Roadha Mihaaru
ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓަކަށް މުއިއްޒު ހޮވައިފި

ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓަކަށް ޑރ. މުއިއްޒު ހޮވައިފި

03 އޯގަސްޓް 2023

ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓަކަށް މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު 25 ވޯޓުން ދެންމެ ކަނޑައަޅައިފި އެވެ.

އަހުމަދު ހަމްދޫން އަހުމަދު ހަމްދޫން

ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓަކަށް މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު 25 ވޯޓުން ދެންމެ ކަނޑައަޅައިފި އެވެ.

ޕީޕީއެމާ އެކު ކޯލިޝަނެއްގެ ގޮތުގައި މަސައްކަތް ކުރާ ޕީއެންސީ އަށް ރިޔާސީ ޓިކެޓް ދޭން ނިންމީ ހަވީރު ބޭއްވި އެ ޕާޓީގެ މަޝްވަރާ މަޖިލިހުގެ ބައްދަލުވުމުގައި ނެގި ސިއްރު ވޯޓުގަ އެވެ.

މުއިއްޒާ ވާދަކުރެއްވި މަޑުއްވަރީ ދާއިރާގެ މެމްބަރަށް ލިބިވަޑައިގަތީ 23 ވޯޓެވެ. މި ވޯޓުގައި ބައިވެރިވެވަޑައިގަތީ 48 މެމްބަރުންނެވެ.

ޕީއެންސީން ރިޔާސީ ކެންޑިޑޭޓަކު ވާދަކުރައްވަން ނިންމީ ޕީޕީއެމްގެ ކެންޑިޑޭޓް ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް އަންނަ މަހުގެ 9 ގައި ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަނުކުރެއްވޭނެ ހާލަތެއް މެދުވެރިވެއްޖެ ނަމަ އޭގެ ބަދަލުގަ އެވެ. ޔާމީންގެ ކެންޑިޑެސީ ފޯމު އިލެކްޝަންސް ކޮމިޝަނުން ބަލައިނުގަތް މައްސަލަ އޮތީ ސުޕްރީމް ކޯޓުގަ އެވެ. އެ މައްސަލައިގެ ފުރަތަމަ އަޑުއެހުން މާދަމާ މެންދުރުފަހު ތިނެއް ޖަހާއިރު ސުޕްރީމް ކޯޓުގައި އޮންނާނެ އެވެ.

މިއަދުގެ ވޯޓަށް ފަހު އާދަމް ޝަރީފް، މުއިއްޒަށް މަރުހަބާ ވިދާޅުވެ ސަލާމް ކުރައްވަނީ.---ފޮޓޯ: ނިޝާން އަލީ| މިހާރު

މިއަދުގެ ވޯޓަށް ފަހު އާދަމް ޝަރީފް، މުއިއްޒަށް މަރުހަބާ ވިދާޅުވެ ސަލާމް ކުރައްވަނީ.---ފޮޓޯ: ނިޝާން އަލީ| މިހާރު

ޕީއެންސީގެ ރައީސް އަބްދއްރަހީމް އަބްދުﷲ މިއަދު ވިދާޅުވީ، ސުޕްރީމް ކޯޓުން ޔާމީނަށް ކާމިޔާބު ވެއްޖެ ނަމަ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓްގެ ނަން އަނބުރާ ގެންނާނެ ކަމަށެވެ.

ޕީއެންސީގެ ރިޔާސީ ޓިކެޓް ކާމިޔާބު ކުރެއްވި މުއިއްޒަކީ މިއަދާ ހަމައަށް ޕީޕީއެމްގެ ލީޑަޝިޕްގެ ބޭފުޅަކަށް ވިޔަސް އިންތިހާބުގައި ވާދަކުރައްވަން ޕީއެންސީއާ މިއަދު ގުޅިވަޑައިގަތީ އެވެ.

ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓަކާއި ރަނިންމޭޓަކު ދައްކައި ދިނުމަށް ތިން ފަހަރެއްގެ މަތިން ޕީޕީއެމް/ޕީއެންސީގެ ލީޑަޝިޕުން ޔާމީންގެ އަރިހުގައި އެދުނަސް އެ މަނިކުފާނު އެ ކަން ދޫކޮށްލެއްވީ ޕީއެންސީއަށެވެ. އެހެންވެ، އެ ޕާޓީން ރިޔާސީ ކެންޑިޑޭޓް ހޮވީ އަމިއްލަ އަށެވެ.

މި ފަހަރުގެ ރިޔާސީ އިންތިހާބަށް ނަން ހުށަހެޅުމުގެ ފަހު ދުވަހަކީ އަންނަ ހޮނިހިރު ދުވަހެވެ.