Roadha Mihaaru
ރިޓަޔާމަންޓް އިވެންޓަށް ބެންޒެމާ ނުދާނެ

ރިޓަޔާމަންޓް އިވެންޓަށް ބެންޒެމާ ނުދާނެ

24 މާޗް 2023

ޕެރިސް (މާޗު 24) - މިދިޔަ އަހަރުގެ ފީފާ ވޯލްޑް ކަޕަށް ފަހު ފްރާންސްގެ ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން އިއުލާން ކުރި ކެޕްޓަން ހޫގޯ ލޮރިސް އާއި ރަފައެލް ވަރާން އަދި ކަރީމް ބެންޒެމާގެ ރިޓަޔާމަންޓް ފާހަގަކުރަން، މިރޭ ޔޫރޯ ކޮލިފައިން ގައި ނެދަލެންޑްސް އާ ދެކޮޅަށް ފްރާންސް ކުޅޭ މެޗުގެ ކުރިން ދަނޑުގައި ބާއްވާ ހާއްސަ ހަފްލާގައި ބައިވެރި ނުވާނެ ކަމަށް ބެންޒެމާ ބުނެފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

ޕެރިސް (މާޗު 24) - މިދިޔަ އަހަރުގެ ފީފާ ވޯލްޑް ކަޕަށް ފަހު ފްރާންސްގެ ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން އިއުލާން ކުރި ކެޕްޓަން ހޫގޯ ލޮރިސް އާއި ރަފައެލް ވަރާން އަދި ކަރީމް ބެންޒެމާގެ ރިޓަޔާމަންޓް ފާހަގަކުރަން، މިރޭ ޔޫރޯ ކޮލިފައިން ގައި ނެދަލެންޑްސް އާ ދެކޮޅަށް ފްރާންސް ކުޅޭ މެޗުގެ ކުރިން ދަނޑުގައި ބާއްވާ ހާއްސަ ހަފްލާގައި ބައިވެރި ނުވާނެ ކަމަށް ބެންޒެމާ ބުނެފި އެވެ.

މި ހަފްލާ އަށް ބެންޒެމާ އަށް ދިން ދައުވަތުގެ ޖަވާބުގައި އޭނާ އަށް ބައިވެރި ވެވެން ނެތް ކަން އީމެއިލް މެދުވެރިކޮށް އަންގައިފައި ވާކަމަށް ސްޕެއިންގެ ނޫހެއް ކަމަށްވާ ލެކީޕް އިން ވަނީ ރިޕޯޓް ކޮށްފަ އެވެ.

ބެންޒެމާ ބައިވެރި ނުވި ނަމަވެސް މެޗުގެ ކުރިން، ލޮރިސް އާއި ވަރާންގެ އަގުވަޒަން ކުރުން 'ސްޓޭޑް ޑި ފްރާންސް' ގައި ކުރިއަށް ދާނެ އެވެ.

އުމުރުން 35 އަހަރުގައި ބެންޒެމާ ގައުމީ ޓީމުން ރިޓަޔާ ކުރީ މިދިޔަ އަހަރުގެ ވޯލްޑް ކަޕް ފައިނަލް މެޗަށް ފަހު ޖެހިގެން އައި ދުވަހު އޭނާ ސޯޝަލް މީޑިއާގައި ކުރި ޕޯސްޓަކުންނެވެ. ރިޓަޔާ ކުރިއިރު އޭނާ ވަނީ ގައުމީ ޓީމަށް 97 މެޗު ކުޅެދީ، 37 ގޯލު ޖަހައިފަ އެވެ.

އުމުރުން 29 އަހަރުގެ ވަރާން ވަނީ ގައުމީ ޓީމަށް 95 މެޗު ކުޅެދީ، ފަސް ގޯލު ޖަހައިދީފަ އެވެ. އަދި 36 އަހަރުގެ ލޮރިސް ރިޓަޔާ ކުރީ ފްރާންސްގެ ގައުމީ ޓީމަށް އެންމެ ގިނަ މެޗު ކުޅެދިން ކުޅުންތެރިޔާގެ ގޮތުގަ އެވެ. އޭނާ ވަނީ ގައުމީ ޓީމަށް 145 މެޗު ކުޅެދީފަ އެވެ.

މިދިޔަ އަހަރުގެ ފައިނަލް ގައި ކުޅުނު ފްރާންސްގެ ޓީމުގައި ބެންޒެމާ ހިމެނުނު ނަމަވެސް މުބާރާތުގެ މެޗެއްގައި ކުޅެފައެއް ނުވެ އެވެ. ފުރަތަމަ މެޗަށް ނުކުތުމުގެ ކުރިން އޭނާ އަށް އަނިޔާވެ، ދެން ފެންމަތިވީ ކޯޗު ޑިޑިއޭ ޑިޝޯމްޕްސް އާއެކު ބޮޑު މައްސަލަގަނޑެކެވެ.

އޭނާ ގަތަރު ކޭމްޕް ދޫކޮށް ދިޔުމާ ގުޅިގެން ތަފާތު ގޮތްގޮތަށް ވާހަކަ ދެކެވުނެވެ. ފައިނަލް މެޗަށް ފްރާންސްގެ ރައީސް އެމަނުއެލް މެކްރޯން އާއެކު ގަތަރަށް ދާން އޭނާއަށް ދައުވަތު ދިން ނަމަވެސް އޭނާ އެ ދައުވަތު ވެސް ގަބޫލެއް ނުކުރެ އެވެ.

ދާދި ފަހުން ޑިޝޯމްޕްސް ވަނީ، ބެންޒެމާ ގަތަރު ދޫކޮށް ދާން ނިންމި ނިންމުމަކީ އޭނާގެ އަމިއްލަ ނިންމުމެއް ކަމަށް އިންޓަވިއުއެއްގައި ބުނެފަ އެވެ. ނަމަވެސް ބެންޒެމާ ވަނީ އެ އިންޓަވިއު އާ ގުޅިގެން ޑިޝޯމްޕްސް އަކީ ދޮގުވެރިއެއް ގޮތުގައި ސިފަކޮށްފަ އެވެ.

ގައުމީ ޓީމަށް ކުޅުން ހުއްޓާލިއަސް ބެންޒެމާ އަންނަނީ ކްލަބް ލެވެލް ގައި ސްޕެއިންގެ ރެއާލް މެޑްރިޑްގެ ކެޕްޓަންގެ ޒިންމާއާ އެކު އެންމެ މަތީ ފެންވަރުގައި ކުޅެމުންނެވެ. އޭނާ އަކީ ރެއާލް މެޑްރިޑްގެ އެންމެ މުހިއްމު ސްޓްރައިކަރެވެ.