Roadha Mihaaru
މެމްބަރުން ދޫނުކޮށް ގިނަ ސުވާލުތަކެއް ޒުލްފާއަށް

ބަޔާން ބާތިލުކުރި މައްސަލާގައި މެމްބަރުންގެ ގިނަ ސުވާލުތަކެއް ޒުލްފާ އަށް

18 މާޗް 2024

ރައީސް ޑރ. މުހައްމަދު މުއިއްޒު އެންމެ ފަހުން ރަށްރަށަށް ކުރެއްވި ދަތުރުފުޅުތަކުގައި ދައުލަތުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކުރެއްވި ކަމަށް ބުނެ، ނ. ކެނދިކުޅުދޫ ކައުންސިލުން ނެރުނު ބަޔާން ބާތިލްކުރަން ލޯކަލް ގަވަމެންޓު އޮތޯރިޓީ (އެލްޖީއޭ) އިން އެންގި މައްސަލާގައި މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީގެ ބައެއް މެމްބަރުން ދޫނުކުރައްވައި އެލްޖީއޭގެ ރައީސް ޑރ. މަރިޔަމް ޒުލްފާ އަށް ގިނަ ސުވާލުތަކެއް މިއަދު ކުރިމަތި ކުރައްވައިފި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު އެންމެ ފަހުން ރަށްރަށަށް ކުރެއްވި ދަތުރުފުޅުތަކުގައި ދައުލަތުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކުރެއްވި ކަމަށް ބުނެ، ނ. ކެނދިކުޅުދޫ ކައުންސިލުން ނެރުނު ބަޔާން ބާތިލްކުރަން ލޯކަލް ގަވަމެންޓު އޮތޯރިޓީ (އެލްޖީއޭ) އިން އެންގި މައްސަލާގައި މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީގެ ބައެއް މެމްބަރުން ދޫނުކުރައްވައި އެލްޖީއޭގެ ރައީސް ޑރ. މަރިޔަމް ޒުލްފާ އަށް ގިނަ ސުވާލުތަކެއް މިއަދު ކުރިމަތި ކުރައްވައިފި އެވެ.

ދަތުރުފުޅުގައި ސަރުކާރުގެ ކެންޑިޑޭޓުންނަށް ވޯޓު ދިނުމަށް ރައީސް މުއިއްޒު އެދިވަޑައިގަންނަވާފައިވާތީ، އެކަމުގެ ކަންބޮޑުވުން ފާޅުކޮށް، ކެނދިކުޅުދޫ ކައުންސިލުން ނެރުނު ބަޔާން ބާތިލުކުރުމަށް އެންގީ ޒުލްފާ ސޮއިކުރައްވައި އެ ކައުންސިލްގެ ރައީސް މުހައްމަދު ރައޫފަށް ފޮނުއްވި ސިޓީއެއްގަ އެވެ.

ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި މައި އިދިކޮޅު އެމްޑީޕީގެ މެމްބަރުން ސުވާލުތައް އަމާޒުކުރެއްވީ އެލްޖީއޭގެ ބޯޑުން ނުނިންމައި ސީއީއޯ އަށް އަމިއްލަ އަށް އެ ފަދަ އެންގެވުމެއް އެންގިދާނެތޯ އާއި އެ އެންގެވުމާ އެކު ގާނޫނާ ހިލާފަށް ރައީސުލްޖުމްހޫރިއްޔާ އަށް އަމަލު ކުރެއްވޭނެ ކަމަށް އެލްޖީއޭ އިން ގަބޫލުކުރަނީތޯ ސާފުކުރުމަށެވެ.

އެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ޒުލްފާ ވިދާޅުވީ، ބަޔާން ބާތިލުކުރަން އެންގީ އެލްޖީއޭގެ ބޯޑަށް ހުށަހަޅައިގެން ވަގުތު ނަގައި، އިޔާދަ ނުކުރެވޭނެ ގެއްލުން ލިބިދާނެތީ ކަމަށެވެ. އަދި ބޯޑުން ނުނިންމައި، އެފަދަ އިދާރީ ފިޔަވަޅުތައް އެޅުމުގެ އިހުތިޔާރު ސީއީއޯ އަށް ލިބޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުގެ ޒަމީރު ގަބޫލުކުރާ ގޮތުގައި، އެ ކަހަލަ ބަޔާނެއް ނުނެރެވޭނެ ދެއްތޯ ދައުލަތުގެ މުއައްސަސާއަކުން ދައުލަތުގެ އެންމެ އިސް ފަރާތް ކަމުގައި ރައީސުލްޖުމްހޫރިއްޔާއާ ދެކޮޅަކަށް،" ޒުލްފާ ވިދާޅުވި އެވެ.

ޒުލްފާގެ ޖަވާބާ މެދު އަނެއްކާވެސް އެ ސުވާލު ތަކުރާރު ކުރައްވާތީ އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި އެލްޖީއޭގެ ޑިރެކްޓަރު އަބްދުﷲ ރަޝީދު ވިދާޅުވީ މީގެ ކުރިން ވެސް އެލްޖީއޭ އިން އެގޮތަށް އަމަލު ކޮށްފައި ވާނެ ކަމަށެވެ.

މިސާލެއްގެ ގޮތުން، މިދިޔަ އަހަރު އީދުގައި ފިޔޯރީ ކައުންސިލުން ކުލަ ޖެހުމާ ދެކޮޅަށް ނެރުނު ބަޔާން ހުއްޓުވިކަން އޭނާ ފާހަގަކުރެއްވި އެވެ. އަބްދުﷲ ރަޝީދު ވިދާޅުވި ގޮތުގައި އެލްޖީއޭގެ ބެލެނިވެރިކަމުގެ ދަށުގައި ހުރި ކައުންސިލުތައް އެއް އުސޫލަކުން އެއް މިންގަނޑަކަށް ހިންގުމުގެ ގޮތުން އެޅި ފިޔަވަޅެކެވެ.

އޭޖީގެ ލަފާ ބަލައިގަންނަން!

ކައުންސިލެއްގެ ބަޔާނެއް ބާތިލު ނުކުރަން އެލްޖީއޭ އަށް ނޭންގޭނެ ކަމަށް ބަންޑާރަ ނައިބު ލަފާ ދެއްވާފައިވާ އިރު، އެ ލަފާ ވެސް ގަބޫލު ނުކުރައްވަނީތޯ މެމްބަރުން ތަކުރާރުކޮށް ސުވާލު ކުރެއްވި އެވެ.

ޒުލްފާ ވިދާޅުވީ، އެކަމާ ގުޅިގެން ބަންޑާރަ ނައިބު ދެއްވި ލަފާ ގޯސްކަމަށް ނޫނީ އެ ލަފަ އަށް ގޮންޖައްސަވާފައި ނުވާނެ ކަމަށެވެ.

"ތިޔަބޭފުޅުން އެ ގޮތަށް އިންޓަޕްރިޓް ތިޔަ ކުރައްވަނީ. އަޅުގަނޑު އެއްވެސް ތަނެއްގައި އެ ކަހަލަ އެއްޗެއް ބުނަފެއް ނޯންނާނެ،" ޒުލްފާ ވިދާޅުވި އެވެ.

އޭނާ އެ ގޮތަށް ޖަވާބު ދެއްވުމުން، ކެނދިކުޅުދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަހުމަދު އީސާ ވަނީ، ބަންޑާރަ ނައިބުގެ ލަފާ ބަލައިގަންނަ ނަމަ، ކައުންސިލަށް އެލްޖީއޭ އިން އެންގި އެންގުން އަނބުރާ ގެނެސް، މާފަށް އެދިވަޑައިގަންނަވާތޯ އައްސަވައިފަ އެވެ.

އެ ސުވާލަށް ސީދާ ޒުލްފާގެ ޖަވާބު ދެއްވުމަށް ގޮވާލައްވައި، ބައްދަލުވުން ހޫނު ވެސް ވި އެވެ. އަދި މަޖިލީހުގެ މެމްބަރުންގެ ސުވާލުތަކަށް ޖަވާބު ނުދެއްވައި ކޮމިޓީން ވަޑައިނުގަންނެވޭނެ ކަމަށް ވެސް އީސަ ވިދާޅުވި އެވެ.

އެކަމަކު ޒުލްފާގެ އެދިވަޑައިގެންނެވުމުގެ މަތިން، ކޮމިޓީގެ މުގައްރިރު އަދި ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒް ވަނީ، ޒުލްފާގެ ބަދަލުގައި އަބްދުﷲ ރަޝީދަށް އެ ސުވާލުގެ ޖަވާބު ދެއްވުމުގެ ފުރުސަތު ދެއްވައިފަ އެވެ.

އޭނާ ވިދާޅުވި ގޮތުގައި އޭޖީގެ ލަފާ ލިބިފައި ވަނީ މި ކަން ހިނގައިދިޔަ ފަހުންނެވެ. އެއާ އެކު، އޭޖީގެ ލަފައާ ގުޅިގެން ނަގާނެ ޕޮލިސީ ނިންމުމެއް އެލްޖީއޭގެ ބޯޑަށް ހުށަހަޅައިގެން ގޮތްތަކެއް ނިންމޭނެ ކަމަށް ވިދާޅުވި އެވެ.

"...މާފަށް އެދުމަކީ ޕޮލިސީ ޑިޒިޝަނެއް ކަމަށް ވަންޏާ، އެ ކަން ވެސް އެލްޖީއޭ އިން ކުރާނެ. އަޅުގަނޑުމެން ބޯޑުގައި މަޝްވަރާ ކުރާނަން، މާފަށް އެދޭނީތޯ އަޅާނުލާ ތިބޭނީތޯ،" އަބްދުﷲ ރަޝީދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ކައުންސިލުތަކުން ނެރޭ އެއްވެސް ބަޔާނަކާ މެދު ފިޔަވަޅު އެޅޭނެ މަގު ބަންދުވާ ގޮތަށް އޭޖީގެ ލަފާ އޮތުމަކީ އެލްޖީއޭގެ ކަންބޮޑުވުމެއް ކަމަށާއި އެ ކަމުގައި ވެސް ކުރިއަށްދެވޭނެ ގޮތަކާ މެދު އޭޖީ އޮފީހާ އެކު މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ.

ކެނދިކުޅުދޫ ކައުންސިލާ ދެކޮޅަށް އެލްޖީއޭ އިން ބަޔާން ނެރެފައިވާއިރު، ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައި ވަނީ އެލްޖީއޭ އިން ލޯކަލް ކައުންސިލްތަކަށް ފިޔަވަޅު އެޅުމަކީ ތާއީދު ކުރައްވާ ކަމެއް ނޫން ކަމަށާއި ސަރުކާރުގެ ސިޔާސަތަކީ ކައުންސިލްތަކާ ގުޅިގެން، ބާރުވެރިކޮށްގެން މަސައްކަތް ކުރުން ކަމަށެވެ.

"އެކަހަލަ އެއްވެސް ކަމެއް އެލްޖީއޭ އިން ކުރުމަކީ ވެސް އަޅުގަނޑު ތާއީދު ކުރާނެ ކަމެއް ނޫން. އެ ކަހަލަ އެއްވެސް ކަމެއް ސަރުކާރުގެ ފަރާތުން އެއްވެސް ކައުންސިލަކަށް ކުރިމަތި ނުކުރާނެ،" ރައީސް ވިދާޅުވި އެވެ.