Roadha Mihaaru
"ހުށަހެޅީ ފޭކް ފޯމްތަކެއް، ހައްލުނުކޮށް ވޯޓުލައިގެން ނުވާނެ"

ރީރަޖިސްޓަރީ ކުރަން ހުށަހެޅީ ފޭކް ފޯމްތަކެއް، އެކަން ހައްލު ނުކޮށް ވޯޓު ލައިގެން ނުވާނެ: އަބްދުއްރަހީމް

17 ސެޕްޓެމްބަރ 2023

މި ސަރުކާރުން ރިޔާސީ އިންތިހާބު "ވަގަށް" ނެގުމުގެ މަސައްކަތް ފަށައިފި ކަމަށާއި ރީރަޖިސްޓަރީ ކުރުމަށް ދެ ދުވަސް ތެރޭ 25،000 ފޯމު ހުށަހަޅާފައިވަނީ އެ އޮޅުވާލުމުގެ ތެރެއިން ކަމަށް ޕީޕީއެމް/ޕީއެންސީ ހިންގުމާ ހަވާލުވެ ހުންނެވި އަބްދުއްރަހީމް އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.

ނާޒިމް ހަސަން ކުމުންދޫން ނާޒިމް ހަސަން

މި ސަރުކާރުން ރިޔާސީ އިންތިހާބު "ވަގަށް" ނެގުމުގެ މަސައްކަތް ފަށައިފި ކަމަށާއި ރީރަޖިސްޓަރީ ކުރުމަށް ދެ ދުވަސް ތެރޭ 25،000 ފޯމު ހުށަހަޅާފައިވަނީ އެ އޮޅުވާލުމުގެ ތެރެއިން ކަމަށް ޕީޕީއެމް/ޕީއެންސީ ހިންގުމާ ހަވާލުވެ ހުންނެވި އަބްދުއްރަހީމް އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.

ރަށްވެހިވެފައިވާ ތަން ނޫން އެހެން ތަނަކަށް ވޯޓު ލާން، މި މަހުގެ 30 ގައި ބާއްވާ ރިޔާސީ އިންތިހާބަށް ރީ-ރަޖިސްޓަރީ ކުރަން މިހާތަނަށް 25،000 އަށް ވުރެ ގިނަ ފޯމު ލިބިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން މިއަދު ވަނީ ބުނެފަ އެވެ.

އެކަމާ ގުޅިގެން، ކަންބޮޑުވުމާ އެކު ވާހަކަ ދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ ދެ ދުވަސް ތެރޭގައި 25،000 ފޯމު ހުށަހެޅުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށާއި އެއީ ފޭކް ފޯމްތަކެއް ކަމަށެވެ. އެކަން ކުރަނީ ސަރުކާރުން އިންތިހާބު "ވަގަށް" ނެގުމަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެ ކަންބޮޑުވުން އިލެކްޝަން ކޮމިޝަންގެ މެންބަރުންގެ ވެސް އެބައޮތް ކަމަށް އޭނާ ވިދާޅުވި އެވެ.

"ވަރަށް ބޮޑު ކަންބޮޑުވުމެއް. އިލެކްޝަން ކޮމިޝަންގެ ރައީސް ފުއާދު އަށް ވެސް އަޅުގަނޑު ގުޅިން މިއަދު. ފުއާދު ވިދާޅުވި ވަރަށް ބޮޑު ކަންބޮޑުވުމެއް އެބަ އޮތޭ. ރީރަޖިސްޓާ ކުރާ ގޮތް ބަލައިދޭށޭ،" ހދ. ކުމުންދޫގައި ވާހަކަ ދައްކަވަމުން އަބްދުއްރަހީމް ވިދާޅުވި އެވެ.

"މި ސަރުކާރުން އެ އުޅެނީ އިންތިހާބު ވަގަށް ނަގަން. އެ ވަގަށް ނެގުމުގެ ފުރުސަތު ދީގެން ނުވާނެ."

އަބްދުއްރަހީމް ވިދާޅުވީ އެ ފޯމުތަކަށް ވަރަށް ބޮޑަށް ފާރަވެރިވާން އެބަޖެހޭ ކަމަށާއި މިހާރުން މިހާރަށް ހުރިހާ ކަމެއް ހުއްޓާލައި އެ މަސައްކަތް ފަށަން ޖެހޭ ކަމަށެވެ. އެ ރަށެއްގައި ރީރަޖިސްޓަރީވި މީހުންނަކީ ކޮބައިތޯ ބަލައި، ހަގީގަތުގައި ވެސް އެ މީހަކު ފޯމު ހުށަހެޅިތޯ ޔަގީން ކުރަން އަބްދުއްރަހީމް ޕީޕީއެމްގެ މެންބަރުންނަށް ގޮވާލެއްވި އެވެ.

"މޭޒެއް ކައިރީގައި އިށީނދެ، މި މަސައްކަތް ފަށަން ގޮވާލަން. ރަޖިސްޓްރީ ކުރެވުނު ތަން ސާފުކޮށްދޭން އެބަ ޖެހޭ. ވަރަށް ބޮޑަށް ފަރުވާތެރިވެގެން ނޫނީ މިކަން ނުވާނެ. 48 ގަޑިއިރު މި ލިބެނީ ޝަކުވާ ހުށަހަޅަން، އެ މުއްދަތުގެ ތެރޭ މިކަން އެބަ ޖެހޭ ކުރަން. ދެ ދުވަހުގެ ތެރޭގައި 25،000 މިއީ ކަނޑައެޅިގެން ދޮގެއް. ކިހިނެއް އެކަން ކުރާނީ،" އަބްދުއްރަހީމް ވިދާޅުވި އެވެ.

"ރަނގަޅަށް ސާފުކޮށް އޮޅުންފިލުވައިގެން ނޫނީ އިންތިހާބު ބާއްވައިގެން ނުވާނެ."

ވަރަށް ބޮޑު ކަންބޮޑުވުމެއް. އިލެކްޝަން ކޮމިޝަންގެ ރައީސް ފުއާދު އަށް ވެސް އަޅުގަނޑު ގުޅިން މިއަދު. ފުއާދު ވިދާޅުވި ވަރަށް ބޮޑު ކަންބޮޑުވުމެއް އެބަ އޮތޭ. ރީރަޖިސްޓާ ކުރާ ގޮތް ބަލައިދޭށޭ،"--- އަބްދުއްރަހީމް

އަބްދުއްރަހީމް ވިދާޅުވީ މިއަދު މެންދުރު އެކެއް ޖަހާއިރު ޕީޕީއެމް/ޕީއެންސީގެ ލީޑަޝިޕްގެ ބޭފުޅުން އިލެކްޝަންސް ކޮމިޝަނަށް ވަޑައިގަންނަވާނެ ކަމަށާއި އެ ތަނުން ނުކުންނާނީ ރީރަޖިސްޓްރޭޝަން މައްސަލަ ކޮޅެއްގައި ޖައްސައި ހައްލުކޮށްފައި ކަމަށެވެ.

"އަޅުގަނޑު ގޮވާލަން ހަމައެކަނި ލީޑަޝިޕްގެ ބޭފުޅުންނެއް ނޫން. އާންމު މެންބަރުންނާއި ސެނެޓުން ވެސް [އީސީ އަށް] ވަޑައިގަންނަވާ. އެކެއް ޖަހާއިރު ކޮޅެއްގަ ޖައްސާފައި ނޫނީ ގެއަށް ވަދެގެން ނުވާނެ. ވައްކަން ކުރަން ފުރުސަތު ދީގެން ނުވާނެ. މި ފުރުސަތު ދީގެން ނުވާނެ،" އަބްދުއްރަހީމް ވިދާޅުވި އެވެ.

"އެހެން ހުރިހާ ކަމެއް ހުއްޓާފައި މިކަން ހައްލު ކުރަން އުޅެންވީ. ލާހިކެއް ނޫން މި އިންތިހާބު ވަގަށް ނަގާކަށް. ލީޑަރުންނަށް އެކަނި ދޫކޮށްނުލާ. ހުރިހާ މެންބަރުން ވަޑައިގަންނަވާ."

ހދ. ކުމުންދޫގައި ވާހަކަ ދައްކަވަމުން ޕީއެންސީ/ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވެސް ވަނީ އެކަމާ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ. އޭނާ ވިދާޅުވީ ރައްޔިތުން ވަނީ އިންތިހާބުގައި އެ މީހުންގެ ބަސް ބުނެފައި ކަމަށާއި ނަތީޖާ ވަރަށް ސާފު ކަމަށެވެ. އެ ނަތީޖާ އޮޅުވާލައިގެން ބަދަލުކުރަން ފުރުސަތު ދީގެން ނުވާނެ ކަމަށް ވިދާޅުވި އެވެ.

"ސައްހަ ނޫން އެތައް ހާސް ފޯމެއް ވައްދައިގެން އިންތިހާބު ވަގަށް ނަގަން ފުރުސަތު ދީގެން ނުވާނެ. ފަރުދީ ގައުމީ ޒިންމާ އަދާކުރުމަށް އެދެން. ރައްޔިތުންގެ ހައްގުތައް ނިގުޅައިގަންނަން ފުރުސަތު ދީގެން ނުވާނެ. މި ފުރުސަތު ދެވިގެން ނުވާނެ،" މުއިއްޒު ވިދާޅުވި އެވެ.