Roadha Mihaaru
މުއިއްޒުގެ ސުވާލެއް: ވެންޓިލޭޓަރުތަކުގެ ފައިސާ ކޮބާ؟

މުއިއްޒުގެ ސުވާލެއް: ވެންޓިލޭޓަރުތަކުގެ ފައިސާ ކޮބާ؟

21 ސެޕްޓެމްބަރ 2023

ކޮވިޑް-19 އާ ގުޅިގެން ވެންޓިލޭޓަރުތައް ގަންނަން ދުބާއީގެ ކުންފުންޏަކަށް މި ސަރުކާރުން ދޫކުރި 31 މިލިއަން ރުފިޔާ އަށް ވީ ގޮތުގެ ޖަވާބު ނުދީ، ވެރިކަމަށް ކުރިމަތިލެއްވުމުގެ ހެޔޮ ނިޔަތެއް ވެސް މި ސަރުޖާރާއި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ނެތް ކަމަށް އިދިކޮޅު ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.

ކޮވިޑް-19 އާ ގުޅިގެން ވެންޓިލޭޓަރުތައް ގަންނަން ދުބާއީގެ ކުންފުންޏަކަށް މި ސަރުކާރުން ދޫކުރި 31 މިލިއަން ރުފިޔާ އަށް ވީ ގޮތުގެ ޖަވާބު ނުދީ، ވެރިކަމަށް ކުރިމަތިލެއްވުމުގެ ހެޔޮ ނިޔަތެއް ވެސް މި ސަރުޖާރާއި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ނެތް ކަމަށް އިދިކޮޅު ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.

ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓް އެހެން ވިދާޅުވީ ރ. ހުޅުދުއްފާރުގައި ބޭއްވި ކެމްޕެއިން ޖަލްސާގަ އެވެ.

މުއިއްޒު ވިދާޅުވީ، ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް އަށް ސަރުކާރުން ދޫކުރި 31 މިލިއަން ރުފިޔާ އަށް ވީ ގޮތް ބަލައި ރައްޔިތުންނަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ޖަވާބުދާރީވާން ޖެހޭ ކަމަށެވެ.

"މި އަށް ޖަވާބު ނުދީ ރައްޔިތުންގެ ގާތަށް ވޯޓު ހޯދަން ސަރުކާރުން އައީމާ އެ މޯރަލް އޮތޯރިޓީ ވެސް ނެތެއް ނޫންތޯ؟ ރައްޔިތުންނަށް އެބަ އެނގެން ޖެހޭ ރައްޔިތުންގެ 30 މިލިއަން ރުފިޔާ އަށް ވީ ގޮތާއި ނުލިބުނު ވެންޓިލޭޓަރުތައް ވީ ތަނަކާ. މި ހިސާބުގައި ކޮރަޕްޝަން މި ސަރުކާރުގައި މި ހުރީ،" މުއިއްޒު ވިދާޅުވި އެވެ.

ފިނޭން މިނިސްޓަރު އިބްރާހިމް އަމީރު މީގެ ހައެއްކަ މަސް ކުރިން ރައްޔިތުންގެ މަޖިލިހުގައި ވިދާޅުވެފައި ވަނީ ވެންޓިލޭޓަރުތައް ނުލިބުމުން ދައުލަތަށް ގެއްލުނު ފައިސާ އަނބުރާ ހޯދަން ވަނީ އާބިޓްރޭޝަނަށް މައްސަލަ ހުށަހަޅާފައި ކަމަށެވެ. އޭނާގެ އުއްމީދަކީ އާބިޓްރޭޝަނުން ދިވެހި ސަރުކާރާ އެއްކޮޅަށް ނިމި އެ ކުންފުނީގެ އަތުން ފައިސާ އަނބުރާ ލިބުމުން ކަމަށް ވިދާޅުވި އެވެ.

މި އަށް ޖަވާބު ނުދީ ރައްޔިތުންގެ ގާތަށް ވޯޓު ހޯދަން ސަރުކާރުން އައީމާ އެ މޯރަލް އޮތޯރިޓީ ވެސް ނެތެއް ނޫންތޯ؟"--- މުއިއްޒު

ކޮވިޑުގެ ފަރުވާއަށް 75 ވެންޓިލޭޓަރު ހޯދުމަށް، ބޭންކް ގެރެންޓީއަކާ ނުލައި އެއްފަހަރާ އެހާ ބޮޑު އަދަދެއް ދޫކުރީ ކުންފުންޏާ ބެހޭ ތަފްސީލެއް ނުހޯދައި ކަން އޮޑިޓް އޮފީހުގެ ރިޕޯޓާއި އޭސީސީގެ ތަހުގީގު ރިޕޯޓުން އެނގެ އެވެ.

މުއިއްޒު ރޭ ދެން ފާޑުވިދާޅުވީ، މާލެ-ވިލިމާލެ ބްރިޖުގެ މަސައްކަތަށެވެ.

މުއިއްޒު ވިދާޅުވި ގޮތުގައި، ތިލަމާލެ ބްރިޖުގެ އަދި ނިމުމަކާ ގާތް ވެސް ނުވާއިރު، މިދިޔަ ތިން އަހަރެއްހާ ދުވަހުގެ ތެރޭގައި އޭގެ ތެރެއިން 190 މިލިއަން ޑޮލަރު ހޭދަކޮށްފި އެވެ. އެކަމަކު، އެ މަސައްކަތުގެ އެއްވެސް ޕްރޮގްރެސްއެއް ނުފެނެ ކަމަށް ވިދާޅުވި އެވެ.

"އެންމެ ތަނބެއް ވެސް ނެތެއް ނޫންތޯ؟ ރައީސް ޔާމީންގެ ވެރިކަމުގައި މާލެ އާއި ހުޅުލެއާ ދޭތެރޭގައި އެޅި ބްރިޖް. އެއީ ވެސް 190 މިލިއަން ޑޮލަރު. ސަތޭކަ ނުވަދިހަ މިލިއަން ޑޮލަރު ހަރަދު ކޮށްގެން ބްރިޖު އެ އޮތީ ފެންނަން. މި ސަރުކާރުން އަޅާ ބްރިޖު، 190 މިލިއަން ޑޮލަރަށް ވީ ގޮތެއް ނޭނގޭ. ބްރިޖު ވެސް ނެތް،" މުއިއްޒު ވިދާޅުވި އެވެ.

ހުޅުދުއްފާރުގައި ރޭ ބޭއްވި ކެމްޕެއިން ޖަލްސާގައި މުއިއްޒު ވާހަކަ ދައްކަވަނީ.---ފޮޓޯ: ޕީޕީއެމް

ހުޅުދުއްފާރުގައި ރޭ ބޭއްވި ކެމްޕެއިން ޖަލްސާގައި މުއިއްޒު ވާހަކަ ދައްކަވަނީ.---ފޮޓޯ: ޕީޕީއެމް

"މި ހުރި ސުވާލުތަކަށް ޖަވާބު ނުދީ، ރައްޔިތުންގެ ގާތަށް އައިސް ދެ ވަނަ ދައުރެއްގެ ވާހަކަ ދެއްކީމާ ރައްޔިތުން ސުވާލު ކުރަންޖެހޭ. މިއީ ސީރިއަސް ވާހަކަ."

މުއިއްޒު ވިދާޅުވީ، މި މަހުގެ 30 ގައި ބާއްވާ ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރަކީ ކޮރަޕްޝަނާއި އުމްރާނީ ތަރައްގީގެ މައްސަލަތަކާއި ރާއްޖޭގެ މިނިވަންކަމާ ގުޅޭ ގޮތުން މި ސަރުކާރު ޖަވާބުދާރީ ކުރުވަން ލިބޭ ފުރުސަތެއް ކަމަށެވެ.