Roadha Mihaaru
ހަސަން، 18 އަހަރަށް ފަހު ޖަމާލުއްދީން ސްކޫލާ ދުރަށް

ހަސަން، 18 އަހަރަށްފަހު ޖަމާލުއްދީން ސްކޫލްގެ ޕްރިންސިޕަލްގެ މަގާމުން ވަކިވެއްޖެ

17 ސެޕްޓެމްބަރ 2023

ޖަމާލުއްދީން ސްކޫލުގެ ޕްރިންސިޕަލްގެ މަގާމުގައި ގިނަ އަހަރުތަކެއް ވަންދެން ހުންނެވި، ހަސަން މުހައްމަދު އެ މަގާމުން ވަކިވެވަޑައިގެންފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ޖަމާލުއްދީން ސްކޫލުގެ ޕްރިންސިޕަލްގެ މަގާމުގައި ގިނަ އަހަރުތަކެއް ވަންދެން ހުންނެވި، ހަސަން މުހައްމަދު އެ މަގާމުން ވަކިވެވަޑައިގެންފި އެވެ.

އޭނާ "މިހާރު" އަށް ވިދާޅުވީ 18 އަހަރު ވަންދެން ހިންގި ސްކޫލުން މިދިޔަ މަހު ފެށި ދިރާސީ އާ އަހަރާ އެކު ދުރަށް ވަޑައިގެންނެވީ ސިއްހީ ހާލަތު ހުރި ގޮތުން މަސައްކަތަށް އެކަށީގެންވާ ވަގުތު ނުދެއްވޭތީ ކަމަށެވެ. އެހެންވެ، އެޑިއުކޭޝަން އޮފިސަރުގެ މަގާމަށް ހަސަން ވަނީ އެޑިއުކޭޝަން މިނިސްޓްރީއަށް ބަދަލުވެފަ އެވެ. ހަސަން ވަކިވެވަޑައިގެންނެވުމާ ގުޅިގެން ސްކޫލު ހިންގުމާ ހަވާލުވެވަޑައިގެންނެވީ ޑެޕިއުޓީ ޕްރިންސިލްގެ މަގާމުގައި ހުންނެވި އައިޝަތު ޝީތާ އެވެ.

ހަސަން ސްކޫލުގައި ހުންނަވަނިކޮށް މިދިޔަ އަހަރުގެ ޖުލައި މަހު ސްކްރޯކެއް ޖެހި، އޭނާ ގެންދަވަނީ އެކަމަށް ފަރުވާ ހޯއްދަވަމުންނެވެ. ކުރިއަށް ވުރެ ހާލު ރަނގަޅުވިޔަސް، ކުރީގެ ހާލަތަށް ބަދަލުވުމަށް ވަގުތު ނަގާނެ ކަމަށް ޑޮކްޓަރުން ބުނެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ޖަމާލުއްދިީން ސްކޫލުގައި ބޭއްވި ހަރަކާތެއްގައި، އެ ސްކޫލުގެ ދަރިވަރުންނާއެކު ޕްރިންސިޕަލްގެ މަގާމުގައި ހަސަން ހުންނެވިއިރު ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ޖަމާލުއްދީން ސްކޫލު

ޖަމާލުއްދިީން ސްކޫލުގައި ބޭއްވި ހަރަކާތެއްގައި، އެ ސްކޫލުގެ ދަރިވަރުންނާއެކު ޕްރިންސިޕަލްގެ މަގާމުގައި ހަސަން ހުންނެވިއިރު ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ޖަމާލުއްދީން ސްކޫލު

"އަޅުގަނޑުގެ އާދަ ހުންނަގޮތުން ބަންދު ދުވަހެއްގައި ވެސް ސްކޫލު ކޮންމެ ވެސް މަސައްކަތެއް ކޮށްލަން ދާންޖެހޭނެ. އެ ދުވަހު ވެސް އެއީ ބަންދު ދުވަހެއް. ސްކޫލުގައި އިންދާ ސްޓްރޯކް ޖެހުނީ،" ހަސަން ވިދާޅުވި އެވެ.

ތައުލީމީ ދާއިރާގައި 34 އަހަރު ހޭދަކުރައްވާފައިވާ ހަސަން ވިދާޅުވި ގޮތުގައި، ސްކޫލުގެ ޕްރިންސިޕަލްގެ މަގާމުގައި ހުންނަވައި ގިނަ ކާމިޔާބީތަކެއް ވަނީ ހޯދިފައި އެވެ. އެގޮތުން، ޖޭއެސްގައި އަލަށް އޯ ލެވެލް ހަދައި، މާލޭގައި ތަޖުރިބާ ހުރި އެހެން ސްކޫލުތަކާ އެއް ފެންވަރެއްގައި ހިފަހައްޓައި، އާއްމުންގެ އިތުބާރު ލިބުމަކީ ވަރަށް ބޮޑު އުފަލެއް ކަމަށް ވިދާޅުވި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ޖޭއެސްގެ ޕްރިންސިޕަލް ހަސަން ތައުލީމީ ދާއިރާއަށް ކޮށްދެއްވި ހިދުމަތުގެ އަގުވަޒަންކޮށް 2020 ވަނަ އަހަރު ގައުމީ އިނާމު ހަވާލުކުރައްވަނީ.-- ފޮޓޯ: ރައީސް އޮފީސް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ޖޭއެސްގެ ޕްރިންސިޕަލް ހަސަން ތައުލީމީ ދާއިރާއަށް ކޮށްދެއްވި ހިދުމަތުގެ އަގުވަޒަންކޮށް 2020 ވަނަ އަހަރު ގައުމީ އިނާމު ހަވާލުކުރައްވަނީ.-- ފޮޓޯ: ރައީސް އޮފީސް

އޭގެ އިތުރުން، އަޑުއިވުމާއި ވާހަކަދެއްކުމުން މަހުރޫމްވެފައިވާ ކުދިންނަށް ގްރޭޑު 10 އާ ހަމައަށް ކިޔަވައިދޭން ފަށައި، އޯ ލެވެލް އިމްތިހާނު ހަދަން ފެށުމަކީ ވެސް، ސްކޫލުގައި ހޭދަކުރެއްވި ދިގު މުއްދަތުގައި ހޯއްދެވުނު ކާމިޔާބީއެއްކަން އޭނާ ފާހަގަކުރައްވަ އެވެ.

"ކުރިން އެ ކުދިން ގްރޭޑު ހަތެއް ނިންމާފައި ގެއަށް ދާނީ. ކުރިއަށް ދެވޭނެ ގޮތެއް ނޯވޭ. އެކަމަކު، އަޅުގަނޑަށް ގަބޫލުކުރެވުނީ އެއީ އެކަން ވާންޖެހޭ ގޮތެއް ނޫންކަން. އެ ކުދިން އޯ ލެވެލް ހަދައި ރަނގަޅު ކާމިޔާބީތައް ވެސް ހޯދަމުން މިހާރު އަންނަނީ،" ހަސަން ވިދާޅުވި އެވެ.

ޕްރިންސިޕަލްގެ މަގާމުގައި ޖަމާލުއްދިީން ސްކޫލަށް ހަސަން ކޮށްދެއްވި ހިދުމަތުގެ އަގުވަޒަންކުރަން މި މަހު ބޭއްވި ހަފުލާގައި، ހަސަން އަދި އެ ސްކޫލުގެ މުވައްޒަފުންތަކެއް ފޮޓޯއަކަށް ހުއްޓިލައިގެން.-- ފޮޓޯ: ޖަމާލުއްދީން ސްކޫލު

ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ޖަމާލުއްދީންގައި ވެސް އެންމެ ފުރަތަމަ ކިޔަވައިދިނީ ވަކިންނެވެ. ނަމަވެސް، އެހެން ކްލާސްތަކާ އެއްކޮށްލައިގެން މިހާރު ކިޔަވައިދެމުން އަންނައިރު، އަޑުއިވުމާއި ވާހަކަދެއްކުން އަދި އެހެން ނުކުޅެދުންތެރިކަން ހުންނަ 20 ވަރަކަށް ކުދިން މިހާރު ވެސް އެ ސްކޫލުގައި ކިޔަވަ އެވެ.

އެ މަސައްކަތުގެ އަގުވަޒަންކޮށް ސަރުކާރުން ވަނީ ހަސަން އަށް 2020 ވަނަ އަހަރު ގައުމީ އިނާމު އަރުވައިފަ އެވެ.

ވިލިމާލޭގައި ހުންނަ މުހްޔިއްދީން ސްކޫލުގެ ޕްރިންސިޕަލްކަން 1999 އިން 2005 ވަނަ އަހަރު ކުރައްވައި، ހަސަން ވަނީ މާލޭ ސަރަހައްދުގެ ސްކޫލުތަކުގެ ޕްރިންސިޕަލްކަން 24 އަހަރު އަދާ ކުރައްވައިފަ އެވެ.