Roadha Mihaaru
ފެލިދޫ ކައުންސިލްގެ ނިންމުން ބާތިލްކުރަން އަންގައިފި

ފެލިދޫ ކައުންސިލްގެ ނިންމުން ބާތިލްކުރަން އެޗްއާރުސީއެމުން އަންގައިފި

06 ނޮވެމްބަރ 2023

ވ. ފެލިދޫ ކައުންސިލަށް ދައްކަންޖެހޭ ފައިސާ ނުދައްކާތީ މީހުންގެ އަނބިންނާއި ފިރިން އަދި ދަރިންނަށް ހިދުމަތް ނުދޭގޮތަށް އެ ކައުންސިލުން ނިންމި ނިންމުން ބާތިލްކުރަން އެޗްއާރުސީއެމުން އަންގައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ވ. ފެލިދޫ ކައުންސިލަށް ދައްކަންޖެހޭ ފައިސާ ނުދައްކާތީ މީހުންގެ އަނބިންނާއި ފިރިން އަދި ދަރިންނަށް ހިދުމަތް ނުދޭގޮތަށް އެ ކައުންސިލުން ނިންމި ނިންމުން ބާތިލްކުރަން އެޗްއާރުސީއެމުން އަންގައިފި އެވެ.

އެ ކޮމިޝަނުން މިއަދު ނެރުނު ބަޔާނުގައި ބުނީ ގާނޫނު އަސާސީގައި ބަޔާންކުރާ އެއްވެސް ހައްގެއް ނުވަތަ މިނިވަންކަމެއް ހިފެހެއްޓޭނީ ގާނޫނުއަސާސީއާ ހިލާފުނުވާ ގޮތަށް، މަޖިލީހުން ފާސްކުރާ ގާނޫނަކުން ކަމަށާއި އެއީ ވެސް މިނިވަންކަމެއް ހިފެހެއްޓިދާނެކަމަށް ގަބޫލުކުރެވޭ މިންވަރަށް ކަމަށެވެ.

އޭގެ އިތުރުން، އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ދަށުން ކައުންސިލުން ހިދުމަތްތައް ފޯރުކޮށްދިނުމާއި އެއްވެސް މީހަކަށް ހިދުމަތް ފޯރުކޮށްނުދީ ހިފެހެއްޓިދާނެ އެއްވެސް ހާލަތެއް ބަޔާންކޮށްފައިނުވާ ކަމަށް ބުންޏެވެ.

އެހެންވެ، ވަކި ބަޔަކަށް ހިދުމަތް ނުދޭ ގޮތަށް ފެލިދޫ ކައުންސިލަށް ނުނިންމޭނެ ކަމަށް އެޗްއާރުސީމުން ބުންޏެވެ.

"..ފެލިދޫ ކައުންސިލްގެ 29 ވަނަ އާއްމު ޖަލްސާއިން ފާސްކޮށްފައިވާ ކަމަށް އެ ކައުންސިލްގެ އިއުލާނު...ގައި ބަޔާންކޮށްފައިވާ ކަންކަމަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީ އާއި ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ދަށުން ފެލިދެ އަތޮޅު ފެލިދޫ ކައުންސިލަށް ގާނޫނީ ހަމަތަކުގެ މަތިން ލިބިދީފައިވާ ބާރެއް ނޫންކަމުގައި ދަންނަވަމެވެ." ބަޔާނުގައިވެ އެވެ.

"...ފެލިދޫ ކައުންސިލަށް ފައިސާ ނުދައްކާ ފަރާތްތަކާއި އެ ފަރާތްތަކުގެ އަނބިން، ފިރިން އަދި ދަރިންނަށް ކައުންސިލްގެ އެއްވެސް ހިދުމަތެއް ފޯރުކޮށް ނުދިނުމަށް ނިންމަވާފައިވާ ނިންމެވުމަކީ މި ކޮމިޝަނުން ނުހަނު ކަންބޮޑުވާކަމެއްގައި ވާތީ، ފެލިދޫ ކައުންސިލްގެ އިއުލާންގައި ބަޔާންކޮށްފައިވާ ކައުންސިލްގެ ނިންމުން ބާތިލްކުރުމަށް އެ ކައުންސިލަށް ނޮވެމްބަރު 5، 2023 ވަނަ ދުވަހު މި ކޮމިޝަނުން ވާނީ އަންގައިފަ އެވެ."

އެޗްއާރުސީއެމުން ބުނީ ފެލިދޫ ރައްޔިތުންގެ އާމްދަނީއަށް ލިބެންޖެހޭ ފައިސާ ނުދައްކާ މީހުންގެ އަތުން ފައިސާ ހޯދުމުގެ މައްސަލައަށް ހައްލު ހޯދަންވާނީ ގާނޫނީ އިމުގެ ތެރެއިން ކަމަށްވާތީ އެކަން އަންގާފައިވާ ކަމަށެވެ. ކައުންސިލްތަކަކީ ރައްޔިތުންގެ ހެވާއި ލާބައަށްޓަކައި މަސައްކަތްކުރާ، އަސާސީ އަދި އާއްމު ހިދުމަތްތައް ފޯރުކޮށްދނުމަށް އުފައްދާފައިވާތަންތަނަށްވާއިރު، ކައުންސިލްތަކުން ނިންމުންތައް ނިންމަން ވާނީ އެ މަގުސަދު ހާސިލްވާނެ ގޮތަށް ކަމަށް ވެސް އެ ކޮމިޝަނުން ބުންޏެވެ.

"ހުރިހާ ކައުންސިލަކުން ވެސް އިންސާނީ ހައްގުތަކަށް އިހުތިރާމްކޮށް އިންސާނީ ހައްގުތައް ރައްކާތެރިކޮށް ކުރިއަރުވާ އަދި ކައުންސިލްތަކުން ނިންމަވާ ކަންކަމަކީ ގާނޫނު އަސާސީއާ ދިވެހި ރާއްޖޭގެ ގާނޫނުތަކުގެ ދަށުން ރައްޔިތުންނަށް ލިބިދެވޭ ހައްގުތަކަށް އުނިކަން ނާންނާނެ ގޮތަށް ނިންމަވާ ނިންމުންތަކެއް ކަން ކަށަވަރުކުރުމަށް މި ކޮމިޝަނުން އިލްތިމާސްކުރަމެވެ." އެޗްއާރުސީއެމްގެ ބަޔާން ނިންމާލަމުން ބުނެފައިވެ އެވެ.

ފެލިދޫ ކައުންސިލްގެ އިއުލާނުގައި ބުނީ ކައުންސިލަށް ފައިސާ ދައްކަންޖެހޭ މީހުންގެ އަތުން އެ ފައިސާ ހޯދުމަށް ކައުންސިލުން ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ. ނަމަވެސް އެކަމަށް އެކަށީގެންވާ ކުރިއެރުމެއް ލިބިފައިނުވާ ކަމަށް ބުންޏެވެ.

ކައުންސިލްގެ އިހުތިސާސްގައި ހިމެނޭ ބިންތައް ކުއްޔަށް ނެގުމަށް ފަހު ދައްކަންޖެހޭ ކުއްޔާއި ހިދުމަތްތައް ހޯދުމަށްފަހު ދައްކަންޖެހޭ ފައިސާ ނުލިބޭ ކަމަށް ބުނެ، ނިންމި ނިންމުމާ ގުޅިގެން އެލްޖީއޭއިން ވަނީ މީހެއްގެ މަދަނީ ހައްގަކަށް އުނިކަން ނާންނާނެ ގޮތަށް ނިންމުންތައް ނިންމަން އެދިފަ އެވެ.