16 އެޕްރީލް 2017
ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނެއް ވުޖޫދަށް ގެނައުމުގެ އެންމެ ބޮޑު ބޭނުމަކީ ކުރީގެ އެޓޮލްސް މިނިސްޓްރީގެ ދަށަށް ރަށްރަށުގެ ހުރިހާ ބާރެއް އެއްކޮށް، މާލެ އިން އަންގައިގެން ކަންކަން ކުރުމުގެ ޒަމާންވީ އުސޫލު ދޫކޮށްލުމެވެ. ރަށްރަށަށް ގިނަ ބާރުތަކެއް ދިނުމެވެ. ނަމަވެސް ލާމަރުކަޒީ ގާނޫނަށް އެކި އިސްލާހުތައް ގެންނަމުން ގޮސް މިހާރު އެ ގާނޫނުގެ ބޭނުން ކެނޑޭ ހިސާބަށް ވަނީ ގޮސްފަ އެވެ. މިދިޔަ ބުދަދުވަހު ރައްޔިތުންގެ މަޖިލިހުން ގެނައި އެއް ބަދަލަކީ ވެސް ހަމަ މިފަދަ ކަމެކެވެ. ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) މެމްބަރުން އައްޔަން ކުރުމުގެ ހުރިހާ ބާރެއް ރައީސުލްޖުމްހޫރިއްޔާ އަތްޕުޅަށް ނެންގެވީ އެވެ. ލޯކަލް ނިޒާމުގެ ހިންގުމާ މުޅިން ޚިލާފަށެވެ.
ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނެއް ވުޖޫދަށް ގެނައުމުގެ އެންމެ ބޮޑު ބޭނުމަކީ ކުރީގެ އެޓޮލްސް މިނިސްޓްރީގެ ދަށަށް ރަށްރަށުގެ ހުރިހާ ބާރެއް އެއްކޮށް، މާލެ އިން އަންގައިގެން ކަންކަން ކުރުމުގެ ޒަމާންވީ އުސޫލު ދޫކޮށްލުމެވެ. ރަށްރަށަށް ގިނަ ބާރުތަކެއް ދިނުމެވެ. ނަމަވެސް ލާމަރުކަޒީ ގާނޫނަށް އެކި އިސްލާހުތައް ގެންނަމުން ގޮސް މިހާރު އެ ގާނޫނުގެ ބޭނުން ކެނޑޭ ހިސާބަށް ވަނީ ގޮސްފަ އެވެ. މިދިޔަ ބުދަދުވަހު ރައްޔިތުންގެ މަޖިލިހުން ގެނައި އެއް ބަދަލަކީ ވެސް ހަމަ މިފަދަ ކަމެކެވެ. ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) މެމްބަރުން އައްޔަން ކުރުމުގެ ހުރިހާ ބާރެއް ރައީސުލްޖުމްހޫރިއްޔާ އަތްޕުޅަށް ނެންގެވީ އެވެ. ލޯކަލް ނިޒާމުގެ ހިންގުމާ މުޅިން ޚިލާފަށެވެ.
އެލްޖީއޭގެ ބޯޑުގައި މިހާރު ތިއްބަވަނީ ރައީސް އައްޔަން ކުރައްވާ ވަޒީރަކާއި މާލެ ސިޓީ ކައުންސިލްގެ މެމްބަރަކާއި އެހެން ސިޓީ ކައުންސުލްތަކުން އިންތިޚާބުކުރާ މެމްބަރަކާއި އަތޮޅު ކައުންސިލްގެ ހަތަރު މެމްބަރަކާއި މަދަނީ ޖަމިއްޔާގެ މެމްބަރަކާއި އާންމުންގެ ތެރެއިން ކަނޑައަޅާ މެމްބަރެކެވެ.
އެކަމަކު މަޖިލިހުން ގާނޫނަށް ގެނައި އިސްލާހުގައި ވާ ގޮތުން އެލްޖީއޭ އަށް މެމްބަރުން އައްޔަން ކުރުމުގެ އެއްވެސް ބާރެއް ކައުންސިލްތަކަށް ދެނެއް ނޯންނާނެ އެވެ. އެތަނަށް އައްޔަން ކުރެވޭނީ ރައީސް ބޭނުންފުޅުވާ މެމްބަރުންނެވެ.
އިސްލާހުގައިވާ ގޮތުން އެލްޖީއޭގެ ބޯޑުގައި ދެން ތިއްބަވާނީ ރައީސް އައްޔަން ކުރައްވާ ވަޒީރަކާއި ޖެންޑާ އިކުއަލިޓީގެ ދާއިރާގެ އަންހެން ތަޖުރިބާކާރަކާއި މަދަނީ ޖަމިއްޔާގެ މެމްބަރަކާއި ގަވަނަންސް ނުވަތަ ޕަބްލިކް އެޑްމިނިސްޓްރޭޝަންގެ ދާއިރާގެ ތަޖުރިބާ ލިބިފައިވާ މީހެއްގެ އިތުރުން ޗީފް އެގްޒެކްޓިވް އޮފިސަރެވެ. މި ބޭފުޅުންނަށް ރުހުން ދޭނީ ރައްޔިތުންގެ މަޖިލިހުންނެވެ. މާނަ އަކީ މި އިސްލާހު ރައީސް އަބްދުﷲ ޔާމީން ތަސްދީގު ކުރައްވައި ނަންތައް މަޖިލިހަށް ފޮނުއްވުމާ އެކު، އެލްޖީއޭގެ ބޯޑަށް ދެން އަންނާނީ މަޖިލިހުގެ އެއިރެއްގެ ސިޔާސީ ފިކުރު ބޭނުންވާ ބޭފުޅުންނެވެ.
ވަރަށް މާތް މަގުސަދެއްގައި ގެނައި ލާމަރުކަޒީ ނިޒާމު "ފުނޑުފުނޑު" ކުރަމުން ގޮސް މިއީ ވެސް އޭގެ ތެރެއިން އެއް ބޮޅު ކަމަށް، މި ނިޒާމު ތައާރަފު ކުރުމުގައި އެންމެ އިސްކޮށް އުޅުއްވި ފަންނީ ބޭފުޅުން ދެކެވަޑައިގަންނަވަ އެވެ. އެކަމާ ކަންބޮޑުވެ އެވެ. ނަމަވެސް ކުރެވޭނެ ކަމެއް ނެތް ކަމަށް އެ ބޭފުޅުން ވިދާޅުވެ އެވެ. މި ނިޒާމު އޭގެ ފުރިހަމަ ގޮތުގައި ހިންގަން އެއްވެސް ސަރުކާރަކުން ބޭނުން ނުވާކަން ކުރިމަތިން ފެންނަ މަންޒަރުން ހާމަވާތީ އެވެ.
ލާމަރުކަޒީ ގާނޫނު ޑްރާފްޓް ކުރެއްވި ކުރީގެ ބަންޑާރަ ނައިބު ހުސްނުއް ސުއޫދު ވިދާޅުވީ އެލްޖީއޭގެ ބޯޑަށް ރައީސް އައްޔަން ކުރައްވާ ބޭފުޅުންތަކެއް ގެންނެވުމަކީ، އެ ގާނޫނު އެކުލަވައިލެއްވުމުގައި ގެންގުޅުއްވި ވިސްނުމާ ތައާރަޒުވާ އަދި ސެންޓްރެލައިޒް އަމަލެއް ކަމަށެވެ. އަދި ގާނޫނުގެ މަގުސަދު ވެސް މުޅިން ގެއްލުވާލާފައިވާ ކަމަށް، ހިތާމައާ އެކު، އޭނާ ވިދާޅުވި އެވެ.
ގާނޫނީ ވަކީލު ސުއޫދު: ފެންނަނީ އެލްޖީއޭގެ ބާރުގަދަ ކުރަމުންދާ ތަން ކަމަށް ވިދާޅުވި.---މިހާރު ފައިލް ފޮޓޯ
"މި ގާނޫނުގެ ބޭނުމަކީ ކުރީގެ އެޓޮލްސް މިނިސްޓްރީގެ ދައުރު އަދާނުކުރާ ގޮތަށް ހެދުން. އަޅުގަނޑުމެން މި ގާނޫނު ގެނައިއިރު، އެލްޖީއޭ އަށް ހަގީގަތުގައި އެއްވެސް ބާރެއް ނޯންނާނެ. އެލްޖީއޭ އަށް އަޅުގަނޑުމެން ދިން ބާރަކީ ހުރިހާ ކައުންސިލެއްގެ މަސައްކަތް އެއް އުސޫލަކަށް ފެއްތުން،" ސުއޫދު ވިދާޅުވި އެވެ.
"ނަމަވެސް ފެންނަމުން މިދިޔައީ އެލްޖީއޭގެ ބާރުގަދަ ކުރަމުން ދިޔަ ތަން. އެންމެ ފަހުން އެލްޖީއޭ އަކީ ސީދާ ރައީސްގެ ބެއްލެވުމުގެ ދަށުން ހިނގާ ތަނަކަށް މި ބަދަލުވަނީ. ބައްޕަގެ ދައުރު ވެސް މަންމަގެ ދައުރު ވެސް އަދި މުދައްރިސެއްގެ ދައުރު ވެސް މި ދިނީ ރައީސަށް. ހީވަނީ މިދާ ވަރުން ފުލުހެއްްގެ ދައުރު ވެސް އޮންނާނީ ރައީސަށް ހެން."
އޭނާ ވިދާޅުވި ގޮތުގައި ގާނޫނު ހެދިއިރު ވިސްނުމުގައި ހުރީ އެލްޖީއޭ އަކީ "ބޮޑު ސިންގާ" މުއައްސަސާ އަކަށް ހެދުމެއް ނޫނެވެ. ނަމަވެސް އެލްޖީއޭގެ ބޯޑަށް ރައީސް އައްޔަން ކުރައްވާ ބޭފުޅުންތަކެއް ކަނޑައެޅުއްވުމަކީ ސިޔާސީ މަގުސަދުތައް ހާސިލް ކުރަން ކޮންމެ ބަޔަކަށް ވެސް ފަހިވާނެ ކަމެއް ކަން ސުއޫދު ފާހަގަކުރެއްވި އެވެ.
"މިއީ މި ނިޒާމާ ވެސް މުޅިން ޚިލާފު ކަމެއް. ފެށުނީއްސުރެ މި ނިޒާމަށް ބަދަލުތައް ގެންނަމުން އައިސް އެލްޖީއޭގެ ބޯޑުގައި ރައީސް އައްޔަން ކުރައްވާ ބޭފުޅުން ތިއްބަވާ ގޮތަށް ހެދުމަކީ ކުރީގެ އެޓޮލްސް މިނިސްޓްރީގެ ބާރުތައް އަނެއްކާ މާލެ އަށް ޖަމާކުރުން. މާލެ އިން އަންގާ ގޮތަށް ރަށްރަށުން ކަންކަން ކުރަން ބާރު އެޅުވުން،" އޭނާ ވިދާޅުވި އެވެ.
ލާމަރުކަޒީ ނިޒާމު ރާއްޖެ އަށް ތައާރަފު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެއްވި އަދި ފަންނީ ގިނަ މައުލޫމާތުތައް އެއްކުރެއްވި އަނެއް ބޭފުޅަކީ މުހައްމަދު ނަޒީފެވެ.
އެކަމަކު އޭނާގެ ވިސްނުމުގައި އެލްޖީއޭގެ ބޯޑުގައި ރައީސް އައްޔަން ކުރައްވާ ބޭފުޅުންތަކެއް ތިއްބެވުމަކީ، ގާނޫނަށް މިހާތަނަށް ގެނައި ބަދަލުތަކަށް ބަލާއިރު، މާ ބޮޑު ކަމެއް ނޫނެވެ. ސަބަބަކީ ކުރީގެ އެޓޮލްސް މިނިސްޓްރީ ހިންގި ގޮތަށް ލާމަރުކަޒީ ނިޒާމަށް އެތައް ބަދަލުތަކެއް ގެނެސް މިހާރު ވެސް މުޅި ނިޒާމު "ގަޑުބަޑު" ކޮށްފައި އޮތުމެވެ.
ނަޒީފު ވިދާޅުވީ ގާނޫނު ފާސްކުރިއިރު، އެލްޖީއޭ އަކީ ކައުންސިލްތަކުގެ ކަންކަން މޮނީޓަ ކުރަން އުފެއްދި ބޯޑެއް ކަމަށެވެ. އެކަމަކު އެންމެ ފަހުން މިހާރު އެއީ ރެގިއުލޭޓަރީ ބޯޑަކަށް ވެ، ރަށްރަށުގެ ފާރު ރާނަން އިއުލާން ކުރާނީ ވެސް އެ ބޯޑުން ކަމަށް ނިމިފައި ވާާ ކަމަށް އޭނާ ވިދާޅުވި އެވެ.
"އެލްޖީއޭގެ ބޯޑަކީ ކައުންސިލްތައް އެމްޕަވަކޮށް، މޮނީޓަ ކުރުމަށް ގާނޫނުގެ ތެރެއިން އުފެއްދި ތަނެއް. އެކަމަކު ކުރީގެ އެޓޮލްސް މިނިސްޓްރީން ކަންކަން ކުރި ގޮތަށް މި ބޯޑުން މިހާރު ކަން ކުރާ ތަން އެބަ ފެނޭ. އެޓޮލްސް މިނިސްޓްރީން ނޫންތޯ ރަށްރަށުގައި ފާރު ރާނަން ވެސް ކުރިން އިއުލާން ކުރީ. ހަމަ އެގޮތަށް އެލްޖީއޭ އިން އިއުލާން އެބަ ކުރޭ. ކޮބައިތޯ ކުރީގެ އެޓޮލްސް މިނިސްޓްރީއާ އެލްޖީއޭއާ ހުރި ތަފާތަކީ؟،" ނަޒީފް ސުވާލު ކުރެއްވި އެވެ.
އެލްޖީއޭގެ ރައީސަކާއި ނައިބު ރައީސަކު އިންތިޚާބު ކުރާނީ މެމްބަރުންގެ މެދުގައި ވޯޓަކުން ކަމަށް ވިޔަސް، ގާނޫނަށް ގެނައި އާ އިސްލާހުގައި އެކަން ވެސް ވަނީ ނިގުޅައިގެންފަ އެވެ. އިސްލާހުގައިވާ ގޮތުން ނަމަ، އެލްޖީއޭގެ ބޯޑުން އިންތިޚާބު ކުރާނީ ނައިބު ރައީސް އެކަންޏެވެ. އެލްޖީއޭގެ ރައީސަކަށް ވާނީ ރައްޔިތުންގެ މަޖިލިހަށް އެ ބޯޑާ ގުޅޭ ގޮތުން ޖަވާބުދާރީވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާ މިނިސްޓަރެވެ. އަދި ދުވަހުން ދުވަހަށް އެލްޖީއޭގެ ކަންކަން ހިންގާނީ ޗީފް އެގްޒެކެޓިވް އޮފިސަރު ކަމަށް އިސްލާހުގައި ބުނެފައިވާއިރު، އެ މަގާމުގައި ހުންނަވާ ބޭފުޅަކު އައްޔަން ކުރައްވައި ވަކިކުރައްވަނީ ވެސް ރައީސުލްޖުމްހޫރިއްޔާ އެވެ.
އެލްޖީއޭގެ ބޯޑަކީ ކައުންސިލްތައް އެމްޕަވަކޮށް، މޮނީޓަ ކުރުމަށް ގާނޫނުގެ ތެރެއިން އުފެއްދި ތަނެއް. އެކަމަކު ކުރީގެ އެޓޮލްސް މިނިސްޓްރީން ކަންކަން ކުރި ގޮތަށް މި ބޯޑުން މިހާރު ކަން ކުރާ ތަން އެބަފެނޭ. އެޓޮލްސް މިނިސްޓްރީން ނޫންތޯ ރަށްރަށުގައި ފާރު ރާނަން ވެސް ކުރިން އިއުލާން ކުރީ. ހަމަ އެގޮތަށް އެލްޖީއޭ އިން އިއުލާން ކުރޭ. ކޮބައިތޯ ކުރީގެ އެޓޮލްސް މިނިސްޓްރީއާ އެލްޖީއޭ އާ ހުރި ތަފާތަކީ،" ނަޒީފް
ނަޒީފް ފާހަގަކުރެއްވި ގޮތުގައި ޗީފް އެގްޒެކެޓިވް އޮފިސަރު އައްޔަން ކުރެއްވުމާއި ވަކިކުރެއްވުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާ އަށް އޮތުމަކީ ވެސް ކަންބޮޑުވާން ޖެހޭ ކަމެކެވެ. ގިނަ ފަހަރު އެފަދަ ބާރު ދީފައިވާ ބޭފުޅުން އައްޔަންކޮށް ވަކިކުރާނީ ބޯޑުން ކަމަށް އޭނާ ވިދާޅުވި އެވެ.
"ފަންނީ ބޭފުޅުން އެލްޖީއޭގެ ބޯޑުގައި ތިއްބެވުމަކީ އަޅުގަނޑު ތާއީދުކުރާ ކަމެއް. އަޅުގަނޑަކަށް އެއީ މައްސަލައެއް ވެސް ނޫން. ފަންނީ މީހުން ތިބޭ ގޮތަށް ހެދުމަކީ އެންމެ ރަނގަޅު ގޮތް. އެކަމަކު މައްސަލަ އަކީ އެއްވެސް ބަޔަކު އިޚުލާސްތެރިކަމެއް ނުގެންގުޅޭތީ. ގާނޫނު ވުޖޫދަށް ގެނައީ 2010 ގައި. ގާނޫނުގެ މަގުސަދުތަކާ ތައާރަޒުވާ ގާނޫނުތަކަށް ހަ މަސް ތެރޭގައި ބަދަލު ގެންނަން ޖެހޭނެ ކަމަށް ލާމަރުކަޒީ ގާނޫނުގައި ބުނެފައި އޮންނާނެ. އެކަމަކު އެކަމެއް ނުވޭ. ކިތައް އެޓާނީ ޖެނެރަލުން ވަޑައިގެންފިތޯ؟ ކިތައް ސަރުކާރު މިހާތަނަށް އަތުވެއްޖެތޯ؟،" ނަޒީފް ވިދާޅުވި އެވެ.
"އެހެންވީމާ މައްސަލަ އަކީ އިޚުލާސްތެރިކަން ނެތުން. ބާރު ދޫކޮށްލާކަށް އެއްވެސް ބަޔަކު ބޭނުމެއް ނުވޭ. ސެންޓްރެލައިޒްކޮށް ހިންގަން އެންމެން ބޭނުންވަނީ. އިސްލާހު ކުރުމުގެ މަގުސަދެއް ސިޔާސީ ބޭފުޅުންގެ ނެތް."
ސުއޫދު ވިދާޅުވީ ލާމަރުކަޒީ ނިޒާމު މުޅިން ހަލާކުވެ، ރަށްރަށުން ފެންނަނީ ކައުންސިލްތަކަށް އެއްވެސް ބާރެއް ނެތް ތަން ކަމަށެވެ. ޓޫރިޒަމަށް ރަށްރަށް ދޫކުރުމުގައި ވެސް ރަށްރަށުގެ ކައުންސިލްތަކުގެ ބަހެއް ނެތެވެ.
"މިހާރު މިނިސްޓްރީތަކުގެ ޔުނިޓްތައް ރަށްރަށުގައި މި ހަދަނީ. ހައުސިން މިނިސްޓްރީގެ ޔުނިޓްތައް ރަށްރަށުގައި މި ހަދަނީ. ރިސޯޓެއް ހެދުމަށްޓަކައި ރަށެއްގެ ފަޅެއް ހިއްކާ ކަމަށް ވަނީ ނަމަ، އެ ރަށެއްގެ އެންވެރިކަމަށް، މަސްވެރިކަމަށް އަންނަ ބަދަލު ބޮޑަށް އެނގޭނީ އެ ރަށެއްގެ ބަޔަކަށް. ކ. އަތޮޅުގައި ކިތައް ފަޅު ހިއްކައިފިތޯ؟ އޭގެ ސަބަބުން އެންވެރިކަމަށް ކުރީ ކިހާ އަސަރެއްތޯ ރަށްރަށުގެ ކައުންސިލްތައް މެދުވެރިކޮށް ބެލިތޯ؟ އެ ފަޅުތަކުން އެއްވެސް ރަށެއްގެ ތަރައްގީ އަށް އެއްޗެއް ލިބުނުތޯ؟،" ސުއޫދު ވިދާޅުވި އެވެ.
އެލްޖީއޭގެ ބޯޑުގެ މެމްބަރުންތަކެއް ބައްދަލުވުމެއްގައި: އެލްޖީއޭގެ މުޅި ބޯޑު ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވަން ޖެހޭ ގޮތަށް ގާނޫނު ވަނީ އިސްލާހު ކޮށްފައި.---ފޮޓޯ: އެލްޖީއޭ
އޭނާ ވިދާޅުވި ގޮތުގައި ލާމަރުކަޒީ ނިޒާމު ސެންޓްރެލައިޒް ކުރުމުގެ ބޭނުމަކީ ރައްޔިތުންގެ އަޑު ކަނޑުވާލުމެވެ. އޭގެ ބަދަލުގައި މައި ސަރުކާރުގެ ދަށަށް، ކުރިއެކޭ އެއްގޮތަށް ބާރުތައް ޖަމާކުރުމެވެ.
ލާމަރުކަޒީ ނިޒާމުގެ ވާހަކަ މި ދައްކަނީ އެލްޖީއޭގެ ބޯޑަށް ގެނައި އިސްލާހާ އެކު އެކަންޏެއް ނޫނެވެ. ތަފާތު އިސްލާހުތައް ގާނޫނަށް ގެންނަން ފެށުމާ އެކު ލޯކަލް ނިޒާމުގެ ބޭނުމެއް ނެތް ކަމަށް އެތައް ބަޔަކު ބުނަން ފަށައިފި އެވެ. އެއީ މާ ކުރީގެ ކަމެކެވެ.
ނަޒީފް ވިދާޅުވީ ލާމަރުކަޒީ އުސޫލުން ރާއްޖެ ހިންގަން ފެށިއިރު ވެސް އޮތީ މުޅި ނިޒާމު ހަރާބުކޮށްފަ އެވެ. އޭގެ ހެއްކަކީ، އޭނާ ވިދާޅުވި ގޮތުގައި، އިންތިޚާބުވި ފުރަތަމަ ކައުންސިލްތަކުން މަގާމާ ހަވާލުވިއިރު، ރައްޔިތުންގެ އިންޖީނުގެތައް ސަރުކާރަށް ނެގުމާއި ރައްޔިތުންގެ އެކައުންޓްތަކުގައި ހުރި ފައިސާ ސަރުކާރަށް 2011 ގައި ނެގުމެވެ.
"އެހެންވީމާ ފެށުމުގައި ވެސް މިއޮތީ ފެއިލް ވެފައި. ހަގީގަތުގައި ނުކުރަން ޖެހޭ ހުރިހާ ކަމެއް މިހާތަަނަށް ކުރަމުން މިއައީ. މި ނިޒާމު ގާއިމް ކުރުމަށްޓަކައި އެ ދުވަސްވަރު އަޅުގަނޑުމެން ބައެއް މީހުންނާ ވާހަކަ ދެއްކީމާ ލިބުނު އެއް ޚިޔާލަކީ ކައުންސިލްތަކުގެ މެމްބަރުންނަކީ ޕާޓްޓައިމް ބަޔަކަށް ހަދާށޭ. އެކަމަކު މަޖިލިހުން ނިންމީ އެއީ މުސާރަ ދޭން ޖެހޭ ބައެއް ކަމަށް. ބައެއް ކައުންސިލްތަކުގައި ތިން މެމްބަރުން ތިބޭ ގޮތަށް ވެސް ހަދައިފި. މި ހާލަތުގައި އެކަކު ސަލާމުގައި ހުރިއްޔާ ދެން ކިހިނެއްތޯ ކޯރަމް ހަމަކުރާނީ ވެސް؟،" އޭނާ ވިދާޅުވި އެވެ.
ސުއޫދާއި ނަޒީފް އެ ފާހަގަކުރެއްވީ ލާމަރުކަޒީ ނިޒާމު ފެއިލްވުމަށް މެދުވެރިވި މަދު މައްސަލަތަކެކެވެ. އެލްޖީއޭގެ ބޯޑަށް ރައީސް ބޭނުންފުޅުވާ ބަޔަކު އައްޔަން ކުރެވޭ ގޮތް ހެދުމަކީ އެއް ބަދަލެވެ. ސުއޫދާއި ނަޒީފް ވިދާޅުވި ފަދައިން އެލްޖީއޭގެ ބޯޑަކީ މީގެ ކުރިން ގާނޫނަށް ގެނައި ބަދަލުތަކާއި ކައުންސިލްތަކާއި ސަރުކާރާ ދެމެދު ލާފައިވާ "ފާރަށް" ބަލާއިރު ކުޑަ މިންވަރަކަށް ވެދާނެ އެވެ. މިއަށް ވުރެ ބޮޑެތި ބަދަލުތަކެއް މިހާތަނަށް ގެނައުމުގެ ނަތީޖާ އަކީ ލާމަރުކަޒީ ނިޒާމުގެ އެއްވެސް ބޭނުމެއް ނެތި ދިއުމެވެ.
"ހަގީގަތުގައި މި [ލާމަރުކަޒީ ނިޒާމު] ހިނގި ނަމަ ވަރަށް ފައިދާވީސް. ސަރުކާރުގެ ބަޖެޓަށް ލުއިވާނެ. ތަރައްގީ އަވަސް ވާނެ. އެކަމަކު ބާރު ދޫކޮށްލާކަށް ބޭނުމެއް ނުވޭ އެއްވެސް ބައެއް. އިތުބާރެއް ނެތް،" ނަޒީފް ވިދާޅުވި އެވެ.
ލާމަރުކަޒީ ނިޒާމަށް ތާއީދުކޮށް، އޭގެ މޮޅު ވާހަކަ ދެއްކެވި ފަންނީ ބޭފުޅުން މިއަދު ތިއްބެވީ މާޔޫސްވެފަ އެވެ. ތަންފީޒީ މަރުހަލާގައި ތެދުވެރިކަން ނެތުމުގެ ނަތީޖާ އަކީ، ކުރީގެ އެޓޮލްސް މިނިސްޓްރީ ހިންގި ދުވަސްވަރުގެ ހާލަތަށް ކަންކަން ބަދަލުވުމެވެ. މިހާރު ނަމަ އެލްޖީއޭ އެވެ. ރަށްރަށް ހިންގަންވީ އެލްޖީއޭ އިން އަންގާ ގޮތަކަށެވެ. މިހާތަނަށް އެލްޖީއޭގައި ކައުންސިލްތަކުން އެލްޖީއޭގެ ބޯޑަށް އިންތިޚާބު ކުރާ ބަޔަކު ތިއްބަސް ދެން ފެންނާނީ ރައީސުލްޖުމްހޫރިއްޔާ ބޭނުންފުޅުވާ ބަޔަކު އެ ބޯޑުގައި ތިބެ، ކުރިން އެޓޮލްސް މިނިސްޓްރީ ހިންގި ގޮތަށް އެލްޖީއޭ ހިންގާ ތަނެވެ.
ހުޅުމާލޭގެ ބިމާގުޅޭ ނިންމުމަށް އަމަލުކުރުން ހުއްޓުވައިފި
އެލްޖީއޭގެ ސީއީއޯއަށް އެމްޑީޕީ ޑެޕިއުޓީ އެސްޖީ އަފްޝަން
އެލްޖީއޭ އިން އުޅުނީ ސިޔާސީ ނިޒާމު ނައްތާލަން: ކޮމިޓީ
މުސާރައާ އެކު ޒިންމާ ވެސް ވަނީ ބޮޑުވެފައި
ލާމަރުކަޒީ ގާނޫނަށް ގިނަ އިސްލާހު ގެންނަން ޖެހޭ:ރައީސް
އެލްޖީއޭގެ ބޯޑަށް މެމްބަރުން އައްޔަންކުރަން ހުށަހަޅައިފި
އެލްޖީއޭ ބާރުގެ ރައީސަށް ލިބޭ އިސްލާހު ތަސްދީގުކޮށްފި
ރައީސަށް އެލްޖީއޭގެ ބާރު ލިބޭ ގޮތަށް ފާސްކޮށްފި
އެލްޖީއޭގެ ބާރު ރައީސަށް ދޭ އިސްލާހު ބަލައިގެންފި
އެލްޖީއޭގެ ބާރު ރައީސަށް ލިބޭ ގޮތަށް ބަދަލު ގެންނަނީ