Roadha Mihaaru
ހައުސިންގެ 21 ޕްރޮޖެކްޓެއް، ނިމުނީ ހަ ޕްރޮޖެކްޓް

މި ސަރުކާރުން ފެށީ 21 ހައުސިން ޕްރޮޖެކްޓް، ނިމުނީ ހަ ޕްރޮޖެކްޓް

03 އޮކްޓޯބަރ 2023

މި ސަރުކާރުން ފެށި 21 ހައުސިން ޕްރޮޖެކްޓްގެ މިހާތަނަށް ނިމިފައި ވަނީ ހަ ޕްރޮޖެކްޓެއް ކަމަށް ޕްލޭނިން މިނިސްޓްރީން ހާމަކޮށްފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

މި ސަރުކާރުން ފެށި 21 ހައުސިން ޕްރޮޖެކްޓްގެ މިހާތަނަށް ނިމިފައި ވަނީ ހަ ޕްރޮޖެކްޓެއް ކަމަށް ޕްލޭނިން މިނިސްޓްރީން ހާމަކޮށްފި އެވެ.

މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން "މިހާރު" އިން އެދުނު މައުލޫމާތުގެ ޖަވާބުގައިވާ ގޮތުން، 2019 އިން ފެށިގެން މިއަހަރުގެ ނިޔަލަށް އެ މިނިސްޓްރީން 21 ރަށެއްގައި ހައުސިން ޔުނިޓް އެޅުމުގެ އަމަލީ މަސައްކަތް ފެށި ކަމަށެވެ. އެ ހައުސިން ޔުނިޓްތަކުގެ އަގު 1.9 ބިލިއަން ރުފިޔާ އަށް އަރަ އެވެ.

ޕްލޭނިން މިނިސްޓްރީން އަތޮޅު ތެރޭގައި ހިންގާ އެންމެ ބޮޑު ހައުސިން ޕްރޮޖެކްޓް ހިންގަނީ ހދ. ކުޅުދުއްފުށީގަ އެވެ. ކުޅުދުއްފުށީގައި 400 ހައުސިން ޔުނިޓަށް 440 މިލިއަން ރުފިޔާ ހަރަދު ކުރެ އެވެ. އެ މަސައްކަތް ފެށީ މިދިޔަ އަހަރުގެ ޖުލައި މަހު އެވެ. ދެވަނަ އަށް އެންމެ ބޮޑު މަޝްރޫއުއެއް ހިންގަނީ ގދ. ތިނަދޫގަ އެވެ. އެ ރަށުގައި ހަދާ 200 ހައުސިން ޔުނިޓަށް 254 މިލިއަން ރުފިޔާ ހަރަދު ކުރެ އެވެ.

ސަރުކާރުން މިހާތަނަށް ނިންމާފައި ވަނީ ކުޅުދުއްފުށީގެ 105 ހައުސިން ޔުނިޓާއި ޅ. ނައިފަރާއި ޅ. އޮޅުވެލިފުއްޓާއި ބ. ތުޅާދު އާއި ތ. ތިމަރަފުށި އަދި ހއ. ނޮޅުވަރަންފަރުގައި ވެސް 100 ހައުސިން ޔުނިޓް އަޅައިފަ އެވެ.

ޕްލޭނިން މިނިސްޓްރީން ރަށްރަށުގައި ފެށި ހައުސިން ޕްރޮޖެކްޓްތަކުގެ ތަފްސީލު

ޕްލޭނިން މިނިސްޓްރީން ރަށްރަށުގައި ފެށި ހައުސިން ޕްރޮޖެކްޓްތަކުގެ ތަފްސީލު

ހައުސިން ޔުނިޓް އެޅުމަށްޓަކައި އެންމެ ގިނަ ޕްރޮޖެކްޓް ޕްލޭނިން އިން ހަވާލު ކުރީ ރައްޔިތުންގެ މަޖިލީހުގެ ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު މުހައްމަދު ރަޝީދުގެ ކުންފުނި، ދޮންބޭސް ޕްރައިވެޓް ލިމިޓެޑަށެވެ. އޭނާގެ ކުންފުންޏަށް ހަ ޕްރޮޖެކްޓެއް ހަވާލުކޮށްފައިވެ އެވެ. ދެވަނަ އަށް އެންމެ ގިނަ ޕްރޮޖެކްޓް ހަވާލު ކުރީ އާރްސީސީ އާއި އެސްޖޭ ކޮންސްޓްރަކްޝަނަށެވެ. އޭގެއިން ކޮންމެ ކުންފުންޏަކަށް ފަސް ޕްރޮޖެކްޓް ހަވާލުކުރި އެވެ.

ސަރުކާރުން ހިންގާ ހައުސިން ޔުނިޓް އެޅުމުގެ މަޝްރޫއުގެ ދަށުން ތ. ވިލުފުށީގައި ހިންގާ ޕްރޮޖެކްޓްގެ 66 ޕަަސެންޓް ވަނީ ނިމިފަ އެވެ. ހއ. ދިއްދޫގެ ހައުސިން ޔުނިޓް އެޅުމުގެ މަޝްރޫއުގެ 39 ޕަސެންޓް ނިމުނު އިރު ގއ. ވިލިގިނލީގައި ހިންގާ މަޝްރޫއުގެ 28 ޕަސެންޓް ވަނީ ނިމިފަ އެވެ. ބާކީ ހުރި 14 ޕްރޮޖެކްޓްގެ މަސައްކަތް ގޮސްފައިވާ ހިސާބު އުޅެނީ 20 ޕަސެންޓަށް ވުރެ ދަށުގަ އެވެ.

މި ޕްރޮޖެކްޓްތަކުގެ އިތުރުން ޓެންޑާ މަރުހަލާ އާއި ޓެކްނިކަލް އިވެލުއޭޝަން ޕްރޮސެސްގައި ހައުސިން ޔުނިޓް އެޅުމުގެ ފަސް ޕްރޮޖެކްޓެއް އެބަ އޮތެވެ.