމަށް ބަންޑާރަ ނައިބު ވިދާޅުވި ކަމަށް ޒުލްފާ ވިދާޅުވި އެވެ.

"ދެން އިންކުއަރީ ހެދުމަކީ ދިގު މަރުހަލާތަކަކަށް ފަހު ކަޑައްތުކުރަންޖެހޭ ކަމެއް،" ޒުލްފާ ވިދާޅުވެ އެވެ.

އެ މައްސަލާގައި ލޯކަލް ގަވަމެންޓް މިނިސްޓަރު އާދަމް ޝަރީފް، ވަނީ ކުރިއަށް އޮތް ތަނުގައި ކައުންސިލުން ނެރޭ ބަޔާންތަކާ ގުޅިގެން ފިޔަވަޅު ނާޅުއްވާނެ ކަމަށް ވިދާޅުވެފަ އެވެ.