Roadha Mihaaru
މުއިއްޒު ނެގީ ޔާމީންގެ "ޖާގަ"އެއްނޫން، ފިލާވަޅުތައް

މުއިއްޒު ނެގީ ޔާމީންގެ "ޖާގަ" އެއް ނޫން، ލިބުނު ފިލާވަޅުތައް

11 އޯގަސްޓް 2023

އަލިމަސް ކާނިވާ ސަރަހައްދުގައި އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުގެ އެތައް ސަތޭކަ ސަޕޯޓަރުން ރޭ އެއްވެ ތިބީ އެ މީހުންގެ ރިޔާސީ ކެންޑިޑޭޓުގެ އިންތިޒާރުގަ އެވެ. ފާއިތުވި ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ހާއްސަކޮށް އިދިކޮޅު ކޯލިޝަނުގެ ތެރޭގައި ކަން ހިނގައިދިޔަ ގޮތް ނޭނގޭ މީހަކަށް ކެންޑިޑޭޓަކީ ކާކުކަން އޮޅިދާނެ އެވެ.

މުހައްމަދު ވިޝާމް މުހައްމަދު ވިޝާމް

އަލިމަސް ކާނިވާ ސަރަހައްދުގައި އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުގެ އެތައް ސަތޭކަ ސަޕޯޓަރުން ރޭ އެއްވެ ތިބީ އެ މީހުންގެ ރިޔާސީ ކެންޑިޑޭޓުގެ އިންތިޒާރުގަ އެވެ. ފާއިތުވި ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ހާއްސަކޮށް އިދިކޮޅު ކޯލިޝަނުގެ ތެރޭގައި ކަން ހިނގައިދިޔަ ގޮތް ނޭނގޭ މީހަކަށް ކެންޑިޑޭޓަކީ ކާކުކަން އޮޅިދާނެ އެވެ.

އެތަނުގައި ތިބި ސަޕޯޓަރުން އިންތިޒާރުކޮށްގެން ތިބީ އެ މީހުންގެ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ވަޑައިގެން ޖަގަހަ ހުޅުވައި ދެއްވާނެ ވަގުތަށެވެ. އެކަމަކު ޖަގަހަ ބޭރުގައި ޖަހާފައި ހުރީ އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ބިޔަ ފޮޓޯ އެކެވެ. މުއިއްޒު ވަޑައިގެން، އެތަނުގައި ތިބި ސަޕޯޓަރުންނާ ސަލާމް ކުރައްވަމުން ޖަގަހަ ތެރެއަށް ވަދެވަޑައިގެންނެވި އިރު ވެސް އަޑުހަރުކޮށް ޖަހާފައި ހުރީ ޔާމީން ކުރިން ބޭނުންކުރެއްވި ކެމްޕޭނު ލަވަތަކެވެ.

ކެމްޕެއިން ޖަލްސާގައި މުއިއްޒާއި ޕީޕީއެމްގެ އިސްވެރިން ބައިވެރިވެ ވަޑައިގަންނަވަނީ

ކެމްޕެއިން ޖަލްސާގައި މުއިއްޒާއި ޕީޕީއެމްގެ އިސްވެރިން ބައިވެރިވެ ވަޑައިގަންނަވަނީ

ޖަގަހަ ތެރެއަށް ވަދެވަޑައިގެން، ދެ ޕާޓީގެ ލީޑަރުންނާ އެކު އެންމެ ކުރީ ގޮނޑިބަރީގައި މުއިއްޒު އިށީންދެ ވަޑައިގެންނެވިއިރު، މުއިއްޒުގެ ވައަތުން ގޮނޑިއެއް ހުސްކޮށް އިނެވެ. އެއީ މި ވަގުތު ޖަލުގައި އޮތް ޕާޓީގެ ރައީސް ޔާމީނަށް ހާއްސަކޮށްފައި ހުރި ގޮނޑިކަން އެނގޭ ގޮތަށް ހުރީ ލޭބަލެއް ތަތްކޮށްފަ އެވެ. ޕޯޑިއަމްގެ ފަހަތުގައި ބެކްޑްރޮޕްގައި ހުރީ ވެސް ހަމައެކަނި ޔާމީންގެ ފޮޓޯ އެކެވެ.

ޖަލްސާ ފަށައި، މުއިއްޒަށް ފުރުސަތު ދިނުމުގެ ކުރިން، ޕީއެންސީގެ ނައިބު ރައީސް އަދި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފާއި ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވާހަކަ ދެއްކެވި އެވެ.

އެންމެ ފުރަތަމަ ވާހަކަ ދެއްކެވި އާދަމް ޝަރީފް ވިދާޅުވި ގޮތުގައި މުއިއްޒަކީ ޔާމީންގެ "ޕްރޮޑަކްޓެކެވެ." ޖަލުގައި އޮތް ނަމަވެސް، މުޅި ކޯލިޝަން ބަދަހިކަމާއެކު ހިނގަނީ ޔާމީން ދެއްވާ އިރުޝާދާއި ލަފާގެ މަތިންނެވެ.

"މުއިއްޒު ވަނީ ޔާމީން ގެންގުޅުއްވި އުމްރާނީ ތަރައްގީގެ ލެގަސީ ވަރަށް ރަނގަޅަށް ދަސްކުރައްވާފައި،" ޔާމީންގެ ވެރިކަމުގައި ގެންނެވި ތަރައްގީގެ އިންގިލާބު މުއިއްޒު ކުރިއަށް ގެންދަވާނެ ކަމުގެ ޔަގީންކަން ދެއްވަމުން އާދަމް ޝަރީފް ވިދާޅުވި އެވެ.

އޭނާގެ ފަހުން ވާހަކަ ދެއްކެވި ޝިޔާމް ވިދާޅުވީ މުއިއްޒާއި ރަނިންމޭޓު އަދި ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސެއިން މުހައްމަދު ލަތީފް (ސެމްބެ) އަކީ ކޯލިޝަނުގެ ތެރެއިން ނެރެވޭނެ އެންމެ ގާބިލު ދެ ބޭފުޅުން ކަމަށެވެ.

އަދި ޔާމީންގެ ކެބިނެޓުގައި ހައުސިން މިނިސްޓަރުގެ ހައިސިއްޔަތުން މުއިއްޒު ކުރެއްވި އިހުލާސްތެރި، ބުރަ މަސައްކަތްތައް ވަރަށް ގާތުން ފެނިވަޑައިގަތް ކަމަށް ވިދާޅުވި އެވެ.

"އެތައް ދިވެހި ރައްޔިތަކު ވޯޓުލާނެ ފަރާތެއް ނެތި މަގުމަތިވެދާނެ ކަމުގެ ބިރުވެރިކަން އެ މަނިކުފާނުގެ ހިތްޕުޅުގައި އޮތީތީވެ އެ މަނިކުފާނު މިއަދު މި ވަނީ އަޅުގަނޑުމެންނަށް ގޮތެއް ދައްކަވާފައި. އެ މަނިކުފާނު ދެއްކެވީ އެ މަނިކުފާނުގެ އަރިހުން ޔަގީނުން ވެސް ތަރުބިއްޔަތުވެވަޑައިގެން ހުންނެވި އަދި އެ މަނިކުފާނުގެ ރަން ޒައާމަތުގައި ތަރައްގީގެ މަސައްކަތްތަކުގައި އެންމެ ބުރަކޮށް އުޅުއްވި އެއް ވަޒީރު ޑރ. މުއިއްޒު،" ޝިޔާމް ވިދާޅުވި އެވެ.

ލަވައެއް ލޯންޗުކޮށް، ޕާޓީއަށް ސޮއިކުރި އާ މެމްބަރުންގެ ފޯމު ހަވާލުކުރުމުގެ ނަންބަރަށް ފަހު، މުއިއްޒަށް ފުރުސަތު ދިނުމާ އެކު ވާހަކަ ފެއްޓެވީ ވެސް ވެރިކަން ލިބިވަޑައިގެންފިނަމަ، އެންމެ ފުރަތަމަ ކަމަކަށް ޔާމީން މިނިވަންކުރައްވާނެ ކަމުގެ ވައުދާ އެކު އެވެ.

އިންތިހާބު ބޮއިކޮޓު ކުރަން އެދިވަޑައިގެން، އެކަމަކު ފަހު ވަގުތު ނިންމުން ބަދަލުކުރައްވައި ޔާމީން މުއިއްޒަށް ފުރިހަމައަށް ތާއީދުކުރެއްވުމަށް ފަހު ބޭއްވި ފުރަތަމަ ޖަލްސާގައި މުއިއްޒުގެ ވާހަކަ މައިގަނޑު ގޮތެއްގައި އަމާޒުކުރެއްވީ ބޯހިޔާވަހިކަމުގެ މައްސަލަ އަށެވެ.

ރާއްޖޭގައި އޮތް އެންމެ ޒަމާންވީ އަދި އެންމެ ބޮޑު މައްސަލައިގެ ދާއިމީ ހައްލު ވެސް ނެރުއްވީ ޔާމީންގެ ގެންގުޅުއްވި ތަސައްވަރުންނެވެ.

ވިދާޅުވީ މުޅި ޕްލޭން އެކުލަވާލައި ޗާޓުތައް ކުރަހައި، ފައިސާ ހޯދާނެ ގޮތްތައް ވެސް ނިމިފައިވާ ކަމަށެވެ. އެއީ މުއިއްޒު ވިދާޅުވި ގޮތުގައި، ޔާމީންގެ އަރިހުގައި އުޅުއްވައިގެން، ކަން ކުރަންޖެހޭ ގޮތް ދަސްވި ކަމަށާއި ވެވަޑައިގަންނަވާ ވައުދެއް ވާނީ ކަން ކުރެވޭނެ ގޮތަށެވެ.

މިރޭގެ ޖަލްސާގައި މުއިއްޒާއި ޕީޕީއެމް/ޕީއެންސީގެ އިސް ބޭފުޅުން --- މިހާރު ފޮޓޯ/ނިޝާން އަލީ

މިރޭގެ ޖަލްސާގައި މުއިއްޒާއި ޕީޕީއެމް/ޕީއެންސީގެ އިސް ބޭފުޅުން --- މިހާރު ފޮޓޯ/ނިޝާން އަލީ

މުއިއްޒުގެ ތަސައްވަރާއި ޕްލޭން ހާމަކުރައްވަމުން ގެންދެވިއިރު، ޔާމީން ދަސްކޮށްދެއްވި ފިލާވަޅުތަކަށް އިޝާރާތް ކުރެއްވި އެވެ. ނުސީދާކޮށް ވިދާޅުވީ އޭނާ ހުންނެވި މަގާމު އޮޅިވަޑައިނުގަންނަވާ ކަމަށެވެ. ޔާމީންގެ "ޖާގަ" ނުނެންގެވޭނެ ކަމަށެވެ.

"ރިޔާސީ ކެންޑިޑޭޓަކީ އެމަނިކުފާނު. ދިވެހި ރައްޔިތުންގެ ރިޔާސީ ކެންޑިޑޭޓަކީ ރައީސް ޔާމީން."