Roadha Mihaaru
ތިލަމާލެ ބްރިޖު ނިންމާދެވޭނީ އަޅުގަނޑަށް: މުއިއްޒު

ތިލަމާލެ ބްރިޖު ވެސް ނިންމައިދެވޭނީ އަޅުގަނޑަށް: މުއިއްޒު

20 ސެޕްޓެމްބަރ 2023

ސިނަމާލެ ބްރިޖު ނިންމާލި ސްޕީޑުގައި މާލެ، ވިލިމާލެ، ގުޅިފަޅު އަދި ތިލަފުށި ގުޅާލުމަށް ހަދާ ތިލަމާލެ ބްރިޖުގެ މަސައްކަތް ވެސް ނިންމާލެވޭނީ ޕީޕީއެމް/ޕީއެންސީގެ ވެރިކަމެއްގައި ކަމަށް އިދިކޮޅުގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

އިފްރާޒް އަލީ ރ. ހުޅުދުއްފާރުން އިފްރާޒް އަލީ

ސިނަމާލެ ބްރިޖު ނިންމާލި ސްޕީޑުގައި މާލެ، ވިލިމާލެ، ގުޅިފަޅު އަދި ތިލަފުށި ގުޅާލުމަށް ހަދާ ތިލަމާލެ ބްރިޖުގެ މަސައްކަތް ވެސް ނިންމާލެވޭނީ ޕީޕީއެމް/ޕީއެންސީގެ ވެރިކަމެއްގައި ކަމަށް އިދިކޮޅުގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

މި މަހު 30 ގައި ބާއްވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކެމްޕެއިނަށް މިރޭ ރ. ހުޅުދުއްފާރުގައި ބޭއްވި ޖަލްސާގައި މުއިއްޒު ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި، އޭނާ ހައުސިން މިނިސްޓަރަކަށް ހުންނެވި އިރު މާލެ އާއި ހުޅުލެ ގުޅާލަން ހެދި ބްރިޖަކީ 190 މިލިއަން ޑޮލަރުގެ މަޝްރޫއެއް ކަމަށެވެ.

ޑރ. މުއިއްޒުގެ ކެމްޕެއިނަށް ރ. ހުޅުދުއްފާރުގައި ބޭއްވި ޖަލްސާގައި އޭނާ ވާހަކަދައްކަވަނީ.-- ފޮޓޯ: ޕީޕީއެމް

ޑރ. މުއިއްޒުގެ ކެމްޕެއިނަށް ރ. ހުޅުދުއްފާރުގައި ބޭއްވި ޖަލްސާގައި އޭނާ ވާހަކަދައްކަވަނީ.-- ފޮޓޯ: ޕީޕީއެމް

އިންޑިއާގެ ލޯނު އެހީގައި ހިންގާ ތިލަމާލެ ބްރިޖު މަޝްރޫއަށް 500 މިލިއަން ޑޮލަރު (7.7 ބިލިއަން ރުފިޔާ) ހަރަދުވެ އެވެ. އެއީ އިންޑިއާގެ އެގްޒިމް ބޭންކުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ދޭ 400 މިލިއަން ޑޮލަރާއި އިންޑިއާގެ ސަރުކާރުން ހިލޭ އެހީގެ ގޮތުގައި ދޭ 100 މިލިއަން ޑޮލަރެވެ. އެ ބްރިޖުގެ މަސައްކަތް އަވަސްކުރަން ސަރުކާރުން އިތުރު 100 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް މި އަހަރުގެ ކުރީކޮޅު ނަގާފައިވެ އެވެ.

މުއިއްޒު ވިދާޅުވި ގޮތުގައި، ތިލަމާލެ ބްރިޖުގެ އަދި ނިމުމަކާ ގާތް ވެސް ނުވާއިރު، މިދިޔަ ތިން އަހަރެއްހާ ދުވަހުގެ ތެރޭގައި އޭގެ ތެރެއިން 190 މިލިއަން ޑޮލަރު ހޭދަކޮށްފި އެވެ. އެކަމަކު، އެ މަސައްކަތުގެ އެއްވެސް ޕްރޮގްރެސްއެއް ނުފެނެ އެވެ.

"[ޔަމީން] 190 މިލިއަން ޑޮލަރު ހަރަދުކޮށްގެން ހެދި ބްރިޖު އެ އޮތީ ފެންނަން. މި ސަރުކާރުން ހަދާ ބްރިޖުގެ 190 މިލިއަން ޑޮލަރަށް ވީ ގޮތެއް ވެސް ނޭނގޭ. އެ ފެންނާކަށް ވެސް ނެތް،" އިންޑިއާގެ އެފްކޮންސް ކުންފުންޏާ ހަވާލުކޮށްގެން ހަދަމުން އަންނަ ބްރިޖާ ގުޅޭ ގޮތުން މުއިއްޒު ވިދާޅުވި އެވެ.

ޑރ. މުއިއްޒުގެ ކެމްޕެއިނަށް ރ. ހުޅުދުއްފާރުގައި ބޭއްވި ޖަލްސާ.-- ފޮޓޯ: ޕީޕީއެމް

ޑރ. މުއިއްޒުގެ ކެމްޕެއިނަށް ރ. ހުޅުދުއްފާރުގައި ބޭއްވި ޖަލްސާ.-- ފޮޓޯ: ޕީޕީއެމް

އެހާ ބޮޑު ހަރަދެއް ކޮށްގެން ހަދާ ބްރިޖުގެ އެންމެ ތަނބެއް ވެސް އަދި ޖަހާ ނުލެވޭ ކަމަށާއި މިދިޔަ ޖުލައި މަހު އެ ބްރިޖުން ދަތުރުފަތުރުކުރެވޭނެ ކަމަށް ބުނެ ސަރުކާރުން ރައްޔިތުންނަށް އޮޅުވާލި ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ބާއްވާ އެކި ޖަލްސާތަކުގައި މީގެ ކުރިން ވެސް މުއިއްޒު ވަނީ ތިލަމާލެ ބްރިޖު މަޝްރޫއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.

"މި މަޝްރޫއު ވެސް ހަމަ މަގަށް އަޅުވައިގެން ކުރިއަށް ގެންދަވާނީ އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން. އެ މަޝްރޫއުން އުފާ ފާގަތިކަން ގެނެސްދީ އެ ބްރިޖު ވެސް ނިންމަދޭނީ އަޅުގަނޑުމެން،" މުއިއްޒު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، މި ސަރުކާރަށް އާންމުންގެ ތާއީދު ކުޑަވީ މި ބްރިޖު މަޝްރޫއާ ގުޅިގެން ހަދާފައިވާ އޮޅުވާލުންތަކާއި ކޮވިޑްގެ ތެރޭގައި ހިންގި ކޮރަޕްޝަންތަކާއި ބޭރުގެ ބައެއްގެ މައްޗަށް ރާއްޖޭގެ މިނިވަންކަން ދޫކޮށްލުން ކަހަލަ އެތައް އޮޅުވާލުންތަކެއްގެ ސަބަބުން ކަމަށެވެ. އެގޮތަށް ކަންކަން ކޮށްފައި ރައްޔިތުންގެ ގާތަށް ވޯޓު ހޯދަން ސަރުކާރުން ދިއުމުން އެ ކަންކަމަށް ޖަވާބުދާރީ ކުރުވުމަށް ވެސް މުއިއްޒު މިރޭ ގޮވާލެއްވި އެވެ.