Roadha Mihaaru
ބަޔާން ބާތިލްކުރުމުން އެލްޖީއޭ ކޮމިޓީއަށް ހާޒިރުކުރަނީ

ބަޔާން ބާތިލްކުރަން އެންގި މައްސަލާގައި ލާމަރުކަޒީ ކޮމިޓީއަށް އެލްޖީއޭ ހާޒިރުކުރަނީ

12 މާޗް 2024

ރައީސް ޑރ. މުހައްމަދު މުއިއްޒު އެންމެ ފަހުން ރަށްރަށަށް ކުރެއްވި ދަތުރުފުޅުތަކުގައި ދައުލަތުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކުރި ކަމަށް ބުނެ، ނ. ކެނދިކުޅުދޫ ކައުންސިލުން ނެރުނު ބަޔާން ބާތިލްކުރަން ލޯކަލް ގަވަމެންޓު އޮތޯރިޓީ (އެލްޖީއޭ) އިން އެންގި މައްސަލާގައި ލާމަރުކަޒީ ކޮމިޓީ އަށް އެ އޮތޯރިޓީގެ އިސްވެރިން ހާޒިރުކުރަން މިއަދު ނިންމައިފި އެވެ.

އައިޝަތު ނުޒުހާ އައިޝަތު ނުޒުހާ

ރައީސް ޑރ. މުހައްމަދު މުއިއްޒު އެންމެ ފަހުން ރަށްރަށަށް ކުރެއްވި ދަތުރުފުޅުތަކުގައި ދައުލަތުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކުރި ކަމަށް ބުނެ، ނ. ކެނދިކުޅުދޫ ކައުންސިލުން ނެރުނު ބަޔާން ބާތިލްކުރަން ލޯކަލް ގަވަމެންޓު އޮތޯރިޓީ (އެލްޖީއޭ) އިން އެންގި މައްސަލާގައި ލާމަރުކަޒީ ކޮމިޓީ އަށް އެ އޮތޯރިޓީގެ އިސްވެރިން ހާޒިރުކުރަން މިއަދު ނިންމައިފި އެވެ.

މި ފަހުން ރަށްރަށަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ސަރުކާރުގެ ކެންޑިޑޭޓުންނަށް ވޯޓު ދިނުމަށް ރައީސް މުއިއްޒު އެދިވަޑައިގަންނަވާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށް، ކެނދިކުޅުދޫ ކައުންސިލުން ނެރުނު ބަޔާން ބާތިލުކުރުމަށް އެންގީ އެލްޖީއޭގެ ރައީސް ޑރ. މަރިޔަމް ޒުލްފާ ސޮއިކުރައްވައި އެ ކައުންސިލްގެ ރައީސް މުހައްމަދު ރައޫފަށް ފޮނުއްވި ސިޓީއެއްގަ އެވެ.

އެކަމަކު އެ ސިޓީ ބާތިލްކުރަން، އެމްޑީޕީގެ ކޮންޓްރޯލް އޮންނަ އެ ކައުންސިލުން ވަނީ ދެކޮޅުހަދައިފަ އެވެ.

އެލްޖީއޭ އިން ބަޔާން ބާތިލްކުރަން އެންގި މައްސަލަ ލާމަރުކަޒީ ކޮމިޓީ އަށް ހުށަހެޅުއްވީ އެ ދާއިރާގެ މެންބަރު އަހުމަދު އީސާ އެވެ. އީސަގެ މައްސަލައިގައި ބުނެފައިވަނީ އެލްޖީއޭ އިން އެ އެންގުން އަންގާފައި ވަނީ ގާނޫނާ ހިލާފަށް އަދި ކައުންސިލްތަކަށް ލިބިފައިވާ ބާރުތައް ހަނިވާ ގޮތަށް ކަމަށެވެ.

"ލޯކަލް ކައުންސިލްތަތަކީ ސަރުކާރުގެ ފަށަލައަކަށް ވެފައި، ކައުންސިލްތަކަށް ލިބިދީފައި ވަނީ އާންމު ހިދުމަތް ދިނުމާއި އެ ހިދުމަތް ހިންގުމަށް ބޭނުންވާ ބާރެއް ކަމަށް ވާތީ، ކައުންސިލްތަކުން ހިންގާ ހަރަކާތްތަކާއި ހިދުމަތްތައް ވާން ވާނީ ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތަށް،" އެލްޖީއޭ އިން ފޮނުވި ސިޓީގައި ވެ އެވެ.

އެހެން ކަމަށް ވާއިރު، ސަރުކާރުގެ ސިޔާސަތުތަކާއި ދައުލަތުގެ މުއައްސަސާތަކުން ބާރުގެ ދާއިރާތަކުގެ ތެރޭގައި ހިމެނޭ ކަންކަމާއި ނިންމާ ނިންމުންތަކާ ދެކޮޅަށް ނޫސްބަޔާން ނެރުމަކީ ކައުންސިލްތަކަށް ލިބިފައިވާ ބާރެއް ނޫން ކަމަށް އެލްޖީއޭ އިން ބުނެފައި ވެ އެވެ.

އެލްޖީއޭގެ އެންގުމާ ގުޅިގެން ކެނދިކުޅުދޫ ކައުންސިލްގެ މެމްބަރުން އަނގަމަތީގައި ޓޭޕު އަޅައިގެން. --

އެލްޖީއޭގެ އެންގުމާ ގުޅިގެން ކެނދިކުޅުދޫ ކައުންސިލްގެ މެމްބަރުން އަނގަމަތީގައި ޓޭޕު އަޅައިގެން. --

އެލްޖީއޭގެ ސިޓީއާ ގުޅިގެން ލާމަރުކަޒީ ކޮމިޓީގެ މުގައްރިރު ހުޅުމާލެ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަލީ ނިޔާޒް ވިދާޅުވީ، ކައުންސިލްތަކަކީ ސަރުކާރުގެ ފަށަލައެއް ކަމަށް މާނަކުރެވޭނެ އެއްވެސް ގާނޫނެއް ނެތް ކަމަށާއި 2022 ވަނަ އަހަރު ސުޕްރީމް ކޯޓުން ފެންފުށީ ކައުންސިލާ ދެކޮޅަށް ނެރުނު ހުކުމުން ވެސް އެކަން ސާފުވާ ކަމަށެވެ.

ފެންފުށީ ކައުންސިލާ ދެކޮޅަށް ނެރެފައިވާ އެ ހުކުމުގައި ބުނެފައިވާ ގޮތުގައި، އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގައި ދައުލަތް ހިންގުމުގެ ބާރުގެ ތެރޭގައި ހިމެނުނަމަވެސް ސަރުކާރާ ވަކިން އެއް ދައުލަތް ހިންގުމަށް ކަމަށެވެ. އަދި، ގާނޫނުގައި ވެސް ބުނެފައިވަނީ ކައުންސިލްތަކަކީ ސަރުކާރާ ވަކިން އުފައްދާފައިވާ ގާނޫނު ޝަހުސިއްޔަތެއް ކަމަށެވެ.

އަލީ ނިޔާޒް ވިދާޅުވީ މި މައްސަލަ ކުރިއަށް ގެންދާނީ އެލްޖީއޭ އާއި ކެނދިކުޅުދޫ ކައުންސިލްގެ އިތުރުން މައްސަލަ ހުށަހެޅުއްވި މެންބަރު އީސަ ވެސް ހާޒިރުކޮށްގެން ކަމަށެވެ. މި މައްސަލައިގައި ކޮމިޓީ މެންބަރުން ވިދާޅުވީ، އެލްޖީއޭ ހާޒިރުކޮށް އެ އޮތޯރިޓީ އަށް ލާމަރުކަޒީ ގާނޫނު އެނގޭތޯ ނުވަތަ ނޫންތޯ ބަލަން ޖެހޭ ކަމަށެވެ.

އެލްޖީއޭ އިން ކައުންސިލްގެ ބަޔާން ބާތިލުކުރުމަށް އަންގާފައި ވަނީ ގާނޫނާ ހިލާފަށް ކަމަށް ބަންޑާރަ ނައިބު އަހުމަދު އުޝާމް ވެސް ވަނީ ވިދާޅުވެފަ އެވެ. އުޝާމް ވިދާޅުވި ގޮތުގައި ގާނޫނުގައި މިކަން ސާފުކޮށް ބަޔާންކޮށްފައިވާއިރު، ކައުންސިލެއްގެ ބަޔާނެއް ބާތިލްކުރަން އެލްޖީއޭ އަށް އެންގިދާނެ ކަމަށް ގަބޫލު ނުކުރެވެ އެވެ.

އެކަމަކު، އޭގެ ފަހުން ވެސް އެލްޖީއޭގެ ސީއީއޯ ޒުލްފާ ވަނީ އެލްޖީއޭގެ އެންގުން ދިފާއު ކުރައްވައި، ކެނދިކުޅުދޫ ކައުންސިލްގެ ބަޔާނާ ގުޅިގެން އަޅާފައި ވަނީ އަވަސް ފިޔަވަޅެއް ކަމަށާއި އެއީ ލާމަރުކަޒީ ނިޒާމަށް ހަނިކަމެއް ގެނައުމަށް ކުރެއްވި ކަމެއް ނޫން ކަމަށް ވިދާޅުވެފަ އެވެ.