Roadha Mihaaru
އަރަބިއްޔާ/ގާކޮށި މީހުންނަށް ލުޔެެއް؛ 50ފްލެޓް ދެނީ

ބޮޑު އިންޓްރެސްޓްގައި އަރަބިއްޔާ އާއި ގާކޮށި ފްލެޓް ގަތް މީހުންނަށް ފަހިދިރިއުޅުމުގެ 50 ފްލެޓް ދޭން ނިންމައިފި

23 ސެޕްޓެމްބަރ 2023

ސަރުކާރުން 2010 ގައި ހުޅުވާލި އިޖުތިމާއީ ބޯހިޔާވަހިކަމުގެ މަޝްރޫއަށް ކުރިމަތިލައި ޝަރުތު ހަމަވެ އަރަބިއްޔާ ގާކޮށި ފްލެޓް ބޮޑު އިންޓްރެސްޓްގައި ލޯނު ނަގައިގެން ގަންނަން ޖެހުނު އާއިލާތަކުން އެދުނު ލުއި ހޯދައި ދިނުމުގެ ގޮތުން މި ސަރުކާރުން ހުޅުމާލޭގައި އަޅަމުން އަންނަ ފަހިދިރިއުޅުމުގެ ފްލެޓްތަކުގެ ތެރެއިން 50 ފްލެޓް ދޭން ސަރުކާރުން ނިންމައިފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ސަރުކާރުން 2010 ގައި ހުޅުވާލި އިޖުތިމާއީ ބޯހިޔާވަހިކަމުގެ މަޝްރޫއަށް ކުރިމަތިލައި ޝަރުތު ހަމަވެ އަރަބިއްޔާ ގާކޮށި ފްލެޓް ބޮޑު އިންޓްރެސްޓްގައި ލޯނު ނަގައިގެން ގަންނަން ޖެހުނު އާއިލާތަކުން އެދުނު ލުއި ހޯދައި ދިނުމުގެ ގޮތުން މި ސަރުކާރުން ހުޅުމާލޭގައި އަޅަމުން އަންނަ ފަހިދިރިއުޅުމުގެ ފްލެޓްތަކުގެ ތެރެއިން 50 ފްލެޓް ދޭން ސަރުކާރުން ނިންމައިފި އެވެ.

ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަދި ފްލެޓާއި ގޯތި ކޮމިޓީގެ ޗެއާމަން އަކްރަމް "މިހާރު"އަށް ވިދާޅުވީ ބޮޑު އިންޓްރެސްޓްގައި ލޯނު ނަގައިގެން އިޖުތިމާއީ ބޯހިޔާވަހިކަމަށް ދާން މަޖުބޫރުކުރުވި އާއިލާތަކަށް ހައްލެއް ހޯދަން މި ސަރުކާރުން މަސައްކަތް ކުރަމުން އަޔަސް ބޭންކްގެ ތެރެއިން އެކަން ނުވި ކަމަށެވެ. އެހެންވެ އެ އާއިލާތަކަށް މީގެ ކުރިން އޮންނާނީ ސަރުކާރުން އެންމެ އަވަހަށް ކުރިއަށް ގެންދާ ސްކީމަކުން ފްލްޓް ދޭނެ ކަމުގެ ލިއުމެއް ދީފައި ކަމަށް ވިދާޅުވި އެވެ.

"އެ މީހުންނަށް އޮންނާނެ ސަރުކާރުގެ ރަސްމީ ލިއުމެއް [ސިޓީއެއް] ދީފައި އެއިން ކޮންމެ މީހަކަށް މި ސަރުކާރުން ހިންގާ ބޯހިޔާވަހިކަމުގެ ސްކީމުގައި ފުރަތަމަ އެޅޭ ފްލެޓްތަކުން ފްލެޓް ދޭނެ ކަމަށް. އެހެންވެ ރައީސްގެ ނިންމެވުމަކީ ފަހި ދިރިއުޅުމުގެ ތެރެއިން މިހާރު ހުޅުމާލޭގައި އަޅަމުން އަންނަ ފްލެޓްތަކުގެ ތެރެއިން ފްލެޓް ހަމަޖައްސައިދިނުން،" އަކްރަމް ވިދާޅުވި އެވެ.

ގާކޮއްޓާއި އަރަބިއްޔާ ފްލެޓް، 47 އާއިލާއަކަށް ގަންނަން މަޖުބޫރުވީ ކޮމާޝަލް ލޯން ނަގައިގެންނެވެ.

ވެށިފަހި މަޝްރޫއު އެމްޑީޕީގެ ސަރުކާރުން 2010 ގައި ހުޅުވާލި އިރު ޔަގީން ކަން ދީފައި އޮތީ ދިގު މުއްދަތަކުން ފައިސާ ދައްކައި ޚަލާސްކުރާ ގޮތަށް ހެޔޮ އަގެއްގައި ފްލެޓް ދޫކުރާނެ ކަމަށެވެ. އެ ފްލެޓްތަކުގެ ޑައުންޕޭމަންޓަށް 28،000 ރުފިޔާ ދައްކައި 20 އަހަރު ދުވަހުން ފައިސާ ދައްކައި ޚަލާސްކުރާ ގޮތަށް ހަމަޖެހޭނެ ކަމަށާއި އެއީ، ގާތްގަނޑަކަށް މަހަކަށް މަދުވެގެން 7،000 ރުފިޔާ ކަމަށް އެ އާއިލާތަކަށް އޭރު ޔަގީންކަން ދިނެވެ.

އެކަމަކު ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ނިންމީ، ފްލެޓްތަކުގެ އަގުގެ ގޮތުގައި ދެ މިލިއަން ރުފިޔާ އެއްފަހަރާ ދައްކަން ޖެހޭ ގޮތަށެވެ. އެ އާއިލާތަކަށް 2016 ގައި މިގޮތަށް އެންގި ނަމަވެސް މިއީ، އާއްމުކޮށް ސޯޝަލް ހައުސިން ސްކީމްތަކުގައި އަމަލުކުރާ ގޮތެއް ނޫނެވެ.

ފްލެޓްތަކަށް ދެ މިލިއަން އެއްފަހަރާ ދައްކަން ޖެހުމުގެ ކަންބޮޑުވުމުގައި ތިއްބައި ފްލެޓްތައް 2017 ގައި ބަދަލުކުރީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ދަށަށެވެ. އެ ތަނުން އެންގީ، ފަސް އަހަރުން ދެ މިލިއަން ރުފިޔާ ދައްކާ އަގު ޚަލާސްކުރާ ގޮތަށް މަހަކު 33،000 ރުފިޔާ ދެއްކުމަށެވެ. އެޗްޑީސީން ނިންމީ އެ އަގަށް އެއްބަސްނުވާ މީހުންގެ ފްލެޓް ވިއްކާލާށެވެ.

އެހެންވެ ދެގުނަބޮޑުކޮށް ބޭންކްތަކުން ކޮމާޝަލް ލޯނު ނެގީ 9-11 ޕަސެންޓު އިންޓްރެސްޓުގައި 15-20 އަހަރުން ދައްކާ ގޮތަށެވެ.

މިކަމަށް ލުޔެއް ހޯދައިދޭން އާއިލާތަކުން މި ސަރުކާރަށް ހުށަހެޅީ ވެށިފަހި މަޝްރޫއު ހުޅުވާލި އިރު، ފްލެޓްތަކަށް ފައިސާ ދައްކަން ނިންމި އަގު ކަނޑައެޅުމެވެ. އަދި މިހާރު އެ އާއިލާތަކުން ނަގާފައިވާ ލޯނުތަކާ ސަރުކާރުން ހަވާލުވުމެވެ. އަނެއް ގޮތަކީ، އެ މީހުން ނެގި ލޯނު ރީސްޓްރަކްޗާކޮށް ލުއި ގޮތެއް ހަމަޖައްސައި ދިނުމެވެ.

އިޖުތިމާއީ ބޯހިޔާވަހިކަމުގެ ސްކީމްގެ ދަށުން، އެންމެ އަވަހަށް މާލެ ސަރަހައްދުން ދޫކުރާ ތިން ކޮޓަރީގެ އެޕާޓްމެންޓް އެ ފަރާތްތަކަށް ލިބޭނެ ކަމުގެ ޔަގީންކަން ދިނުމަކީ ވެސް ސަރުކާރަށް ކުރެވިދާނެ ކަމެއްގެ ގޮތުގައި އާއިލާތަކުން އޮތީ ހުށަހަޅައިފަ އެވެ.

އަކްރަމް ވިދާޅުވީ ކުރީގެ ސަރުކާރުން އެކި މީހުންނަށް އެކި ޕަސެންޓްގައި ލޯނު ހަމަޖައްސައިދީފައިވާއިރު، ބޭންކްތަކާ ވާހަކަދައްކައިގެން 11 ޕަސެންޓް ކުޑަކުރަން މި ސަރުކާރުން ވާހަކަ ދެއްކި ކަމަށާއި އެކަމަކު އެކަމަށް ހައްލެއް ނުލިބުނު ކަމަށެވެ. އިޖުތިމާއީ ބޯހިިޔާވަހިކަމުގެ ސްކީމުން އެހެން ފްލެޓެއްގެ ފުރުސަތު ދޭން ސަރުކާރުން ނިންމީ އެ މީހުންނަށް ހޯދައިދެވެން އޮތް އެންމެ ރަނގަޅު ލުޔަށް ވާތީ ކަމަށް އަކްރަމް ވިދާޅުވި އެވެ.

އިންޑިއާގެ ޓާޓާ ކުންފުންޏަށް ދީގެން ހެދި އެ ފްލެޓްތަކުގެ އަގަކީ ސޯޝަލް ހައުސިންއަށް އެކަށީގެންވާ ވަރަށް ވުރެ ބޮޑު އަގެއް ކަމަށާއި އެ ފްލެޓް ގަންނަން މީހުން ނެގި ލޯނުތައް ދައްކަން ފަސޭހަ ގޮތެއް ހަމަޖައްސައި، ފްލެޓަށް ދައްކަން ޖެހޭ އަގު ކުޑަކުރެވޭނެ ގޮތެއް ބަލައިދޭނެ ކަަމަށްރިޔާސީ އިންތިހާބަށް ޕީއެންސީގެ ޓިކެޓުގައި ވާދަކުރައްވާ އޭރުގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފަ އެވެ.

އެކަމަކު މިނިސްޓަރަކަށް ހުންނެވި އިރު ވިދާޅުވީ އެ އަގަކީ ސަރުކާރުން އެތަނަށް ކުރަންޖެހުނު ހަރަދާ އަޅާބަލާއިރު ބޮޑު އަގެއް ނޫން ކަމަށެވެ. އެހެންވެ، މުއިއްޒުގެ ވާހަކަތަކަށް ފާޑުވިދާޅުވެ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ އެއީ ހައުސިން މިނިސްޓަރަކަށް ހުންނަވައިގެން މުއިއްޒު ކުރެއްވި ކަމެއް ނޫންތޯ ސުވާލު އުފައްދަވައިފަ އެވެ.

އެ ވާހަކައާ ގުޅިގެން އަކްރަމް ތުހުމަތުކުރެއްވި ގޮތުގައި ފްލެޓްތަކުގެ ހަރަދު ބޮޑުވީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރަށް ފަހު އޭރު ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މިނިސްޓްރީއާ ހަވާލުވެ ވަޑައިގެން އެ ޕްރޮޖެކްޓް މަސައްކަތް އެތައް ދުވަހަކަށް ހުއްޓާލާފައި އޮތުމަށް ފަހު ހެދި ޑީލަކުން އަލުން ފެށުމުން ކަމަށެވެ.