Roadha Mihaaru
"ބަރުލަމާނީ ނިޒާމުގެ ވާހަކަ ފެށީ ރައީސް ބަލިވާނެތީ"

އެމްޑީޕީން ބަރުލަމާނީ ނިޒާމުގެ ވާހަކައަށް ދީލާލީ ރައީސް ބަލިވާނެކަން އެނގޭތީ: އާދަމް ޝަރީފް

21 ސެޕްޓެމްބަރ 2023

ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގެ ވޯޓު ލުން ބޯމަތިވެފައި ވަނިކޮށް، ޑިމޮކްރެޓްސް ޕާޓީއާ ގުޅިގެން އެމްޑީޕީން ބަރުލަމާނީ ނިޒާމުގެ ވާހަކަ ކުއްލި ގޮތަކަށް ފެށީ ދެ ވަނަ ބުރުން ވެސް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ދަށް ނަތީޖާއެއް ލިބި ބަލިވާނެކަން އެނގޭތީ ކަމަށް ޕީއެންސީގެ ނައިބު ރައީސް އާދަމް ޝަރީފް ރޭ ވިދާޅުވެއްޖެ އެވެ.

ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގެ ވޯޓު ލުން ބޯމަތިވެފައި ވަނިކޮށް، ޑިމޮކްރެޓްސް ޕާޓީއާ ގުޅިގެން އެމްޑީޕީން ބަރުލަމާނީ ނިޒާމުގެ ވާހަކަ ކުއްލި ގޮތަކަށް ފެށީ ދެ ވަނަ ބުރުން ވެސް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ދަށް ނަތީޖާއެއް ލިބި ބަލިވާނެކަން އެނގޭތީ ކަމަށް ޕީއެންސީގެ ނައިބު ރައީސް އާދަމް ޝަރީފް ރޭ ވިދާޅުވެއްޖެ އެވެ.

މި މަހުގެ 9 ގައި ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ހޯއްދެވުނީ 86،161 ވޯޓެވެ. އިދިކޮޅު ކެންޑިޑޭޓް ޕީޕީއެމް/ޕީއެންސީގެ ޑރ. މުހައްމަދު މުއިއްޒު 101،635 ވޯޓު ހޯއްދެވި އެވެ. އެހެންވެ، މި މަހުގެ 30 ގައި ބާއްވާ ދެ ވަނަ ބުރުގެ ވޯޓު ލުމުގެ ކުރިން އެ ދެ ބޭފުޅުން ވެސް ވަނީ ކެމްޕެއިން ފޯރު އިހުނަށް ވުރެ ވަރުގަދަ ކުރައްވައިފަ އެވެ.

ރ. ހުޅުދުއްފާރުގައި ރޭ ބޭއްވި މުއިއްޒުގެ ކެމްޕެއިން ޖަލްސާގައި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ވިދާޅުވީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހުންނެވީ އިންތިހާ އަށް ވެރިކަން ބޭނުންފުޅު ވެފައި ކަމަށާއި އެހެންވެ، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިސްނުންފުޅާ އެއްގޮތަށް ދީލާލެއްވީ ދެ ވަނަ ބުރު ވެސް ކާމިޔާބު ނުވާނެކަން ޔަގީން ވާތީ ކަމަށެވެ.

ހުޅުދުއްފާރުގައި ރޭ ބޭއްވި މުއިއްޒުގެ ކެމްޕެއިން ޖަލްސާގައި ބައިވެރިވި ބައެއް މީހުން.---ފޮޓޯ: ޕީޕީއެމް

ހުޅުދުއްފާރުގައި ރޭ ބޭއްވި މުއިއްޒުގެ ކެމްޕެއިން ޖަލްސާގައި ބައިވެރިވި ބައެއް މީހުން.---ފޮޓޯ: ޕީޕީއެމް

"އެހެންވީމާ އަޅުގަނޑުމެން އެބަޖެހޭ ވަރަށް ވަރުގަދަ އަށް، ފަރަށް ފޯރިލާފައި މި އިންތިހާބުގައި ބޮޑު ތަނުން އަޅުގަނޑުމެންގެ ޕާޓީ އަށް، ޑރ. މުހައްމަދު މުއިއްޒަށް ކާމިޔާބު ކޮށްދިނުމަށް މަސައްކަތްކޮށް، އެމްޑީޕީ ގާތު ބުނަން ބަރުލަމާނީއަކަށް، ދަ ޑިމޮކްރެޓްސް ގާތު ބުނަން ބަރުލަމާނީއަކަށް އަޅުގަނޑުމެން އަދި ވާހަކަ ދައްކާކަށް ތައްޔާރެއް ނޫނޭ،" ކުރީގެ ޑިފެންސް މިނިސްޓަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ވެރިކަން ކުރާ ނިޒާމު ބަދަލުކުރާ ވާހަކަ ދައްކަނީ ދިވެހިންގެ މުސްތަގުބަލް ބަނަކޮށް އަދި ބިރުވެރިކަން އުފައްދާށެވެ.

ހުޅުދުއްފާރުގައި ރޭ ބޭއްވި މުއިއްޒުގެ ކެމްޕެއިން ޖަލްސާގައި ބައިވެރިވި ބައެއް މީހުން.---ފޮޓޯ: ޕީޕީއެމް

ހުޅުދުއްފާރުގައި ރޭ ބޭއްވި މުއިއްޒުގެ ކެމްޕެއިން ޖަލްސާގައި ބައިވެރިވި ބައެއް މީހުން.---ފޮޓޯ: ޕީޕީއެމް

"އަޅުގަނޑުމެންނަށް މި ވަގުތު ކުރެވެން އޮތް އެންމެ މުހިންމު ކަމަކީ މި ވޯޓުގައި ބޮޑު ތަފާތަކުން އަޅުގަނޑުމެން ކާމިޔާބުކޮށް، ހުރިހާ ގޮތަކުން، އެއްވެސް ހާލެއްގައި އެމްޑީޕީ އަށް އަޅުގަނޑުމެންނާ ވާދަނުކުރެވޭ ވަރުގެ ބޮޑު ފަރަގެއް އަޅުގަނޑުމެން ދެއްކުން،" އާދަމް ޝަރީފް ވިދާޅުވި އެވެ.

"އަޅުގަނޑުމެން އެބަޖެހޭ ކޮންމެ ގޮތެއް ހަދައިގެން ވެސް ކުރިއަށް އޮތް ފަސް އަހަރަކީ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަން ވެރިކަން ކުރާނެ ފަސް އަހަރު ކަމަށް ހަދަން. މި ގައުމުގައި ހަމަޖެހުން ބާއްވަން އެބަ މަސައްކަތް ކުރަންޖެހޭ. އެއްވެސް ހާލެއްގައި އަޅުގަނޑުމެންނެއް ދެނެއް އެމްޑީޕީ އަށް މި ފުރުސަތު ދޭކަށް، އެހެން ބަޔަކަށް ވެރިކަމުގެ ފުރުސަތު ދޭކަށް ވިސްނައިގެން ނުވާނެ."

އާދަމް ޝަރީފް ވިދާޅުވި ގޮތުގައި މުއިއްޒަށް ވެރިކަން ހޯދައި ދިނުމަކީ ރާއްޖޭގެ މުސްތަގުބަލާއި އަމާންކަމާއި މިނިވަންކަމަށްޓަކައި ކޮންމެހެން ކުރަންޖެހޭ ކަމެކެވެ.

އޭނާ ވަނީ ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރު މިހާ ކައިރިވެފައި ވަނިކޮށް، ކުއްލި ގޮތަކަށް ބަރުލަމާނީ ނިޒާމުގެ ވޯޓުގެ ބަހުސް ފެށުމުން ސުވާލު އުފައްދަވައިފަ އެވެ.

އަޅުގަނޑުމެންނަށް މި ވަގުތު ކުރެވެން އޮތް އެންމެ މުހިންމު ކަމަކީ މި ވޯޓުގައި ބޮޑު ތަފާތަކުން އަޅުގަނޑުމެން ކާމިޔާބުކޮށް، ހުރިހާ ގޮތަކުން، އެއްވެސް ހާލެއްގައި އެމްޑީޕީ އަށް އަޅުގަނޑުމެންނާ ވާދަނުކުރެވޭ ވަރުގެ ބޮޑު ފަރަގެއް އަޅުގަނޑުމެން ދެއްކުން،"--- އާދަމް ޝަރީފް

ބަރުލަމާނީ ނިޒާމު ގެނައުން ކާމިޔާބު ވިޔަ ނުދިނުމަށް މަސައްކަތް ކުރަން އާދަމް ޝަރީފް އެދިވަޑައިގެންނެވިއިރު، ވެރިކަން ކުރުމުގެ ނިޒާމު ބަދަލުކުރުމުގެ ވޯޓު އަންނަ އޮކްޓޫބަރު މަހުގެ 30 ގައި ނަގަން ރައްޔިތުންގެ ހިޔާލު ހޯދަން ސީދާ ރައްޔިތުންގެ މަޖިލީހުން އިލެކްޝަންސް ކޮމިޝަން (އީސީ) އަށް އަންގާ ގޮތަށް ޑިމޮކްރެސްޓްގެ މެމްބަރު އިލްޔާސް ލަބީބް ހުށަހެޅުއްވި ގަރާރު ރައްޔިތުންގެ މަޖިލިހުން އިއްޔެ ވަނީ ފާސްކޮށްފަ އެވެ.

އެ ގަރާރު ފާސްކުރީ އެމްޑީޕީގެ ފުރިހަމަ ބައިވެރިވުމާ އެކު އެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި އަބަދުވެސް ބަރުލަމާނީ ނިޒާމު ގެނައުމާ ދެކޮޅަށް އެ މަނިކުފާނު ވާހަކަފުޅު ދެއްކެވި ނަމަވެސް ޑިމޮކްރެޓްސްގެ ފިއްތުންތަކާ ހެދި ދޫދެއްވީ ކަމަށް ބުނެ ބައެއް މީހުން ގެންދަނީ ފާޑުކިޔަމުންނެވެ. އިންތިހާބުގެ ދެ ވަނަ ބުރުގައި ޑިމޮކްރެޓްސް އިން ރައީސަށް ތާއީދުކުރުން ބިނާވެފައިވާ އެއްކަމަކީ ވެސް ބަރުލަމާނީ ނިޒާމު ގެނައުމާ މެދު އެމްޑީޕީން ގެންގުޅޭ ސިޔާސަތެކެވެ.