Roadha Mihaaru
ދެވަނަ ބުރުގެ ރީރަޖިސްޓްރޭޝަނަށް 47،000 ފޯމު

ދެވަނަ ބުރުގައި ވޯޓު ލާން 47،000 އަށް ވުރެ ގިނަ މީހުން ރީ-ރަޖިސްޓްރީ ވާން ހުށަހަޅައިފި

18 ސެޕްޓެމްބަރ 2023

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި، ރަށްވެހިފައިވާ ތަން ނޫން އެހެން ތަނަކަށް ވޯޓު ލާން 47،000 އަށް ވުރެ ގިނަ މީހުން ރީ-ރަޖިސްޓްރީ ވާން ހުށަހަޅާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ބުނެފި އެވެ.

މުހައްމަދު ވިޝާމް މުހައްމަދު ވިޝާމް

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި، ރަށްވެހިފައިވާ ތަން ނޫން އެހެން ތަނަކަށް ވޯޓު ލާން 47،000 އަށް ވުރެ ގިނަ މީހުން ރީ-ރަޖިސްޓްރީ ވާން ހުށަހަޅާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ބުނެފި އެވެ.

އީސީން ބުނީ މިދިޔަ ހުކުރު ދުވަހު ރީ-ރަޖިސްޓްރޭޝަނަށް ހުޅުވާލައި، އިއްޔެ ހަވީރު 4:00 އަށް ވަގުތު ހަމަވި އިރު 47،000 އަށް ވުރެ ގިނަ ފޯމު ލިބިފައިވާ ކަމަށާއި، އޭގެތެރެއިން 19،000 އަށް ވުރެ ގިނަ ފޯމު މިހާރު ވެސް ރީ-ރަޖިސްޓްރީ ކޮށްދެވިފައިވާ ކަމަށެވެ.

ބާކީ ފޯމުތަކުގެ ސައްހަކަން ކަށަވަރު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި، އެ މަސައްކަތް ނިމުނުހާ އަވަހަކަށް، މުޅި ލިސްޓު ޝަކުވާއަށް ހުޅުވާލާނެ ކަމަށް ބުންޏެވެ.

މި މަހުގެ ނުވަ ވަނަ ދުވަހު އޮތް އިންތިހާބުގައި ފުރަތަމަ ބުރުގައި ރީ-ރަޖިސްޓްރީވި 42،000 އެއްހާ މީހުންނާ އަޅާބަލާއިރު، މި ފަހަރު އެއަށް ވުރެ ގިނަ އަދަދެއްގެ މީހުން ރީ-ރަޖިސްޓްރޭޝަނަށް ހުށަހެޅުމާ މެދު އިދިކޮޅުން ދަނީ ސުވާލު އުފައްދަމުންނެވެ. އަދި އެކަން ކުރަމުންދަނީ، ރީ-ރަސްޖިސްޓްރީ ވާން ހުށަހަޅައި މީހާ އަށް ނޭނގި، ވޯޓު ގެއްލުވާލުމުގެ ނިޔަތުގައި ކަމަށް ވެސް ތުހުމަތުތައް ދަނީ ކުރެވެމުންނެވެ. މި ފަހަރު އޮންލައިންކޮށް ވެސް ރީ-ރަޖިސްޓްރީ ވާން ހުށަހެޅޭ އިރު، އެ ޕޯޓަލްގެ ކޮންޓްރޯލް އީސީގެ ބޭރުން ބަޔަކު ނަގައިގެން އުޅޭ ކަމުގެ ތުހުމަތުތައް ވެސް ވަނީ އަމާޒުވެފަ އެވެ.

އެ ތުހުމަތުތައް އީސީން ދޮގުކޮށްފައިވާ އިރު، އެ ކޮމިޝަނުން މިއަދު ބުނީ، ދެވަނަ ބުރުގައި ވޯޓު ލާން ރީ-ރަޖިސްޓްރީކުރާ މީހުން މުޅި ލިސްޓު، ޝަކުވާ ހުށަހެޅުމުގެ މަރުހަލާ ނިމުމުން، ގެޒެޓާއި އީސީގެ ވެބްސައިޓުގައި ޝާއިއުކޮށް، ކެންޑިޑޭޓުންނާއި ސިޔާސީ ޕާޓީތަކާ ވެސް ހިއްސާކުރާނެ ކަމަށެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވާދަކުރައްވާނީ ފުރަތަމަ ބުރުގައި އެންމެ ގިނަ ވޯޓު ހޯއްދެވި އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު އާއި އެމްޑީޕީގެ ކެންޑިޑޭޓު ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.

ދެވަނަ ބުރުގެ ވޯޓު ލުން އޮންނާނީ މި މަހުގެ 30 ވަނަ ދުވަހު އެވެ.