Roadha Mihaaru
މުއިއްޒުގެ ދޮންމަންމާފުޅު ބްލޮކްކުރި މައްސަލަ ބަލަނީ

މުއިއްޒުގެ ދޮންމަންމާފުޅަށް ރާއްޖެ ނާދެވޭގޮތް ހެދީ ގާނޫނާ ހިލާފަށް، މައްސަލަ އެބަ ބަލަން: އިމިގްރޭޝަން

27 ސެޕްޓެމްބަރ 2023

ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ ދޮންމަންމާފުޅަށް ރާއްޖެއަށް ނާދެވޭ ގޮތަށް ރާއްޖޭގެ ގާނޫނުތަކާ ހިލާފަށް ބްލެކް ލިސްޓުކުރި މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށް އިމިގްރޭޝަނުން މިއަދު ބުނެފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ ދޮންމަންމާފުޅަށް ރާއްޖެއަށް ނާދެވޭ ގޮތަށް ރާއްޖޭގެ ގާނޫނުތަކާ ހިލާފަށް ބްލެކް ލިސްޓުކުރި މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށް އިމިގްރޭޝަނުން މިއަދު ބުނެފި އެވެ.

އެ މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށް އިމިގްރޭޝަނުން ބުނީ، މުއިއްޒުގެ ދޮންމަންމާފުޅު، ސްރީ ލަންކާ ރައްޔިތެއް ކަމަށްވާ ސްކީލަން ހުސެއިން، ގާނޫނާ ހިލާފަށް ޑީޕޯޓްކޮށްފައިވާ ކަމަށް ބުނާ މައްސަލަ ތަހުގީގުކުރޭތޯ އިމިގްރޭޝަންގެ މީޑިއާ ގްރޫޕްގައި ނޫސްވެރިޔަކު ސުވާލުކުރުމުންނެވެ.

މީޑިއާ ގްރޫޕަށް ފޮނުވި މެސެޖެއްގައި އިމިގްރޭޝަނުން ބުނީ ގާނޫނާއި ގަވާއިދާ ހިލާފަށް އެ އިދާރާގެ ތެރެއިން، ލަންކާގެ ރައްޔިތެއް ކަމަށްވާ ސްކީލަން އަށް ރާއްޖެ އެތެރެ ނުވެވޭ ގޮތަށް އެންޓްރީ ބްލޮކް ކޮށްފައިވާކަން ސަމާލުކަމަށް އައީ ދާދި ފަހުން ކަމަށެވެ.

"އެ ވަގުތުން ފެށިގެން އެ ކަން ހިނގާފައިވާ ގޮތް މި ދަނީ ބަލައި ތަހުގީގުކުރަމުން،" އެ މެސެޖުގައިވެ އެވެ.

މުއިއްޒުގެ ބައްޕާފުޅު އަވަހާރަވުމަށް ފަހު، ދޮންމަންމާފުޅު ނުހައްގުން ޑީޕޯޓްކޮށްލި ކަމަށް ބުނެ "އަދަދު" ނޫހުން އާންމުކުރި ޑޮކިއުމެންޓްރީއަކަށް ފަހު މުއިއްޒު އިއްޔެ ވިދާޅުވެފައި ވަނީ، ޒާތީ ގޮތުން ޖައްސާލި ނަމަވެސް ހާސްވާން ޖެހޭ ފަދަ އެއްވެސް ކަމެއް ނެތް ކަމަށާއި ޖަވާބު ނުދެވޭނެ އެެއްވެސް ކަމެއް ނޯންނާނެ ކަމަށެވެ. އެ ޑޮކިއުމެންޓްރީގައި މުއިއްޒަށް ތުހުމަތުކޮށް، ދޮންމަންމާފުޅު އެތައް ވާހަކައެއް ދައްކަވަ އެވެ. އޭނާ ވިދާޅުވެފައިވާ ގޮތުން، ޓޫރިސްޓު ވިސާގައި ވެސް ރާއްޖެއަށް އެތެރެނުވެވުނެވެ. އަދި އެކަމާ ގުޅިގެން ކަމާބެހޭ އިދާރާތަކަށް ފޮނުވި ސިޓީތައް ވެސް ވަނީ ހާމަކޮށްފަ އެވެ.

"އެއްވެސް މީހެއްގެ ހައްގަކަށް އަރައި އެއްވެސް މީހަކަށް ދެރައެއް ދީފައި އަނިޔާ ދީފައި ނޯންނާނެ،" މުއިއްޒު ވިދާޅުވި އެވެ.

އެ ކަހަލަ ވާހަކަދައްކަން ވާނީ ރަސްމީ އިދާރާތަކަށް ހުށަހަޅައިގެން، ކަން ވެފައި އޮތްގޮތް ބަލައިފައި ކަމަށާއި ރަސްމީ އިދާރާތަކުން އެ ކަންކަން ބަލަން ވާނީ އިންސާފުން އަދި ސިޔާސީ ނުފޫޒުން އެއްކިބާވެގެން ކަމަށް މުއިއްޒު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އޭރުން ހުރިހާ ދޮގުތަކެއް މާ ބޮޑަށް އާންމުންނަށް އެނގި ހާމަވާނެ ކަމަށެވެ.

ޑޮކިއުމެންޓްތަކުން އެނގޭ ގޮތުގައި ސްކީލަން ރާއްޖޭން ފުރައިގެން ދިއުމާ އެކު އޭނާއަށް ރާއްޖެއަށް ނާދެވޭ ގޮތަށް ހަދާފައިވަނީ "އިލީގަލް ރެކްރޫމަންޓް" ނުވަތަ ގާނޫނާ ހިލާފަށް ރާއްޖޭން ބޭރުން މީހުން ގެންނަ ކަމަށް ތުހުމަތުވާ މައްސަލައެއްގަ އެވެ. އެ މައްސަލަ ބަލާ ކަމަށް ބުނެ ސިޓީއަކުން ސްކީލާން އަށް ޖަވާބު ދީފައި ވިޔަސް އޭނާއާ ގުޅޭ އެފަދަ މައްސަލައެއް ބަލައިފައެއް ނެތެވެ.

ފުލުހުންގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި ސްކީލަން އަށް ކޮށްފައިވާ ތުހުމަތާ ގުޅޭ މައްސަލައެއް ފުލުހުންނަށް ވެސް އެއްވެސް އިރަކު ހުށަހަޅައިފައެއް ނުވެ އެވެ. އަދި އޭނާއާ ގުޅޭ އެފަދަ މައުލޫމާތެއް ވެސް ލިބިފައެއް ނުވެ އެވެ.