Roadha Mihaaru
ފަލަސްތީނަށް ތާއީދުކުރާތީ ބެންޒެމާއަށް ފިއްތުންތަކެއް

ފަލަސްތީނަށް ތާއީދުކުރާތީ ބެންޒެމާގެ ރަށްވެހިކަމާއި ބެލޮންޑިއޯ އަތުލަން ފްރާންސްގެ ވަޒީރަކު ގޮވާލައިފި

19 އޮކްޓޯބަރ 2023

ޕެރިސް (އޮކްޓޫބަރު 19) - ފްރާންސްގެ ގައުމީ ޓީމުގެ ކުރީގެ ފޯވާޑް ކަރީމް ބެންޒެމާ ފަލަސްތީނަށް ތާއީދުކޮށް ގާޒާގެ ރައްޔިތުންނާ އެކު ހުރި ހަމަށް ސޯޝަލްމީޑިއާގައި ހާމަކުރުމާ ގުޅިގެން އޭނާއަށް ފިޔަވަޅު އަޅަން ފްރާންސްގެ އިންޓީރިއާ މިނިސްޓަރު ގޮވާލައިފި އެވެ.

ޕެރިސް (އޮކްޓޫބަރު 19) - ފްރާންސްގެ ގައުމީ ޓީމުގެ ކުރީގެ ފޯވާޑް ކަރީމް ބެންޒެމާ ފަލަސްތީނަށް ތާއީދުކޮށް ގާޒާގެ ރައްޔިތުންނާ އެކު ހުރި ހަމަށް ސޯޝަލްމީޑިއާގައި ހާމަކުރުމާ ގުޅިގެން އޭނާއަށް ފިޔަވަޅު އަޅަން ފްރާންސްގެ އިންޓީރިއާ މިނިސްޓަރު ގޮވާލައިފި އެވެ.

އެންމެ ފަހުގެ ބެލޮންޑިއޯ އެވޯޑް ހާސިލް ކުރި ބެންޒެމާ މިދިޔަ އާދިއްތަ ދުވަހު އެކްސް ގައި ފްރާންސް ބަހުން ކުރި ޓްވީޓެއްގައި ބުނެފައިވަނީ، "ދުއާތައް ވަނީ ގާޒާގެ ރައްޔިތުންނާ އެކު" ކަމަށާއި، ކުޑަކުދިންނާއި އަންހެނުން ވަނީ އަނެއްކާ ވެސް "ނުހައްގުން ބޮމުގެ ހަމަލާތަކުގެ ޝިކާރައަކަށް ވެފައި" ކަމަށެވެ.

މި ޕޯސްޓާ ގުޅިގެން ފްރާންސްގެ އިންޓީރިއާ މިނިސްޓަރު ޖެރާލްޑް ޑާމަނިން ވަނީ ބެންޒެމާ އަކީ ހަނގުރާމަމަތީ މުސްލިމުންނާ ގުޅުން އޮންނަ ފަރާތެއް ކަމަށް ތުހުމަތު ކޮށްފަ އެވެ.

"އަހަރެމެން ވާނީ 1،100 އިސްލާމީ މުއައްސަސާތައް ބަންދު ކޮށްފައި. އަދި ފާއިތުވި ދުވަސްތަކުގައި އަހަރެން ވަރަށް ޝައުގުވެރި ވެއްޖެ މިސްޓަ ބެންޒެމާ އަށް، އޭނާ އަކީ އަހަރެމެން އެންމެނަށް ވެސް އެނގޭ [ހަނގުރާމަމަތީ] މުސްލިމުންނާ ގުޅުން އޮންނަ މީހެއް ކަން،" ޓީވީ އިންޓަވިއު އެއްގައި ޑާމަނިން ބުންޏެވެ.

ހަމަ އެއާ އެކު ފްރާންސްގެ ސެނެޓާ ވަލޭރީ ބޯޔާ ވަނީ ބެންޒެމާ އަތުން ފްރާންސްގެ ރަށްވެހިކަން އަތުލައި، ފްރާންސް ފުޓްބޯޅަ މެގަޒިން އިން ދިން ބެލޮންޑިއޯ އެވޯޑް ވެސް އޭނާ އަތުން އަތުލުމަށް އެގައުމުގެ ސަރުކާރަށް ގޮވާލައިފަ އެވެ.

"އިންޓީރިއާ މިނިސްޓަރުގެ ތުހުމަތުތަކަކީ ހަގީގަތެއް ނަމަ، އަހަރެމެން އެބަ ޖެހޭ ކަރީމް ބެންޒެމާ އަށް ފިޔަވަޅު އަޅަން. އެންމެ ރަނގަޅު ވާނީ ފުރަތަމަ އޭނާ އަތުން ބެލޮންޑިއޯ އެވޯޑް އަތުލުން، އެއަށް ފަހު އޭނާ އަތުން ފްރާންސްގެ ރައްޔިތުކަން ވެސް އަތުލަން ޖެހޭ،" ބޯޔާ ބުނެފައި ވެއެވެ.

"ފްރާންސްގެ ޑުއަލް ސިޓިޒަންޝިޕްގައި އުޅޭ ބައިނަލްއަގުވާމީ ފަރާތަކުން މިފަދައިން އަހަރެމެންގެ ގައުމަށް ގައްދާރުވުން ބަލައެއް ނުގަނެވޭ."

އުމުރުން 35 އަހަރުގެ ފޯވާޑް ބެންޒެމާ އަކީ އުފަންވީ ފްރާންސްގެ ލިޔޯން އަށެވެ. އޭނާގެ މައިންބަފައިންނަކީ އަލްޖީރިއާ ދަރިކޮޅުގެ ފްރާންސް ރައްޔިތުންނެވެ. ލިޔޯން އިން ކެރިއަރު ފަށައި، ސްޕެއިންގެ ރެއާލް މެޑްރިޑަށް ބަދަލުވީ 2009 ވަނަ އަހަރެވެ.

ރެއާލް މެޑްރިޑަށް 354 ގޯލު ޖަހައިދީ، އެޓީމާ އެކު ފަސް ފަހަރު ޗެމްޕިއަންސް ލީގު ކާމިޔާބު ކުރުމަށް ފަހު ބެންޒެމާ ސައުދީ އަރަބިއްޔާގެ އަލް އިއްތިހާދަށް ބަދަލުވީ މިއަހަރެވެ.

ބެންޒެމާ ވަނީ ފްރާންސްގެ ގައުމީ ޓީމަށް 97 މެޗު ކުޅެދީ، 37 ގޯލު ޖަހައިފަ އެވެ. އަދި މިދިޔަ އަހަރުގެ ފީފާ ވޯލްޑް ކަޕް މުބާރާތަށް ފަހު އޭނާ ވަނީ ގައުމީ ޓީމަށް ކުޅުން ހުއްޓާލައިފަ އެވެ.