Roadha Mihaaru
ޕީޕީއެމްގެ ޓިކެޓް ލިބޭނެ ކަމަށް އުންމީދުކުރިން: ވަހީދު

ޕީޕީއެމް ޓިކެޓުގެ ފުރުސަތު ލިބޭނެކަމަށް އުއްމީދުކުރިން: ވަހީދު

19 އޯގަސްޓް 2023

އިދިކޮޅު ޕީޕީއެމްގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމުގެ ދޮރު ބަންދުވުމުން، އެ ޕާޓީގެ ތެރެއިން ރިޔާސީ ޓިކެޓު ހޯއްދެވުމުގެ ފުރުސަތު ލިބިވަޑައިގަންނަވާނެ ކަމަށް އުއްމީދު ކުރެއްވި ކަމަށް ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ރޭ ވިދާޅުވެއްޖެ އެވެ.

މުހައްމަދު ވިޝާމް މުހައްމަދު ވިޝާމް

އިދިކޮޅު ޕީޕީއެމްގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމުގެ ދޮރު ބަންދުވުމުން، އެ ޕާޓީގެ ތެރެއިން ރިޔާސީ ޓިކެޓު ހޯއްދެވުމުގެ ފުރުސަތު ލިބިވަޑައިގަންނަވާނެ ކަމަށް އުއްމީދު ކުރެއްވި ކަމަށް ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ރޭ ވިދާޅުވެއްޖެ އެވެ.

ޑރ. ވަހީދު ޕީޕީއެމުން ވަކިވެވަޑައިގަތީ އެ ޕާޓީގެ ރިޔާސީ ޓިކެޓާ މެދު އުފެދުނު ހިޔާލު ތަފާތުވުންތަކަށް ފަހު ޕީއެންސީގެ ފަރާތުން ޑރ. މުހައްމަދު މުއިއްޒު ރިޔާސީ އިންތިހާބަށް ނުކުންނަވާފައި ވަނިކޮށެވެ. އޭގެފަހުން އެމަނިކުފާނު ވަނީ ޖުމްހޫރީ ޕާޓީ އާ ގުޅިވަޑައިގަންނަވައިފަ އެވެ.

ޖޭޕީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމްގެ ކެމްޕޭނުގައި ރޭ ހދ. ކުޅުދުއްފުށީގައި ވަހީދު ވިދާޅުވީ ޕީޕީއެމުން ސީދާ ކެންޑިޑޭޓެއް ނުނެރުނީ ޔާމީންގެ އެންގެވުމާ ސީދާ ހިލާފަށް ކަމަށެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި، ޕީޕީއެމްގެ ޕްލޭން އޭ ގެ ގޮތުގައި އޮތީ ޔާމީން މިނިވަންވެވަޑައިގެން ވާދަކުރެއްވުމެވެ. އަދި, ޕްލޭން ބީ ގެ ގޮތުގައި އޮތީ ސީދާ ޕީޕީއެމުން ކެންޑިޑޭޓެއް ނެރުމެވެ. ޕީއެންސީން ކެންޑިޑޭޓެއް ނެރެ އެ ކެންޑިޑޭޓަކަށް ތާއީދުކުރުމަކީ އެންމެ ފަހަށް އޮތް ޕްލޭން ކަމަށް ވަހީދު ވިދާޅުވި އެވެ.

"އަޅުގަނޑު އުންމީދުކޮށްގެން ހުރީ އަޅުގަނޑަށް އެ ފުރުސަތު ލިބިދާނެ ކަމަށް ރައީސް ޔާމީނަށް ކުރިމަތިނުލެއްވޭ ހިނދެއްގައި," ޕްލޭން ބީ އަށް ކުރެއްވި އުއްމީދު ހިއްސާކުރައްވަމުން އެމަނިކުފާނު ވިދާޅުވި އެވެ.

ވަހީދު ވިދާޅުވީ ޔާމީންގެ ސީދާ އެންގެވުމާ ހިލާފަށް، ޕީޕީއެމުން ކެންޑިޑޭޓެއް ނުނެރުމަކީ އިހުތިރާމް ކުޑަ އަމަލެއް ކަމަށެވެ.

"އެހެންވީމާ އަޅުގަނޑަށް ގަބޫލުކުރެވުނީ 10 އަހަރު އެތާ ހުރެފައި, ނަމަވެސް, އެއްވެސް އިހުތިރާމެއް ނެތި އެއްވެސް ބަލާލުމެއް ނެތި ކަންކަން އެހެން ކުރީމާ އަޅުގަނޑު ނުޖެހޭ އެތާކު ހުންނާކަށް," ޖޭޕީ އާ ގުޅިވަޑައިންނެވި ސަބަބު ހާމަކުރައްވަމުން ވަހީދު ވިދާޅުވި އެވެ.

ޕީޕީއެމްގެ ކެންޑިޑޭޓެއް ރިޔާސީ ރޭހުގައި ނެތުމަކީ އެ ޕާޓީގެ މެމްބަރުން "މަގުމަތިވުން" ކަމަށް ވަހީދު ވަނީ މީގެކުރިން ވެސް ސިފަކުރައްވައިފަ އެވެ. އަދި އެމަނިކުފާނާ އެކު މަގުމަތިވި ޕީޕީއެމް މެމްބަރުން ގާސިމަށް ވޯޓު ދިނުމަށް ވަނީ ގޮވާލައްވައިފަ އެވެ.