Roadha Mihaaru
"މުއިއްޒުގެ ފަހަތުން ނުކުތީ ޔާމީންގެ އިރުޝާދުގެދަށުން"

މުއިއްޒުގެ ފަހަތުން ނުކުތީ ޔާމީންގެ އިރުޝާދުގެ ދަށުން ރާއްޖެ މިނިވަންކުރަން: ސައީދު

14 އޯގަސްޓް 2023

ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް ވެރިކަން ހޯދައި ދިނުމަށް އެ ކޯލިޝަންގެ ލީޑަޝިޕް ނުކުތީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އިރުޝާދުގެ މަތިން ރާއްޖެ މިނިވަން ކުރަން ކަމަށް ޕީއެންސީގެ ނައިބު ރައީސް މުހައްމަދު ސައީދު މިރޭ ވިދާޅުވެއްޖެ އެވެ.

ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް ވެރިކަން ހޯދައި ދިނުމަށް އެ ކޯލިޝަންގެ ލީޑަޝިޕް ނުކުތީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އިރުޝާދުގެ މަތިން ރާއްޖެ މިނިވަން ކުރަން ކަމަށް ޕީއެންސީގެ ނައިބު ރައީސް މުހައްމަދު ސައީދު މިރޭ ވިދާޅުވެއްޖެ އެވެ.

މާވަށު ދާއިރާގެ މެމްބަރުކަން ވެސް ކުރައްވާ ކުރީގެ އިކޮނޮމިކް މިނިސްޓަރު އެހެން ވިދާޅުވީ، އަންނަ މަހުގެ 9 ގައި ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ހއ. ދިއްދޫގައި ބޭއްވި މުއިއްޒުގެ ކެމްޕެއިން ޖަލްސާގަ އެވެ.

ސައީދު ވިދާޅުވީ، މުއިއްޒުގެ ފަހަތުން ޕީޕީއެމް/ޕީއެންސީ ނުކުތީ ރާއްޖޭގެ އިގްތިސާދު އަލުން ކޮޅަށް ޖެހުމަށާއި ޑޮލަރު ރޭޓް ކުރީގައި ހުރި ވަރަށް ގެނައުމަށް ކަމަށެވެ.

"މި ރާއްޖޭގެ ބޭންކްތައް، ވިޔަފާރިތައް، ކުދި، ބޮޑު ވިޔަފާރިތަކަށް ދިރުން ގެންނަން. ޒުވާނުންނަށް އާ އުންމީދުތަކެއް ގެންނަން. ކަނބަލުންނަށް އެ ބޭފުޅުންގެ ހައްގުތައް ގެނެސްދޭން. ރުޖޫއަ ކޮށްދޭން،" ޔާމީނާ ގާތް ގުޅުމެއް އޮންނަ ސައީދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވިގޮތުގައި ޕީޕީއެމް/ޕީއެންސީއަކީ ރާއްޖެ މިހާރު އޮތް މާޔޫސްކަމުން އަރައިގަންނަން މަސައްކަތް ކުރެވޭނެ ދެ ޕާޓީ އެވެ.

"ޑރ. މުއިއްޒަކީ މި ރޭހުގައި އިންޝާﷲ މި ނޮވެމްބަރު 17 ގައި ހުވާކުރާނެ ރައީސް،" ސައީދު ވިދާޅުވި އެވެ.

ޑރ. މުއިއްޒު، ރައީސް ޔާމީންގެ މަޝްރޫއުތަކުގައި، ރައީސް ޔާމީންގެ އިގްތިސާދީ ސިޔާސަތު ތަންފީޒު ކުރެއްވުމުގައި ވަރަށް މިންނަތްތެރި، ހިކުމަތްތެރި މަސައްކަތްތަކެއް ކުރެއްވި. އެހެންވީމާ މި ފަހަރު ރައީސް ޔާމީންގެ ކެންޑިޑޭޓަކަށް މި ހުންނެވި ޑރ. މުއިއްޒާ ދޭތެރޭގައި ހަމަ ގައިމު ވެސް އަޅުގަނޑުމެން ޝައްކު ކުރާނެ އެއްވެސް ޖާގައެއް ނެތް،" --- ސައީދު

މަނީ ލޯންޑަރިން އާއި ރިޝްވަތު ގަބޫލުކުރުމުގެ ކުށް ސާބިތުވެގެން 11 އަހަރުގެ ޖަލު ހުކުމެއްގައި ހުންނެވި ޔާމީނަށް އިޝާރާތް ކުރައްވައި ސައީދު ވިދާޅުވީ، ޕީޕީއެމް/ޕީއެންސީގެ ލީޑަޝިޕްގައި ތިއްބެވީ ޔާމީން ހިތުގައި ޖައްސާނެ ބޭފުޅުންތަކެއް ނޫން ކަމަށެވެ. ވިދާޅުވީ، މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ ދުވަހު ޔާމީން ޖަލުން މިނިވަން ކުރާނެ ކަމަށެވެ.

"ރައީސް [ޔާމީން] މިނިވަން ކުރާނެ ގާނޫނީ ހަމަތަކުގެ ތެރެއިން. ދިވެހި ރައްޔިތުންގެ ހިތްތަކަށް މި އުފާވެރިކަން ގެންނާނެ ކަމުގެ ފުރިހަމަ ޔަގީންކަން އަޅުގަނޑުމެންގެ ރިޔާސީ ކެންޑިޑޭޓް އެބަ ދެއްވާ،" ސައީދު ވިދާޅުވި އެވެ.

ދިއްދޫގައި މިރޭ ބޭއްވި ޑރ. މުއިއްޒުގެ ކެމްޕެއިން ޖަލްސާގައި އޭނާ އާއި އެހެން ބައެއް ސަޕޯޓަރުން ބައިވެރިވަނީ.---ފޮޓޯ: ޕީޕީއެމް

ދިއްދޫގައި މިރޭ ބޭއްވި ޑރ. މުއިއްޒުގެ ކެމްޕެއިން ޖަލްސާގައި އޭނާ އާއި އެހެން ބައެއް ސަޕޯޓަރުން ބައިވެރިވަނީ.---ފޮޓޯ: ޕީޕީއެމް

އޭނާ އާއި މުއިއްޒުގެ މެދުގައި އޮތް އެކުވެރިކަން ހާމަކޮށްދެއްވަމުން ސައީދު މިރޭ ވިދާޅުވީ، މުއިއްޒަކީ އޭނާގެ "ކްލާސްމޭޓެއް" ކަމަށެވެ. އޭނާ އެ އިޝާރާތް ކުރެއްވީ 2013 އިން 2018 އިގެ ނިޔަލަށް ޔާމީންގެ އިރުޝާދުގެ ދަށުން ކެބިނެޓްގައި މުއިއްޒާ އެކު މަސައްކަތް ކުރެއްވި ކުރެއްވުމަށެވެ.

ސައީދު ވިދާޅުވީ، "ޔާމީންގެ ކްލާހުގައި" އެ ބޭފުޅުން ގެންދެވީ ފިލާވަޅުތައް ދަސްކުރައްވަމުން ކަމަށާއި މުއިއްޒަކީ އާދަޔާ ހިލާފަށް ބުރަކޮށް، ހިކުމަތްތެރިކަމާއި ތެދުވެރިކަމާ އެކު މަސައްކަތް ކުރައްވާ ބޭފުޅެއް ކަމަށެވެ.

"ޑރ. މުއިއްޒު، ރައީސް ޔާމީންގެ މަޝްރޫއުތަކުގައި، ރައީސް ޔާމީންގެ އިގްތިސާދީ ސިޔާސަތު ތަންފީޒު ކުރެއްވުމުގައި ވަރަށް މިންނަތްތެރި، ހިކުމަތްތެރި މަސައްކަތްތަކެއް ކުރެއްވި. އެހެންވީމާ މި ފަހަރު ރައީސް ޔާމީންގެ ކެންޑިޑޭޓަކަށް މި ހުންނެވި ޑރ. މުއިއްޒާ ދޭތެރޭގައި ހަމަ ގައިމު ވެސް އަޅުގަނޑުމެން ޝައްކު ކުރާނެ އެއްވެސް ޖާގައެއް ނެތް،" ސައީދު ވިދާޅުވި އެވެ.