Roadha Mihaaru

އޭޝިއަން ކަޕްގައި ފުރަތަމަ ފަހަރަށް އަންހެން ރެފްރީން

ދޯހާ (ސެޕްޓެމްބަރު 15) - އަންނަ އަހަރުގެ ޖެނުއަރީ މަހު ފެށުމަށް ހަމަޖެހިފައިވާ އޭއެފްސީ އޭޝިއަން ކަޕް ފުޓްބޯޅަ މުބާރާތުގައި، ފުރަތަމަ ފަހަރަށް އަންހެން ރެފްރީން އިންސާފް ކުރާގޮތަށް ހަމަޖެހިއްޖެ އެވެ.

އޭޝިއަން ކަޕްގައި ފުރަތަމަ ފަހަރަށް އަންހެން ރެފްރީން
މުހައްމަދު ޒަޔާން ޒާހިރު
މުހައްމަދު ޒަޔާން ޒާހިރު

15 ސެޕްޓެމްބަރ 2023

ދޯހާ (ސެޕްޓެމްބަރު 15) - އަންނަ އަހަރުގެ ޖެނުއަރީ މަހު ފެށުމަށް ހަމަޖެހިފައިވާ އޭއެފްސީ އޭޝިއަން ކަޕް ފުޓްބޯޅަ މުބާރާތުގައި، ފުރަތަމަ ފަހަރަށް އަންހެން ރެފްރީން އިންސާފް ކުރާގޮތަށް ހަމަޖެހިއްޖެ އެވެ.

އަންހެން މެޗް އޮފިޝަލުންގެ ތެރޭގައި ދެ ރެފްރީންނާއި ތިން އެސިސްޓެންޓް ރެފްރީން ހިމެނެ އެވެ. މިދިޔަ އަހަރު ގަތަރުގައި އޮތް ފިރިހެނުންގެ ފީފާ ވޯލްޑް ކަޕްގައި އިންސާފް ކުރި ޖަޕާނުގެ ޔޮޝިމީ ޔަމަޝިތާ ވެސް ރެފްރީންގެ ތެރޭގައި ހިމެނެ އެވެ.

"ތާރީހުގައި ފުރަތަމަ ފަހަރަށް، އޭޝިއާގެ އެންމެ ޝަރަފްވެރި ފިރިހެނުންގެ ފުޓްބޯޅަ މުބާރާތުގައި އަންހެން މެޗް އޮފިޝަލުން އިންސާފް ކުރާނެ،" އޭޝިއަން ފުޓްބޯޅަ ކޮންފެޑެރޭޝަން (އޭއެފްސީ) އިން އިއްޔެ ނެރުނު ބަޔާނުގައި ވެއެވެ.

އެންމެ ފަހުން 2019 ވަނަ އަހަރުގެ އޭޝިއަން ކަޕްގެ ކުއާޓާ ފައިނަލާ ހަމައިން ވީޑިއޯ އެސިސްޓެންޓް ރެފްރީ (ވީއޭއާރު) ބޭރުން ކުރަން ފެށީ ނަމަވެސް، އަންނަ އަހަރުގެ މުބާރާތުގެ ހުރިހާ މެޗެއްގައި ވެސް ވީއޭއާރު ބޭނުން ކުރަން ވަނީ ނިންމައިފަ އެވެ.

އަންނަ އަހަރު ގަތަރުގައި ބާއްވާ މުބާރާތުގެ ދިފާއީ ޗެމްޕިއަނުންނަކީ ވެސް ގަތަރެވެ. މިދިޔަ އަހަރު ގަތަރުގައި ބޭއްވި ވޯލްޑް ކަޕްގެ ގަދަ 16 އަށް ދަތުރުކުރި ޖަޕާނާއި ދެކުނު ކޮރެއާ އަކީ ވެސް މުބާރާތުގެ ފޭވަރިޓުންގެ ގޮތުގައި ހިމެނޭ ގައުމުތަކެވެ.

މިދިޔަ މަހު އޭއެފްސީން ވަނީ، 2024/2025 ސީޒަނުން ފެށިގެން މުޅިން އަލަށް އަންހެނުންގެ އޭޝިއަން ޗެމްޕިއަންސް ލީގެއް ފަށަން ނިންމައިފަ އެވެ.