Roadha Mihaaru
ވޯޓުލާ 282،395 މީހުން: ލިސްޓް ފައިނަލްކޮށްފި

ވޯޓުލުމުގެ ހައްގު އޮތް 282،395 މީހުން: ލިސްޓް ފައިނަލްކޮށްފި

20 އޯގަސްޓް 2023

އަންނަ މަހު ބާއްވާ ރިޔާސީ އިންތިހާބުގައި ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ ލިސްޓަށް ޝަކުވާ ހުށަހެޅުމަށް ދިން މުއްދަތަށް ފަހު، ފައިނަލް ލިސްޓު އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ގެޒެޓްކޮށްފި އެވެ.

އަންނަ މަހު ބާއްވާ ރިޔާސީ އިންތިހާބުގައި ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ ލިސްޓަށް ޝަކުވާ ހުށަހެޅުމަށް ދިން މުއްދަތަށް ފަހު، ފައިނަލް ލިސްޓު އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ގެޒެޓްކޮށްފި އެވެ.

އެންމެ ފަހުން ނެރުނު ލިސްޓާ އެއްގޮތަށް، ފައިނަލް ލިސްޓުގައިވާ ގޮތުން، އަންނަ މަހު ނުވަ ވަނަ ދުވަހު އޮންނަ އިންތިހާބުގައި ވޯޓު ލުމުގެ ހައްގު 282،395 މީހަކަށް ލިބެ އެވެ. މީގެ ތެރެއިން 27،000 އަށް ވުރެ ގިނަ މީހުންނަކީ 18 އަހަރު ފުރުމާ އެކު މިފަހަރު އަލަށް ވޯޓު ލެވޭ ޒުވާނުންނެވެ.

ފައިނަލް ލިސްޓު ނެރުމުގެ ކުރިން އީސީގެ ނައިބު އިސްމާއިލް ހަބީބު ކުރެއްވި ޓްވީޓެއްގައި މި ލިސްޓަށް ދެން ކޯޓު އަމުރަކުން ނޫނީ ބަދަލެއް ނުގެނެވޭނެކަން ވަނީ ފާހަގަކުރައްވައިފަ އެވެ.

"މި ފައިނަލް ލިސްޓަކީ، އިސީގެ ވެބްސައިޓުގައި ދުވަހުން ދުވަހަށް އާންމުކުރަމުން، ސިޔާސީ ޕާޓީތަކާ ލިސްޓު ހިއްސާކުރުމުގެ އިތުރުން، ޝަކުވާއަށް ހުޅުވައި، ޝަކުވާގެ މުއްދަތުގައި ލިބުނު ޝަކުވާތަކަށް ވެސް ރިއާޔަތްކޮށްގެން، ފައިނަލް ކުރެވިފައިވާ އެންމެފަހުގެ ލިސްޓު،" ހަބީބްގެ ޓްވީޓްގައިވެ އެވެ.

އިންތިހާބާ ބެހޭ ބައެއް ތަފާސްހިސާބު

އިންތިހާބާ ބެހޭ ބައެއް ތަފާސްހިސާބު

މި އިންތިހާބުގައި 574 ވޯޓު ފޮށި ބަހައްޓާނެ އެވެ. އެއީ މާލެ ސަރަހައްދުގައި އެކަނި ވެސް 176 ފޮށި ބަހައްޓަން ނިންމާފައި ވާއިރު ރާއްޖޭން ބޭރުގެ ފަސް ގައުމެއްގައި އަށް ފޮށި ބަހައްޓާނެ އެވެ.

އަންނަ މަހުގެ ނުވަ ވަނަ ދުވަހު ބާއްވާ އިންތިހާބުގައި އެއްވެސް ކެންޑިޑޭޓަކަށް، ސައްހަ ވޯޓުގެ 50 ޕަސެންޓަށް ވުރެ ގިނައިން ނުލިބިއްޖެ ނަމަ ދެ ވަނަ ބުރެއްގެ ވޯޓުލުން 30 ވަނަ ދުވަހު ބާއްވާނެ އެވެ. އެ ބުރުގައި ވާދަކުރާނީ ފުރަތަމަ ބުރުން އެންމެ ގިނައިން ވޯޓު ލިބިފައިވާ ދެ ކެންޑިޑޭޓުންނެވެ.

އިންތިހާބުގައި އަށް ކެންޑިޑޭޓަކު ވާދަކުރައްވާއިރު މިއީ މިހާތަނަށް އެންމެ ގިނަ ކެންޑިޑޭޓުން ރިޔާސީ އިންތިހާބެއްގައި ވާދަކުރާ ފަހަރެވެ.